ރައްޔިތުންނަށް ފައިދާކުރުވަނިވި ވާދަވެރި ވިޔަފާރިއެއް ފެންނަން މިއޮތީ ގާސިމްގެ ވިޔަފާރި ފުޅާކޮށްފައިވަތީ ކަމަށް ރާއްޖޭގެ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ 'ހާސްކަނޑާލާ ހަމަޖެހޭނެ' މި ޝިޢާރުގެ ދަށުން ޖުމްހޫރީ ޕާޓީން ކުރިއަށްގެންދިޔަ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ގާސިމް އިބްރާހީމް ވެރިކަމަށް ވަޑައިގެންފިނަމަ އެމަނިކުފާނުގެ ވިޔަފާރިފުޅާކުރައްވާ އަމިއްލަ ޖީބު ބޮޑުކުރައްވާނެ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދުދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރ ނަހުލާ ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ހަމަޖެހުމެއް ފެންނަން މިއޮތީ ގާސިމްގެ ވިޔަފާރި ފުޅާކުރުމުން ކަމަށެވެ.

އެކަމުގެ ސަބަބު ހާމަކުރައްވާ ނަހުލާ ވިދާޅުވީ ވިޔަފާރި ކުުރުމުގެ ފުރުސަތު ނުވަތަ ބިޔަބޮޑެތި މަޝްރޫޢުތައް ހިންގުމުގެ ފުރުސަތު އޮތްނަމަވެސް އެ ފުރުސަތުގެ ބޭނުން ބައެއް ފަރާތްތަކުން ނުކުރުމުގެ ނަތީޖާއަކީ އެބައެއްގެ ވިޔަފާރިފުޅާނުވެ ބައެއް ވިޔަފާރިވެރިންގެ ވިޔަފާރިތައް ބަނގުރޫޓުވުން ކަމަށެވެ.

ނަމަވެސް ގާސިމް މަސައްކަތް ކުރެއްވީ ބުރަކޮށް ކަމަށާއި ފަރުދެއްގެ ހައިސިއްޔަތުން ވިޔަފާރި ކުރިއެރުވުމަށްޓަކައި ދަރަނި ނަންގަވައިގެން އެ އަރަނި ކުރެއްވިކަން ނަހުލާ ފާހަގަކުރެއްވިއެވެ.

ވޭތުވެދިޔަ ސަރުކާރުތަކުން ކުރަމުން އައި ނުވަތަ ހިންގަމުން އައި މަޝްރޫޢުތަކަކީ ހަމައެކަނި ސަރުކާރުން ހިންގަމުން އައި މަޝްރޫޢޫތަކެއް. އަމިއްލަ ފަރާތްތަކަށް ފުރުސަތު އޮތްނަމަވެސް އަމިއްލަ ފަރާތްތަކުން ނުކުރޭ. ނުކުރާ ކަމުގެ ސަބަބުން އަގު ކޮންޓްރޯލްވެފަ ކޮމްޕީޓްކުރާނެ އެހެން ފަރާތެއްނެތިފަ ހުއްޓުމެއްގެ ތެރޭގަ އޮތީ. މޮނޮޕޮލައިޒް ވެފަ އޮތީ. އެހެން އޮތްއޮތުން ނިމުމަކަށް ގެނައުމަށްޓަކައި އަމިއްލަފުޅަށް މަސައްކަތް ކުރައްވަން ފެއްޓެވީމަ ނަތީޖާއަކަށްވީ ރައްޔިތުންނަށް ޚިދުމަތްތައް އަގުހެޔޮކޮށް ލިބުން."
ޓްރާންސްޕޯޓް މިނިސްޓަރ އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އައިޝަތު ނަހުލާ

މިނިސްޓަރ ނަހުލާ ވިދާޅުވީ އަމިއްލަ މަސައްކަތުން ވޭތުވެދިޔަ 40 އަހަރުގެ ތެރޭގައި ކުރެއްވި މަސައްކަތުން ހޯއްދެވި އާމްދަނީގެ 60 އިންސައްތަ ގާސިމް ހޭދަކުރެއްވީ ނިކަމެތި ރައްޔިތުންނަށް ކަމަށެވެ.

