މާލޭގައި މިރޭ ހަވާ އަރުވަން ނިންމާފައިވާކަން ގައުމީ ދިފާއީ ބާރުން ހާމަކޮށްފިއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ، ހަވާ އަރުވާނީ މިރޭ 21:00 ޖަހާއިރުއެވެ. އަދި 10 މިނެޓަށް ދިގުދެމިގެންދާގޮތަށް ހަވާ އަރުވާނެކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ. ހަވާ އަރުވާނީ ޢިއްޒުއްދީން ފާލަން ސަރަހައްދުގައެވެ.

މާލޭގައި މިރޭ ހަވާ އަރުވަން ނިންމާފައި މިވަނީ، މިދިޔަ މަހުގެ 25 އިން މި މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް މަޑަގަސްކަރާގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖޭގެ ޓީމުން ހޯދި ރަން ވަނަތައް ފާހަގަކުރުމުގެ ގޮތުންނެވެ.

އައިއޯއައިޖީގައި ނުވަ ކުޅިވަރަކުން ރާއްޖެ ވާދަކުރިއިރު، ޖުމްލަ 28 މެޑަލް ހޯދާފައިވެއެވެ. އެއީ ފަސް ރަން މެޑަލްއާއި، ނުވަ ރިހި މެޑަލްގެ އިތުރުން 14 ލޯ މެޑަލް އެވެ. މިއީ މިހާތަނަށް މަލްޓި ސްޕޯޓްސް ގޭމްސްއެއްގައި ރާއްޖޭން އެންމެ ގިނަ މެޑަލް ހޯދި ފަހަރެވެ.

ރާއްޖެއިން މިފަހަރުގެ އައިއޯއައިޖީގައި 28 މެޑަލް ހޯދާފައިވާއިރު، މިއީ 2019 ވަނަ އަހަރު މޮރީޝަސްގައި ބޭއްވި ގޭމްސްގައި ރާއްޖެއިން ހޯދި ކާމިޔާބީއަށް ވުރެ ފުރިހަމަ ކާމިޔާބީއެކެވެ. އެފަހަރުގެ ގޭމްސްގައި ރާއްޖެއިން 15 މެޑަލް ހޯދިއެވެ.