ދައުލަތުގެ ރަސްމީ ރިޒާވްއާއި ޔޫޒަބަލް ރިޒާވް މި އަހަރު ދަށަށް ނުދާހާ މިންވަރަށް ފާއިތުވި ޖުލައި މަހު ދަށަށް ހިނގައްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ޖުލައި މަހު ދައުލަތުގެ ރަސްމީ ރިޒާވްގައި ހުރީ 594.1 މިލިއަން ޑޮލަރެވެ. މިއީ މި އަހަރުގެ ޖޫން މަހު ރަސްމީ ރިޒާވްގައި ހުރި އަދަދަށްވުރެ 108.1 މިލިއަން ޑޮލަރު މަދު އަދަދެކެވެ.

ރަސްމީ ރިޒާވުން ކުރު މުއްދަތުގެ ދަރަނި އުނިކުރުމުން ޔޫޒަބަލް ރިޒާވްގައި ޖުލައި މަހު ހުރީ 125 މިލިއަން ޑޮލަރެވެ. މިއީ ޖޫން މަހު ޔޫޒަބަލް ރިޒާވްގައި ހުރި 168.1 މިލިއަން ޑޮލަރަށް ވުރެ 43.1 މިލިއަން ޑޮލަރު މަދު އަދަދެކެވެ.

މީގެ ކުރިން ދައުލަތުގެ ރަސްމީ ރިޒާވް އަދި ޔޫޒަބަލް ރިޒާވް އެންމެ ދަށަށް ގޮސްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އެގޮތުން މިދިޔަ އޮކްޓޯބަރު މަހު ރަސްމީ ރިޒާވްގައި ހުރީ 499.6 މިލިއަން ޑޮލަރެވެ. އަދި ޔޫޒަބަލް ރިޒާވްގައި ހުރީ 105.1 މިލިއަން ޑޮލަރެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ވެސް ދައުލަތުގެ ރިޒާވް މިހާ ދަށަށް ގޮސްފައެއް ނުވެއެވެ. އެގޮތުން 2022 ވަނަ އަހަރުގެ ޖުލައި މަސް ނިމުނު އިރު ޖުމްލަ ރިޒާވްގައި 728 މިލިއަން ޑޮލަރު ހުއްޓެވެ.

ދައުލަތުގެ ރިޒާވް މި މިންވަރަށް ދަށަށް ގޮސްފައިވާއިރު، އެކި ފަރާތްތަކުން މީގެކުރިންވެސް ވަނީ މިކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. ރިޒާވް ދަށަށް ގޮސްފައި ވަނީ ސަރުކާރުން އެކި ކަންކަމަށް ބޮޑެތި އަދަދުން ފައިސާ ޚަރަދު ކުރަމުންދާތީއެވެ.

ފިނޭންސް މިނިސްޓްރީގެ މާލީ ހިސާބުތަކަށް ބަލާއިރު މި އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 18.8 ބިލިއަން ރުފިޔާއެވެ. އެ މުއްދަތުގައި ދައުލަތުގެ ޚަރަދުތައްވަނީ 25.6 ބިލިއަން ރުފިޔާއަށް އަރާފައެވެ.