ވިލާ ގުޜޫޕްގެ ކުޑައިގެ ދަށުގައި ހިމެނޭ، އައިލެންޑް ބްރޯޑްކާސްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އައި.ބީ.ސީ) އިން 2008 ވަނަ އަހަރު ރާއްޖެއަށް ތައާރަފުކުރި ވީޓީވީ ބްރޯޑްކާސްޓް ކުރަންފެށީ އެ އަހަރުގެ ސެޕްޓެމްބަރުމަހުގެ ފަހެއްވީ އަންގާރަ ދުވަހުގައެވެ.

ވީޓީވީގެ ޚިދުމަތް ފެށުން ވެގެންދިޔައީ ރާއްޖޭގެ ބްރޯޑްކާސްޓިންގ ސިނާއަތަށް އިންގިލާބެއް ގެނުވި ކަމަކަށެވެ. ސަބަބުތައް ބައިވަރެވެ. ވީޓީވީ ފުރަތަމަ ފަށައިގަތީވެސް ދުނިޔޭގައި އެވަގުތު ލިބެންހުރި އެންމެ މަތީ ފެންވަރުގެ ޒަމާނީ ޓެކްނޯލޮޖީއާއި، ވަސީލަތް އަދި އާލާތްތައް ބޭނުންކޮށްގެންނެވެ. ވީޓީވީގެ ޚިދުމަތް ފެށީ ވަރަށް ރޭވުންތެރިކަމާއެކު އިންތިޒާމުކުރެވިގެން ދުރާލާ ތައްޔާރުވެގެންނެވެ.

މިގޮތުން، ފެންވަރު ރަނގަޅު ޚިދުމަތެއް ދިނުމަށާއި ފޭރާންހެޔޮ އުފެއްދުންތައް ތައްޔާރުކުރުމަށް އެކަމުގެ ޢިލްމް އުނގެނުމަށްޓަކައި ރާއްޖެއިން ބޭރަށް މީހުން ފޮނުވައި ތަމްރީނު ކުރުމަށްފަހު އަދި ކަމުގެ ތަޖުރިބާކާރު، ފުންނާބުއުސް މީހުން ބޭރުން ގެނައެވެ.

ނަތީޖާއެއްގެ ގޮތުން، މަތީ ފެންވަރުގައި ފެށި ވީޓީވީގެ ޚިދުމަތާ ބެހޭގޮތުން ބޭރުގެ ބައެއް މީހުންގެ ސުވާލުތައްވެސް އަމާޒުވިއެވެ. ވީޓީވީއަކީ ދައުލަތުގެ ޓީވީތޯ ރާއްޖެއިން ބޭރުގެ މީހުން ސުވާލުކޮށް އުޅުނެވެ. ވަނީވެސް އެހެންތާއެވެ. ވީޓީވީ ވެގެންދިޔައީ، ރާއްޖެއާއި ދެކުނު އޭޝިއާގެ ގައުމުތަކަށް ބަލާއިރުވެސް، ފަށައިގަތް އިރުވެސް ޓެކްނޮލޮޖީގެ ގޮތުން އެންމެ ކުރީ ސަފުގައިއޮތް ޓީވީ ޗެނަލަކަށެވެ.

ޒަމާނީ ޓެކްނޯލޮޖީއާއެކު ވީޓީވީގެ މައި ސްޓޭޝަން އެންމެ ފުރަތަމަ ޤާއިމުކުރީ ތިލަފުށީގައެވެ. ވީޓީވީގެ ފުރަތަމަ ދެއަހަރު ސްޓޭޝަނުގެ އޮޕަރޭޝަނަލް މަސައްކަތްތައް ކުރިއަށްދިޔައީ ތިލަފުށީގައި ގާއިމުކުރި ސްޓޭޝަންގައެވެ.

އެހެން ނަމަވެސް ވަގުތާއި ހާލަތަށް ރިއާޔަތްކޮށް ވީޓީވީގެ ހުރިހާ އޮޕަރޭޝަނެއް 2011 ވަނަ އަހަރު ވެރިރަށް މާލެ ސިޓީއަށް ބަދަލު ކުރިއެވެ. އެކަމަކު ވީޓީވީގެ ޚިދުމަތަށް މެދުކެނޑުމެއް ނާދެއެވެ. ޖާގައިގެ ދަތިކަން ކިތަންމެ ބޮޑަސް، ޚިދުމަތުގައި 15 އަހަރު ފުރިހަމަކޮށް 16 ވަނަ އަހަރު ގުނަން މި ފެށީއެވެ.

