8 ސެޕްޓެމްބަރު 2023 ވާހުކުރު ދުވަހުގެ ހަވީރު 6:00އަށް މިއަހަރު އޮންނަ ރިޔާސީ އިންތިޚާބަށް ކެމްޕެއިންކުރުމުގެ ފުރުސަތު ބަންދުވާނެއެވެ. ރާއްޖެއަށް މަލްޓިޕާޓީ ނިޒާމު ތައާރަފުވީ ފަހުން ބާއްވާ ހަތަރުވަނަ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ބާއްވާ ތާރީޚީ ދުވަހަކީ 9 ސެޕްޓެމްބަރު 2023އެވެ.
މި އިންތިޚާބުގައި ވާދަކުރަނީ 5 ސިޔާސީ ޕާޓީއަކުން 5 ބޭފުޅުންނާއި އަމިއްލަ ގޮތުން 3 ބޭފުޅުންނެވެ. ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ މިއިންތިޚާބުގެ ކެމްޕެއިން ހަރަކާތްތަށް ގާތްގަނޑަކަށް ނިމުމަކަށް އައިސްފައިވާއިރު، ހުރިހާ ކެންޑިޑޭޓުންވެސް އެކިއެކި ކެމްޕެއިން ހަރަކާތްތައްވަނީ ހިންގާފައެވެ.
ކެމްޕެއިންއާ ގުޅޭގޮތުން ޚިޔާލުހޯދުމަށް އާންމުންނާ "ވީނިއުސް" އިން ސުވާލުކުރުމުން ގިނަ މީހުން އިއްތިފާގުވާ ގޮތުގައި، އެންމެ ފޯރިގަދަ ކެމްޕެއިނެއް ކުރިއަށްގެންދިޔައީ ބޮޑު ތިން ސިޔާސީ ޕާޓީންނެވެ.
އެއީ، ޖުމްހޫރީ ޕާޓީ، ޕީޕީއެމް-ޕީއެންސީ ކޯލިޝަން އަދި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އެވެ.
އާންމުން ފާހަގަކުރާ ގޮތުގައި، އެންމެ ރީތި ކެމްޕެއިނެއް ކުރާތަން ފެނުނީ ޖުމްހޫރީ ޕާޓީންނެވެ. ރިޔާސީ ކެމްޕެއިންނަށް ކެންޑިޑޭޓުން ރަށްރަށަށް އަރާ ވަގުތާ ދިމާކޮށް، ހަމަނުޖެހުންތައް ހިންގިތަންވެސް ފެނިގެންދިޔައެވެ. އެކަމަކު ޖުމްހޫރީ ޕާޓީގެ ފަރާތުން ފެނުނީ ސުލްޙަވެރި ކަމެވެ. ހަމަނުޖެހުމެއް ހިންގަން ފުރުސަތެއް ނުދިނެވެ. ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާހީމް އަރައިވަޑައިގެން އެއްވެސް ރަށެއްގައި ހަމަނުޖެހުމެއް ހިންގިތަން ފެނިގެން ނުދިޔައެވެ.
ޤާސިމް އިބްރާހީމް އާއި ރަނިންގމޭޓް ޑރ. އަމީން އިބްރާހީމްގެ ފަރާތްޕުޅުން ފެނިގެންދިޔައީ ވަރަށް ރިވެތި ނަމޫނާއެކެވެ. ރަށްރަށުގައި ތިބި ޚިޔާލުތަފާތު މީހުންނާވެސް ބައްދަލުކުރެއްވިއެވެ. ސަލާންގަލާންކޮށް ފޮޓޯވެސް ނެންގެވިއެވެ.
