ދިވެހިބަހުގެ އެކެޑަމީން ސްކޫލު ދަރިވަރުންނަށް އަމާޒުކޮށް ބާއްވާ ވާހަކަދެއްކުމުގެ ހުނަރު ދަސްކޮށްދިނުމުގެ ކޯހެއް އިއްޔެ ފަށައިފިއެވެ.
އެކެޑަމީން ބުނީ މި ކޯހުގެ މައިގަނޑު މަގްސަދަކީ އެ އެކެޑަމީން ބާއްވަން ތައްޔާރުވަމުންދާ މި ހިނގާ ދިރާސީ އަހަރުގެ ގައުމީ ވާހަކަ ދެއްކުމުގެ މުބާރާތުގައި ބައިވެރިވާ ދަރިވަރުން، އެ މުބާރާތަށް ތައްޔާރު ކުރުން ކަމަށެވެ. މި މުބާރާތް އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. މި ކޯހުގެ ތެރޭގައި، އެ މުބާރާތަށް ދަރިވަރުން ތައްޔާރުވުމަށް ބޭނުންވާނެ ތަމްރީނާއި މައުލޫމާތު ފޯރުކޯށްދޭނެ ކަމަޡށް އެކެޑެމީން ބުނެއެވެ.
މި ކޯހަކީ ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގެ ދަރިވަރުންނަށް އޮންލައިންކޮށް ހުޅުވައިލައިގެން ގެންދާ ކޯހެކެވެ.
މި ކޯސް ފެށުމުގެ ގޮތުން ދެއްކެވި ވާހަކައިގައި ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. ޑރ. އަޝްރަފު ޢަބްދުއްރަޙީމް ވިދާޅުވީ، އަންނަ އަހަރު ބާއްވާ ވާހަކަދެއްކުމުގެ 37 ވަނަ ގައުމީ މުބާރާތުގައި މާލެ ހިމެނޭ ގޮތަށް ރާއްޖޭގެ ތިން ސަރަހެއްދެއްގައި އެއް ވަގުތެއްގައި މި މުބާރާތް ބޭއްވުމުގެ ވިސްނުން ހުރިކަމަށެވެ. އެ ގޮތުން ކުޅުދުއްފުށީ ސިޓީއާއި އައްޑޫ ސިޓީގައި ވެސް އޮންލައިންކޮށް މި މުބާރާތުގައި އެ ސަރަހައްދުގެ ދަރިވަރުންނަށް ބައިވެރިވެވޭނެ އިންތިޒާމު ހަމަޖައްސައިދެވޭތޯ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.
މި ގޮތަށްކުރިޔަށް ގެންދިއުމުގެ މައިގަނޑު ބޭނުމަކީ އަތޮޅުތަކުގެ ދަރިވަރުންނަށް ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ތަނަވަސްކޮށް ދިނުން ކަމަށް ވެސް ޑރ. އަޝްރަފު ވިދާޅުވިއެވެ.
މި މަހުގެ 16 ވަނަ ދުަވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ކޯހުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 90 އަށް ވުރެ ގިނަ އިސްކޫލުން ގާތްގަނޑަކަށް ދެހާހެއްހާ ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މި ޕްރޮގްރާމުގައި ކިޔަވައިދެއްވަނީ މި ދާއިރާއިން ގިނަ ތަޖުރިބާތަކެއް ހާސިލުކުރައްވައިފައިވާ ދެ ބޭފުޅުން ކަމުގައިވާ އަލްފާޟިލް މުޙައްމަދު ނަޞީރާއި އަލްއުސްތާޛު ޢަލީ އަމީރެވެ.