ރާއްޖޭގެ މީޑިއާގެ ހަޔާތުގައި ޕްރައިވެޓް ޓީވީ ޗެނަލްތަކަށް ފުރުސަތު ހުޅުވިގެން ދިޔުމަކީ ތާރީޚީ އަދި އިންގިލާބީ ބޮޑު ބަދަލެކެވެ. ދައުލަތުން ރާއްޖޭގެ ބްރޯޑްކާސްޓިންގ ސިނާއަތު އޮބިއަޅުވާލާފައި އޮތް އޮތުން ނިމުމަކަށް ގެނެސް، މިނިވަންކަމާއި، އެތެރެ ފެންނަ ގޮތެއްގައި ރައްޔިތުންނަށް ޚަބަރާއި މަޢުލޫމާތު ފޯރުކޮށް ދިނުމުގައި ރާއްޖޭގައި އުފެދުނު އަމިއްލަ ޓީވީ ޗެނަލްތަކުގެ ތެރެއިން ދެވަނައަށް ބްރޯޑްކާސްޓް ކުރަންފެށި ޓީވީ ޗެނަލަކީ ވީޓީވީއެވެ.

މިއަދު ވީޓީވީއަކީ ރާއްޖޭގައި ހުއްޓުމެއްނެތި ހިންގަމުންދާ އެންމެ ގިނަ ދުވަސްވީ އަމިއްލަ ޓީވީ ޗެނަލްއެވެ.

ވީޓީވީ ވުޖޫދަށް ގެނައުމަކީ، ސަރުކާރުން ޕްރައިވެޓް ސެކްޓާއަށް ބްރޯޑްކާސްޓްކުރުން ހުޅުވާލުމުގެ މާކުރިންވެސް ވިލާ ގުރޫޕްގެ ޗެއާމަން އޮނަރަބަލް ޤާސިމް އިބްރާހިމް ދެކެވަޑައިގެންނެވި ހުވަފެންފުޅެކެވެ. އެކަމަށްޓަކައި ގިނަގުނަ މަސައްކަތްޕުޅުތަކެއް ރެއާއި ދުވާލު އެމަނިކުފާނު ކުރައްވަމުންވެސް ގެންދެވި ކަމެކެވެ.

ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތުގައި އިސްލާހީ އެތައް ބަދަލަކަށް ގޮވާލައްވައި އެކަމުގައި އަމަލީ މަސައްކަތްތައް ކުރައްވަމުން ގެންދެވި އިރުގައިވެސް، ޤާސިމް އިބްރާހިމް ގެންދެވީ ޕްރައިވެޓް މީޑިއާތަކަށް ފުރުސަތު ދޭންޖެހޭކަން ފާހަގަކުރައްވަމުންނެވެ. ޚުދު އެމަނިކުފާނުގެ އަމިއްލަފުޅު އެހީގައި ރާއްޖޭގެ މީޑިއާގައި މަސައްކަތް ކުރާނޭ މީހުން އޭރުވެސް ގެންދެވީ ބިނާ ކުރައްވަމުންނެވެ.

ވިލާ ކުންފުނީގެ ޗެއާމަން އޮނަރަބަލް ޤާސިމް އިބްރާހީމް

ސަރުކާރުން ޕްރައިވެޓް ޓީވީ ޗެނަލްތައް ހިންގުމަށް ފުރުސަތު ދިންތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވީޓީވީ ވަނީ ވުޖޫދަށް ގެނެވިފައެވެ.

ވީޓީވީ ރަސްމީގޮތުން އިފްތިތާހް ކުރުމުގެ ޚާއްސަ ރަސްމިއްޔާތު ބާއްވާފައިވަނީ މާލޭގެ ކާނިވާ ސަރަހައްދުގައެވެ.

