ކުޅިވަރާބެހޭ ވުޒާރާއިންވީ އިހުމާލެއްގެ ސަބަބުން ކުރިމަތިވި ދަތި އުނދަގުލާހެދި، އަންނަ އަހަރު ގަތަރުގައި ބާއްވާ 23 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިންގައި ވާދަނުކުރަން ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) އިން ނިންމައިފިއެވެ.

މިކަން ހާމަކޮށް އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ، މި މެޗުތަކުގައި ކުޅުމަށް ކުރަންޖެހޭ ދަތުރަށް ބޭނުންވާ ފައިސާ ހަމަކުރަން ކުރިން ޕްލޭން ކޮށްފައި ވަނީ ކުޅިވަރާބެހޭ ވުޒާރާގެ މާލީ އެހީތެރިކަމާއެކުގައި ކަމަށެވެ.

އެކަމަށްޓަކައި މިދިޔަ އޮގަސްޓު މަހުގެ ހަތްވަނަ ދުވަހު، މި ދަތުރުތަކާ ގުޅޭ މައުލޫމާތާއި، އެއާ ޓިކެޓު ކޯޓޭޝަންތައް މިނިސްޓްރީއަށް ހުށަހަޅާފައިވާނެކަން ޖަވާ ހާމަކުރެއްވިއެވެ. އަދި މިކަންކަމަށް އެހީތެރިވުމަށް މިނިސްޓްރީން އެއްބަސްވެފައިވާކަން ވެސް ޖަވާ ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް، ވަގުތު ފާއިތުވުމާ ހަމައަށް ވެސް ކުޅިވަރު ވުޒާރާގެ އެއްވެސް އެހީތެރިކަމެއް ލިބިފައިނުވާކަން ފާހަގަކޮށް ޖަވާ ވިދާޅުވީ، އެފްއޭއެމް އިން ކުރި މަސައްކަތުން ފައިސާ ހަމަކޮށް، ދަތުރަށް ބޭނުންވާ ޓިކެޓު ނަގަން މަސައްކަތްކޮށް، ބޭނުންވާ ތާރީޚަށް ޓިކެޓު ނުލިބުނު ކަމަށެވެ.

މިއާއެކު، ފަހުގެ ތާރީޚަކަށް މެޗުތައް ލަސްކުރަން އޯލް އިންޑިއާ ފުޓުބޯޅަ ފެޑެރޭޝަނާއެކު މަޝްވަރާތައް ކުރެވުނު ނަމަވެސް، ބޭނުންވިގޮތަށް އެކަން ނުކުރެވި، ކޮލިފައިން މެޗުތަކުގައި ރާއްޖެއިން ވާދަނުކުރަން އެފްއޭއެމް އިން ނިންމާފައިވާކަމަށް ޖަވާ ވިދާޅުވިއެވެ.

މި މަހުގެ ހަވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާގައި ކޮލިފިކޭޝަން މެޗުތައް ކުރިއަށް ގެންދަން ތާވަލުކޮށްފައިވާއިރު، ރާއްޖެ ހިމެނުނީ އިންޑިއާއާ، ޗައިނާ އަދި ޔޫއޭއީއެވެ. މުބާރާތުގައި ރާއްޖެއިން ފުރަތަމަ މެޗު ކުޅެން އޮތީ އިންޑިއާއާ ދެކޮޅަށް މާދަމާއެވެ. އިންޑިއާގެ ފުޓުބޯޅަ ފެޑެރޭޝަނާ މަޝްވަރާކުރެވުނީ މި މެޗު ފަސްކުރުމަށެވެ. އިންޑިއާ އެފްއޭއިން އެދުނީ މުޅި ޝެޑިއުލް ބަދަލުކުރުމަށެވެ.

ގޮތް ހުސްވެ، މިނިސްޓްރީގެ އެހީތެރިކަން ވެސް ނުލިބި ޒުވާން ގައުމީ ޓީމަށް އޭޝިއަން ކަޕުގެ ކޮލިފިކޭޝަންގައި ވާދަނުކުރެވުނުއިރު، ރާއްޖޭން އެންމެފަހުން އޭޝިއާގެ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ކުޅުނީ 2021 ވަނަ އަހަރު އެވެ. އެއީ ބަހްރޭނާއި އިރާގާއި ރާއްޖެ އަދި އަފްގާނިސްތާން އެއް ގްރޫޕެއްގައި އޮތް ފަހަރެކެވެ. އެކަމަކު، އަފްގާނިސްތާން މުބާރާތުން ނަން ނެގުމުން، ރާއްޖޭން ކުޅުނީ ބަހްރޭނާއި އިރާގާ ދެކޮޅަށެވެ. އިރާގުން 4-0 އިން ރާއްޖެ ބަލިކުރިއިރު، ބަހްރޭނުން ރާއްޖޭގެ މައްޗަށް ކުރިހޯދީ 3-0 އިންނެވެ.