އެހެންކަމުން ދަރަނިވެރިވެފަ އޮތް ދައުލަތަކާ އެމަނިކުފާނު ހަވާލުވެފަ ފުރުއްވާނެ ނުވަތަ ބޮޑު ކުރައްވާނެ ޖީބެއް ނެތް ކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

1988 ވަނަ އަހަރު ޓުއަރިޒަމްގެ ވިޔަފާރީގެ ތެރެއަށް ވަންނަވައި، 10 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ހުރި އެންމެ ޒަމާނީ އެންމެ ބޮޑެތި ރިޒޯޓްތައް ހިންގަވާ އަދި އެންމެ އެނދު ގިނަ އެއް ކުންފުނި އޮޕަރޭޓް ކުރައްވާ ރިޒޯޓް އޯނަރަކަށް ޤާސިމްވެވަޑައިގަތެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް ކޮށްދެއްވާފައިވާ ގިނަ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމަށް ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ފަރާތްތަކަށް، ސަރުކާރުންދޭ، އެވޯޑް އޮފް ދި އެކްސެމްޕްލަރީ ކޮންޓްރިބިއުޝަން ފޯރ ދި މޯލްޑިވްސް ޓުއަރިޒަމް، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ ޤާސިމް އިބްރާހިމަށް ވަނީ އަރުވާފައެވެ.

ވިޔަފާރީގެ ތަފާތު ދާއިރާތަކުގައި ރާއްޖޭގައި އެންމެ ބިޔަ އިންވެސްޓްމަންޓްތަކެއް ކުރައްވާފައިވާ އަމިއްލަ ފަރުދުންގެ ތެރޭގައި ޤާސިމް ހިމެނިވަޑައިގަންނަވައެވެ. ސިމެންތިއާއި ގޭހާއި އަދި މަތިންދާބޯޓު ދަތުރުފަދަ ވިޔަފާރިތައް ވާދަވެރި ވިޔަފާރިތަކަކަށްވެ، އަގުހެޔޮވެގެން ދިޔައީ، މިފަދަ ވިޔަފާރިތަކުގައި ޤާސިމް ކުރެއްވި އިންވެސްޓްމަންޓްތަކުގެ ސަބަބުންނެވެ. ރާއްޖޭގެ ވިޔަފާރިތައް ކުރިއެރުވުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ލޯން ލިބެންފެށީ، ޤާސިމް އެކަމަށް އިސްނެންގެވި ހިސާބުންނެވެ.

ރާއްޖޭގެ ޓޫރިޒަމްގައި މޫދުކޮޓަރި ތަޢާރަފްކޮށްދެއްވުމާއި، ރިޒޯޓްތަކުގެ މުވައްޒަފުންނަށް ރަނގަޅު އެކޮމޮޑޭޝަން ދެއްވުމާއި، މަސްވެރިކަމުގެ ބިޔަ އިންވެސްޓްތައް ކުރައްވައި ބޮޑުއަގުގައި މަސްވެރީންގެ އަތުން މަސް ބައްލަވައިގަންނަވަން ފެށްޓެވުމާއި، ޕްރައިވެޓް އެއަރޕޯޓްތައް ރާއްޖޭގައި ބިނާކުރުމަށް އިސްނެންގެވުމާއި، ޕްރައިވެޓް ކޮލެޖެއް ރާއްޖޭގައި އަލަށް އުފެއްދެވުން ފަދަ ކަންކަމަކީ، ޤައުމީގޮތުން ފާހަގަކޮށްލެވޭ ބޮޑެތި އިންވެސްޓްމަންޓްތަކެވެ.

ވިޔަފާރި ކުރިއެރުވުމާއި އިންސާނިއްޔަތަށް އެހީތެރިވުމުގައި ޤާސިމް ހޯއްދަވާފައިވާ ބޮޑެތި ކާމިޔާބީ ވަޒަންކޮށް، މެލޭޝިއާގެ އޯޕަން ޔުނިވަރސިޓީން އެމަނިކުފާނަށް ވަނީ އޮނަރަރީ ޕީ.އެޗް.ޑީ އަރުވާފައެވެ.