ވީޓީވީ ބްރޯޑްކާސްޓް ކުރަންފެށި ވަގުތަކީ ދިވެހިރާއްޖެ ސިޔާސީ އަދި ދިމިގްރާތީ ބޮޑު ބަދަލަކަށް އެނބުރެމުން ދިޔަ ވަގުތެއްގައެވެ. ސަރުކާރުން އިއްވަން ބޭނުންވާ އަޑެއް ނުވަތަ ދައްކަން ބޭނުންވާ މަންޒަރެއްނޫނީ ރައްޔިތުންނަށް އަޑުއިވި ފެންނަން ނެތް ދަނޑިވަޅެއްގައެވެ. އެހެން ކަމުން ސިޔާސީ މަސްރަހުގެ އެފުށާއި މިފުށް ބަލާލުމަށް ރައްޔިތުންނަށް އޮތް ފުރުސަތަކަށް ވެފައިއޮތީ ވީޓީވީ ކަމަށް ވުމާއިއެކު އާއްމު ރައްޔިތުން ވީޓީވީ އާއިމެދު ކުރި އުންމީދުތައް ފޮންޏެވެ.

ވީޓީވީގެ ހަޔާތުން ހޭދަމިކުރި 15 އަހަރުގެ ކުރު މުއްދަތުގެ ތެރޭގައި ތާރީޚީ އެތައް ކާމިޔާބީއެއް ހޯދިފައިވެއެވެ. ވީޓީވީގެ ހުނަރުވެރި އަދި އާ ވިސްނުމުގެ ސިކުނޑިތަކުން އުފައްދަން ފެށި އުފެއްދުންތެރި އަދި ޝައުގުން ފުރިގެންވާ ޕްރޮގްރާމްތަކުގެ ސަބަބުން ރާއްޖޭގެ ބްރޯޑްކާސްޓިންގ މީޑިއާގައި ހަރަކާތްތެރިވަމުން އައި ފަރާތްތަކަށްވެސް ވީޓީވީގެ މިސްރާބަށް ދީލާލަން ޖެހުމެވެ. އެގޮތުން ވީޓީވީން ފެށި މޯލްޑިވިއަން އައިކަން، އައުޓް އޮފް ބޮކްސް، އަދި އަމިއްލަ ފަރާތަކާއި ގުޅިގެން ގެނެސްދޭންފެށި މާކަނާ ޝޯވ ފާހަގަކޮށްލެވެއެވެ. ފުރަތަމަ ފަހަރަށް ރާއްޖޭގެ ޓީވީ ސްޓޭޝަނަކުން ޓޫޑީ ކެފޭ ކޮންސެޕްޓަށް ސެޓް ތައްޔާރުކޮށް އެސެޓުގައި ވީޓީވީން އަންނަނީ މޯނިންގޝޯވ "ވާނުވާ" ހުށަހަޅަމުންނެވެ.

ސިޔާސީ، އިޖުތިމާއީ، ވިޔަފާރީ އަދި ކުޅިވަރު ފަދަ ދާއިރާތަކުން ފާހަގަކޮށްލެވޭ ޝަޙްސިއްޔަތުން ސްޓޫޑިއޯއަށް ގެނެސް ވީޓީވީން ގެނެސްދޭ އެންމެ މަގުބޫލު އެއް ޕްރޮގުރާމަކަށް "ފަސްމަންޒަރު" ވާނެއެވެ. މީގެ އިތުރުން "ނޫސްތަކުން" ފަދަ ޚަބަރާއި މައުލޫމާތު ފޯރުކޮށްދޭ ޕްރޮގުރާމްތައްވެސް ވީޓީވީއިން ގެނެސްދެއެވެ. އަދި ގަވާއިދުން ދުވަހުންދުވަހުގެ ޚަބަރުތައް ގެނެސްދިނުމަށް ދެ ގަޑިއެއްގައި ފްރެޝް ނިއުސް ބްލެޓިންއެއް ވީޓީވީގެ ނިއުސްރޫމުން އާންމުންނަށް ހުށަހަޅައިދެއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ރައްޔިތުންގެ މަންދޫބުން ދައްކަވާ ވާހަކަފުޅުތައް ރައްޔިތުންނާއި ހަމައަށް ފޯރުކޮށް ދިނުމަށްޓަކައި އެންމެ ފުރަތަމަ ގަވައިދުން މަޖިލީހުގެ ޖަލްސާތައް ދުރަށް ދައްކައި، އަދި މަޖިލީހުގައި ކުރެވޭ ބަހުސްތަކަށް އާއްމުން ޝުއޫރު ފާޅުކުރުމުގެ ފުރުސަތު ފުރަތަމަ ހޯދައިދިން ޗެނަލަކީވެސް ވީޓީވީއެވެ.

