ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕް ހާސިލްކޮށްފައިވާ އެތުލީޓުން އައިއޯއައިޖީ 2023 ގައި ހޯދި ކާމިޔާބީ ފާހަގަ ކުރުމަށާއި މަރުހަބާ ކިޔުމަށް އެކުންފުނިން މިއަދު ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވަނީ އައިއޯއައިޖީ ގައި ހޯދި ފަހުރުވެރި ކާމިޔާބަށް ހުރިހާ އެތުލީޓުންނަށް ވެސް މަރުހަބާ ވިދާޅުވެފައެވެ. އަދި މިއީ އެ އެތްލީޓުންނަށާއި ރާއްޖެއަށް ލިބުނު ފަހުރުވެރި ކާމިޔާބީއެއް ކަން ފާހަގަކުރައްވައި އެމްޑީ ވިދާޅުވީ، ބީއެމްއެލްގެ ސްޕޯޓްސް ސްކޮލާޝިޕްގެ އެހީގައި ހޯދި ކާމިޔާބުގެ ބައިވެރިވުމަކީ ބޭންކަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕް ހުޅުވާލެވުނީ އެތުލީޓުންގެ ހުނަރު ކުރިއަރުވައި، ކުޅިވަރުގައި ފުރިހަމަ ކާމިޔާބީއެއް ހޯދުމުގައި އެހީތެރިވުމުގެ ގޮތުންނެވެ. މި ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ މޮޅު އެތުލީޓުންނަށް ހުރިހާ ހަރަދަކާއެކު ރާއްޖޭން ބޭރުގެ ހައި ޕާފޯމަންސް ޓްރެއިނިން ސެންޓަރުތަކުގައި ތަމްރީން ހޯދުމުގެ ފުރުސަތު ފޯރުކޮށްދެވިގެންދިޔައެވެ. ސްޕޯޓްސް ސްކޮލާޝިޕް އަށް ހޮވުނު އެތުލީޓުންގެ ތެރެއިން ހަ އެތުލީޓަކު ވަނީ އައިއޯއައިޖީ ގައި ދިވެހިރާއްޖެ ތަމްސީލްކޮށްފައެވެ.

ސްކޮލަރޝިޕް އެތުލީޓުންގެ ތެރެއިން ރާއްޖެއަށް މެޑަލް ހޯދައިދިން އެތުލީޓުން:

  • މޫސާ މުންސިފް އަހްމަދު ( ޓޭބަލް ޓެނިސް) - މިކްސް ޑަބަލްސް (ރަން މެޑަލް) ، މެންސް ޑަބަލްސް (ރިހި މެޑަލް)، އަދި މެންސް ޓީމް އިވެންޓް (ރިހި މެޑަލް)
  • ފާތިމަތު ޖުމާނާ ނިމާލް ( ޓޭބަލް ޓެނިސް) - ވިމެންސް ޓީމް އިވެންޓް (ރަން މެޑަލް)
  • މަރިޔަމް ރުއުޔާ އަލީ (އެތުލެޓިކްސް) - ވިމެންސް 100*4 ރިލޭ (ލޯ މެޑަލް)
  • ޝުބާ މުހައްމަދު ޝަރީފް (ބެޑްމިންޓަން) - ވިމެންސް ޓީމް އިވެންޓް (ރިހި މެޑަލް)

އައިއޯއައިޖީގައި ނުވަ ކުޅިވަރަކުން ރާއްޖެ ވާދަކުރިއިރު، ޖުމްލަ 28 މެޑަލް ހޯދާފައިވެއެވެ. އެއީ ފަސް ރަން މެޑަލްއާއި، ނުވަ ރިހި މެޑަލްގެ އިތުރުން 14 ލޯ މެޑަލް އެވެ. މިއީ މިހާތަނަށް މަލްޓި ސްޕޯޓްސް ގޭމްސްއެއްގައި ރާއްޖޭން އެންމެ ގިނަ މެޑަލް ހޯދި ފަހަރެވެ.

ރާއްޖެއިން މިފަހަރުގެ އައިއޯއައިޖީގައި 28 މެޑަލް ހޯދާފައިވާއިރު، މިއީ 2019 ވަނަ އަހަރު މޮރީޝަސްގައި ބޭއްވި ގޭމްސްގައި ރާއްޖެއިން ހޯދި ކާމިޔާބީއަށް ވުރެ ފުރިހަމަ ކާމިޔާބީއެކެވެ. އެފަހަރުގެ ގޭމްސްގައި ރާއްޖެއިން 15 މެޑަލް ހޯދިއެވެ.