އުރީދޫ މަސްރޭސް 2023 ނިންމާލިއިރު މި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 74 ޓީމުން ބައިވެރިވެ ރެކޯޑްތަކާއި އެކު ތާރީހީ ކާމިޔާބުތަކެއް ހޯދިފައިވާކަމަށް އުރީދޫއިން ބުނެފިއެވެ.

މިއަަހރުގެ މަސް ރޭސް މާލެ ސިޓީ، ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީ ގައި ކުރިއަށް ގެންގޮސްފައި ޥާއިރު، ކޮންމެ ސިޓީ އަކުން 1 ވަނަ 2 ވަނަ 3 ވަނަ އާއި އެންމެ މޮޅު އަންހެން އަދި ފިރިހެން ކެޔޮޅުގެ އިތުރުން އެންމެ ބަރު މަސް ބޭނި ފަރާތްތައްވެސް ވަނީ ހޮވާފައެވެ.

އުރީދޫ މަސްރޭހަކީ ދިވެހި މަސްވެރިންގެ ހުނަރެއް ޝައުގުވެރިކަންވެސް ދައްކުވައިދޭ މުބާރާތެކެވެ. އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މި އަހަރުގެ މުބާރާތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވި މުބާރާތެކެވެ. މި މުބާރާތުގައި 74 ޓީމުން ބައިވެރިވެ މަސްވެރިންގެ ކުޅަދާނަ ހުނަރު ދައްކާލާ، މަސްރޭހުގެ ރެކޯޑްތައް މުގުރާލައި، މަސްރޭހުގެ ތާރީޚުގައި ބޭނިފައި ނުވާ މަސްތަކާއިއެކު، މިއަހަރުގެ މަސްރޭސް ވެގެން ދިޔައީ ރާއްޖޭގައި ބޭއްވުނު އެންމެ ބޮޑު މަސްވެރިކަމުގެ މުބާރާތަށް ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫ މަސްރޭސް 2023 ގެ އެންމެ ފާހަގަކޮށްލެވޭ އެއް ތަފާސް ހިސާބަކީ މި އަހަރު އުރީދޫ މަސްރޭހުގެ ތާރީހުގައި މުޅިން އަލަށް ހިބަރު ބާނާފައިވާކަމެވެ. ކުޅުދުއްފުށި ސިޓީ ގެ ޗެމްޕިއަން ޓީމް ބުޅި ކެނޑި އާއި ރަނަރަޕް ޓީމް ލައްޓި ވަނީ ޖުމްލަ ތިން ހިބަރު ބާނާ ތާރީހު ހަދައިފައެވެ. މި ކާމިޔާބީއަކީ ރާއްޖޭގެ ކަނޑުގެ ބަޔޯޑައިވާސިޓީ މުއްސަނދިކަމާއި ބައިވެރިވާ ޓީމުތަކުގެ ހުނަރު ދައްކުވައިދޭ ކާމިޔާބީއެކެވެ.

އުރީދޫ މަސްރޭހުގެ ތާރީހުގެ ތެރެއަށް ވަދެގެން ދާ ދެވަނަ ކަމަކީ ކައްޓެޅީ ގެ ނަމުން ނަން ދީފައިވާ ޕްރޮމެތިއަން އެސްކޯލާ ބާނާފާވާކަމެވެ. ކަނޑު ގެ އެންމެ އަޑީގައި ދިރިއުޅޭ މި މަހަކީ ބޭނުމުގައި ގޮންޖެހުންތަކެއް ކުރިމަތިވާ ބާވަތެކެވެ. ކައްޓެޅި މަސް ބާނާފައިވަނީ ދެ ޗެމްޕިއަން ޓީމް ކަމަށްވާ އައްޑޫ ސިޓީގެ ޓީމް ފެހުރިހި އާއި ފުވައްމުލައް ސިޓީގެ ޓީމް ރީފް ރައިޑާސް އިންނެވެ. ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ކުރިއަރަމުން އަންނަ ތަފާތު ކަނޑުގެ ދިރުންތައް މި ނާދިރު ބޭނުންތަކުން ދައްކުވައިދެއެވެ.

އުރީދޫއިން ބުނީ މިއހަރުގެ މަސްރޭހަކީ ހަމައެކަނި މަސްވެރިކަމުގެ މުބާރާތެއް ނޫން ކަމަށެވެ. އެއީ ރެކޯޑްތައް މުގުރާލައި، މަދުން ނޫނީ ނުބޭނޭ މަސްތަކާއި، ރާއްޖޭގެ މަސްވެރިންގެ އާދަޔާ ހިލާފު ހުނަރުތައް ދައްކާލި މުބާރާތެއް ކަމަށެވެ. ރާއްޖޭގެ މަސްވެރިކަމުގެ އާދަކާދަ ކުރިއަރަމުން އަންނައިރު، އުރީދޫ މަސްރޭސް އިން ކުރިއަށް އޮތް އަހަރުތަކުގައި މިއަށްވުރެ ވެސް ކުލަގަދަ އަދި ފޯރިއާއެކު އައު ކާމިޔާބީތައް ފެނިގެން ދާނެ ކަމީ ޔަގިންކަމެއްކަން އެ ކުންފުނިންވަނީ ފާހަގަކޮށްފައެވެ.