ރާއްޖޭގައި ކަނޑުއަޑީގައި ބޭއްވި ކެބިނެޓް ބައްދަލުވުން -- ފައިލް ފޮޓޯ

ވީޓީވީގެ ހަޔާތުގެ ފާހަގަކުރެވޭ މުހިއްމު ކާމިޔާބީތަކުގެ ތެރެއިން، ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ރާއްޖޭގައި ކަނޑުއަޑީގައި ބޭއްވި ކެބިނެޓް ބައްދަލުވުން މުޅި ދުނިޔެއަށް ބްރޯޑްކާސްޓް ކުރުމުގައި ދުނިޔޭގެ ނަންހުރި ބޮޑެތި ނޫސް އެޖެންސީތަކުން ވީޓީވީގެ ސިގްނަލް ބޭނުންކުރުން ހިމެނެއެވެ.

ރާއްޖޭގައި އެޗްޑީކޮށް އެންމެ ފުރަތަމަ ބްރޯޑްކާސްޓް ކުރަންފެށި ޓީވީ ޗެނަލްގެ ގޮތުގައި ވީޓީވީ ތާރިޚުގެ ތެރެއަށް ވަދެގެން ދޔައީ 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތް މީޑިއާނެޓާ ގުޅިގެން އެޗްޑީކޮށް ބްރޯޑްކާސްޓް ކުރުމާއި އެކުގައެވެ.

މާލެއިން ބޭރުގައި ރާއްޖޭގެ އަތޮޅެއްގައި ބޭއްވުނު ފުރަތަމަ ބައިނަލްގުވާމީ ކުޅިވަރު މުބާރާތްވެސް ގެނެސްދިނީ ވީޓީވީންނެވެ. އެއީ ފުވައްމުލަކުގައި ކުޅެވުނު ސާކް ޓުވެންޓީޓުވެންޓީ ކުރިކެޓް މުބާރާތެވެ.

ވީޓީވީން އާންމުންނާއި ހަމަޔަށް ޚަބަރާއި، މުނިފޫހިފިލުވުމުގެ ޕްރޮގްރާމުތައް ގެނެސްދީފައިވަނީ އަދި ގެނެސްދެމުން އަންނަނީ ދުވަސްވަރާ ގުޅޭ، އަދި އެންމެ ތަފްސީލީކޮށް އާންމުންނަށް ކަމުދާނެ ގޮތްގޮތަށެވެ.

ވީޓީވީގެ ކޮންޓެންޓަކީ ދެފަރާތްހަމަ ކޮންޓެއްޓެއްގެ ގޮތުގައި ގެނެސްދިނުމަށް އެޑިޓޯރިއަލް ބޯޑުން ގިނަ މަސައްކަތްތަކެއް ކުރިނަމަވެސް، ރާއްޖޭގެ ސިޔާސީ މަސްރަހުގެ ކޮޅިގަނޑުތަކުގެ ތެރެއިން އެންމެ ގިނަ އަދި އެންމެ ނުރައްކާތެރި ހަމަލާތައް ތަޖުރިބާ ކުރަންޖެހުނު ޓީވީ ޗެނަލަކީ ވީޓީވީއެވެ. އެގޮތުން 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 6 ވަނަ ދުވަހުގެ ރޭ ވީޓީވީއިން ލައިވް ބްރޯޑްކާސްޓް ކުރިއަށްދަނިކޮށް އަދި އިމާރާތުގައި މުވައްޒަފުން މަސައްކަތުގައި ތިއްބައި އިމާރާތުގެ ތިރީގައި ރޯކޮށްލުމާއި، 2012 ވަނަ އަހަރުގެ މާޗުމަހުގެ 19 ވަނަ ދުވަހު، ރޯމާ ދުވާލު، އެތައް ބައެއްގެ ކުރިމަތީގައި އަދި ވީޓީވީގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ސިފައިންވެސް ހަރަކާތްތެރި ވަމުންގެންދަނިކޮށް ގާއުކައި، ވީޓީވީގެ އިމާރާތުގެ ހުރިހާ ބިއްލޫރިތަކެއް ތަޅާލައި ދިން ގެއްލުންތައް ފާހަގަކޮށްލަން ޖެހެއެވެ.

