އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ރިސޯޓުތަކާއި ޖަލުތައް އޮބްޒާވް ކުރަން ބޭނުންވާ ފަރާތްތަކުން ދުރާލާ ހުއްދަނަގަން އިލެކްޝަން ކޮމިޝަނުން އެދިއްޖެއެވެ.

ކޮމިޝަނުގެ ނައިބުރައީސް އިސްމާއިލް ހަބީބު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންތިޚާބުގައި ރިސޯޓުތަކާއި، ސިނާޢީ ސަރަޙައްދުތައް އަދި ޖަލުތައް އޮބްޒާވްކޮށް މޮނީޓަރު ކުރުމަށް އެދޭ ފަރާތްތަކުން، އެތަންތަނަށް ވަނުމުގެ ހުއްދަ ނެގުމަކީ އެ ފަރާތްތަކުން އަމިއްލަ އަށް ކުރަންންޖެހޭ ކަމެއްކަން ހަނދާންކޮށްދެއްވާފައެވެ.

އެހެންކަމުން ރިސޯޓުތަކާއި، ސިނާޢީ ސަރަޙައްދުތައް އަދި ޖަލުތައް އޮބްޒާވްކޮށް މޮނީޓަރު ކުރަން އެދޭ ފަރާތްތަކުން، އެފަދަ ތަންތަނުން ނަގަންޖެހޭ ހުއްދަ ދުރާލާ ނެގުމަށް ހަބީބު ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ހުއްދައަށް އެދުމުން އެ ހުއްދަ ލިބޭނެ އިންތިޒާމުތައް މިހާރު ހަމަޖައްސާފައި ވާކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

ކެންޑިޑޭޓުންގެ މަންދޫބުން ހިމެނޭހެން، ރިޔާސީ އިންތިހާބު އޮބްޒާވްކޮށް މޮނީޓަރު ކުރުމަށްޓަކައި 9،887 މީހުން އެޕްލިކޭޝަން ހުށަހަޅައިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ.

މޮނިޓަރުންނާއި އޮބްޒާވަރުންނަށް ވުމަށް ހުށަހެޅުމުގެ ސުންގަޑި ހަމަވިއިރު ރާއްޖޭގެ މީޑިއާތަކުން މޮނިޓަރުންގެ ގޮތުގައި 4،545 އެޕްލިކޭޝަން އަދި އިންތިހާބުގެ އޮބްޒާވަރުންގެ ގޮތުގައި ސިޔާސީ ޕާޓީތަކުންނާއި، ޖަމްޢިއްޔާ ޖަމާޢަތްތަކުންނާއި އަމިއްލަ ގޮތުން ކުރިމަތިލެއްވި ބޭފުޅުންނާއެކު 3،607 އެޕްލިކޭޝަން، އޮބްޒާވަރުންނާއި، މޮނިޓަރުންގެ ގޮތުގައި ޖުމްލަ 8،152 އެޕްލިކޭޝަން ރާއްޖޭން އީސީއަށް ލިބިފައިވާ ކަމަށް ކޮމިޝަނުން ބުނެފައިވެއެވެ.

ރާއްޖޭގެ މޮނިޓަރުންނާއި، އޮބްޒާވަރުންގެ އިތުރުން، ބައިނަލްއަގްވާމީ އޮބްޒާވަރުންނާއި މޮނިޓަރުންގެ އޮބްޒަވޭޝަންތަކާއެކު، މި އަހަރުގެ ރިޔާސީ އިންތިޚާބު ވެގެންދާނީ، އެންމެ ރަނގަޅަށް އެންމެ ގިނަ އަދަދެއްގެ ބޭފުޅުން އޮބްޒާވްކޮށް މޮނީޓަރު ކުރާނެ އިންތިޚާބަށް ކަމަށް ހަބީބު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގައި، ސިޔާސީ ޕާޓީތަކުން ފަސް ކެންޑިޑޭޓުން އަދި އަމިއްލަ ގޮތުން ތިން ކެންޑިޑޭޓަކު ވާދަކުރެއެވެ.