މިނޫނަސް، މުޒާހަރާތަކާއި، އިވެންޓްތައް ކަވަރކުރަން އުޅެނިކޮށް ވީޓީވީގެ ނޫސްވެރިންނަށާއި، ކެމެރާމަނުންނަށާއި، އިކްއިޕްމެންޓްތަކަށް އެތައް ފަހަރަކު ގެއްލުންތައް ދީފައިވެއެވެ. ވީޓީވީގެ މުވައްޒަފުން އުފުލާންޖެހުނު ތަކުލީފުތައް ގިނަގުނައެވެ.

ވީޓީވީގެ މުވައްޒަފުންތަކެއް -- ފައިލް ފޮޓޯ

ރާއްޖޭގެ ސިޔާސީ މަސްރަހަށް އަންނަ ކޮންމެ ބަދަލެއްގައި އޭގެ އެންމެ ނުރައްކާތެރި ރޯޅިއާ ކުރިމަތިލާންޖެހޭ އެއްތަނަކީ ވީޓީވީކަމަށް ވީނަމަވެސް، ވީޓީވީ އަބަދުވެސް ދެމިއޮއްނާނީ ރައްޔިތުންނާއި އެކުގައެވެ. 2012 ވަނަ އަހަރުގެ ފަހުން ފެށުނު އައު ޚިދުމަތްތަކާއެކު ވީމީޑިއާގެ ކުޑަދަށުން ވީނިއުސް އޮންލައިން، ވީއެފްއެމް، ވީއިވެންޓްސް، ވީކެއަރ، ވީކްރިއޭޓް، ވީސްޕޯޓްސް، ވީކްލީ އަދި މިއަދުޑޮޓްއެމްވީ އާއިއެކު ވީޓީވީ ދިޔައީ ހަލުވިކަމާއެކު ކުރިއަރަމުންނެވެ.

ގައުމީ އަދި ރަށު ފެންވަރުގައި ބާއްވާ އެކި ކަހަލަ ކުޅިވަރު މުބާރާތްތައް ދުރަށް ދެއްކުމާއި، މުނިފޫހިފިލުމުގެ ހަރަކާތްތައް، އިޖުތިމާއީ އެކިއެކި ހަރަކާތްތައް، އަތޮޅުތެރޭގެ ރަށްރަށުގައި ހިންގާ އެކި ހަރަކާތްތަކުގެ ޚަބަރާއި މައުލޫމާތު އެންމެ ފުޅާ ދާއިރާއެއްގައި ގެނެސްދޭ ޓީވީއަކަށް ހަމަ ގައިމުވެސް ވީޓީވީ ވާނެއެވެ. އަތޮޅުތެރޭގެ ރަށްތަކާއި، އެ ރަށްތަކުގެ ރައްޔިތުންނާ އެންމެ އެކުވެރި އެންމެ ރަށްޓެހި ޓީވީއަކަށް ވީޓީވީ ވާނެއެވެ.

މީގެ އިތުރުން، ގައުމީ އެކިއެކި މުނާސަބާތަކާ ގުޅިގެން ހާއްސަ ޝޯވތަކާއި ޕްރޮގުރާމްތައް ގެނެސްދިނުމާއެކު ބެލުންތެރިން ޝައުގުވެރިވާނެ ގޮތަށް މުހިންމު އިވެންޓްތަކުގެ ކަވަރޭޖް ވީޓީވީން އަންނަނީ ގެނެސްދެމުންނެވެ. ރާއްޖޭގައި ބޭއްވޭ ބޮޑެތި އިންތިޚާބުތައްވެސް ވީޓީވީން އަންނަނީ ކަވަރުކުރަމުންނެވެ.

ވީޓީވީ އޮތީ ވަރަށް ސާބިތުކޮށެވެ. ރައްޔިތުންނަށް ފުރިހަމަ ތެދު މައުލޫމާތު ފޯރުދިނުމުގައި ފަހަތަކަށް ނުޖެހޭނެއެވެ. ހުރިހާ ފަރާތެއްގެ އަޑު ގެނެސްދޭ ޓީވީއަކަށް ވީޓީވީ ހަމަ ގައިމުވެސް ވާނެއެވެ.

މި އަޑު އަދިވެސް މަޑެއް ނުވެއެވެ. ވީޓީވީއަކީ އަހަރެންގެ ޓީވީއެވެ. ވީޓީވީއަކީ ތިޔަ ބޭފުޅުންގެ ޓީވީއެވެ. އެންމެންގެ ޓީވީއެވެ.