އާންމުންގެ ފާޑުކިޔުން އަމާޒުވި އެއްކަމަކީ ރިޔާސީ އިންތިހާބަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ މާލޭ ސިޓީގެ މޭޔަރުގެ ކެމްޕެއިން ބޭނުމަށް މަގު މައްޗަށް ގެއްލުންވާ ގޮތަށް ކަންކަން ކޮށްފައިވުމެވެ. އިދިކޮޅު ކޯލިޝަނުގެ ކެމްޕެއިން ދިދަތައް ދެމުމަށްޓަކައި މަޖީދީމަގުގެ ދުވާރުގައި ހޮޅި ޖެހުމުގެ ސަބަބުން ގެއްލުންވެފައި ހުރި ފޮޓޯތައް ވަނީ މީސްމީޑިއާގައި ވެސް ދައުރުވެފައެވެ. އެކަމަކު ޖުމްހޫރީ ޕާޓީގެ ފަރާތުން މިފަދަ އެއްވެސް އަމަލެއް ފެނިފައި ނުވެއެވެ. އެޕާޓީގެ ކެމްޕެއިންގައި އާންމު ތަކެއްޗާއި މުދަލަށް ގެންލުންވާ ފަދަ އަމަލެއް ކުރި މަންޒަރެއް ފެނިގެން ނުދެއެވެ.
ކެމްޕެއިނަށް ދިދަ ދަނޑިޖަހައި ކެމްޕެއިން ބެނާތައް ހަރުކުރުމަށް ދައުލަތުގެ ކުންފުނިތަކާއި އޮފީސްތަކުގެ މުވައްޒަފުންވެސް ބޭނުންކުރިތަން ފެނިގެންދިޔައެވެ. އެކަމަކު ރާއްޖޭގެ އެންމެ ގިނަ މުވައްޒަފުން ގެންގުޅުއްވާ ޤާސިމް އިބްރާހީމްގެ ކެމްޕެއިންގައި ވިލާ ގުރޫޕްގެ އެއްވެސް މުވައްޒަފަކަށް ވަޒީފާގެ ބިރުދައްކައިގެން ނުވަތަ މަޖުބޫރުކޮށްގެން އެފަދަ ކަންކަން ކުރުވާފައި ނުވެއެވެ. ނަމޫނާ ލިބިގަންނަންނަވީ މިފަދަ ބޭފުޅުންގެ ފަރާތުން ނޫންތޯއެވެ؟
ގައުމީ ކެންޑިޑޭޓް ޤާސިމް އިބްރާހީމް ރަށްރަށުގައި ދެއްކެވި ވާހަކަފުޅުތަކުގެ ތަންކޮޅުކޮޅު ނަގައި އެމަނިކުފާނާމެދު ނުރަނގަޅު ތަަސައްވުރު އުފެއްދުމަށާއި އަގު ވައްޓާލުމަށް މީސްމީޑިއާގައި ވާދަވެރި ކެންޑިޑޭޓުން ނިސްބަތްވެވަޑައިގަންނަވާ ޕާޓީތަކުގެ އެކްޓިވިސްޓުން ރެއާއި ދުވާލު މަސައްކަތްކުރިތަން ފެނުނެވެ. ފޭސްބުކް ޕޭޖުތަކާއި ފޭކްއެކައުންޓަކުގެ ނިވަލުގައި ތިބެގެން ޤާސިމް އިބްރާހީމަށް އެތައް މަލާމާތަކާއި ފުރައްސާރަ ކުރިއެވެ.
ނުވިތާކަށް ނަންހުރި ޓީވީ ސްޓޭޝަންތަކުން ވީޑިއޯ ރިޕޯޓު ހަދައި ބްރޯޑްކާސްޓްވެސް ކުރީއެވެ. ފުރައްސާރަ އާއި ގަނާއާ އެންމެ ބޮޑަށް ކުރިމަތިލައްވަންޖެހިވަޑައިގަތް އެއް ބޭފުޅަކީ ގާސިމް އިބްރާހީމެވެ.
އެކަމަކު އެފަދަ އަމަލުތަށް ޖޭޕީގެ ސޯޝަލްމީޑިއާ އެކްޓިވިސްޓުންގެ ފަރާތުން ފެނިގެން ނުދިޔައެވެ. އެފަދަ ކަންކަމަށް އެޕާޓީގެ ލީޑަރޝިޕުންވެސް ހިތްވަރެއްވެސް ނުދެއެވެ. ސޯޝަލްމީޑިއާގައިވެސް ކެމްޕެއިންކުރީ ވަރަށް ރިވެތިކޮށެވެ. އެންޓި ކެމްޕެއިނެއް ނުކުރެއެވެ. އިސްކުރީ ހަމަޖެހުމާއި ރައްޔިތުންގެ ސުލްހަމަސަލަސް ކަމެވެ.
އެންމެ ރީތި ކެމްޕެއިނެއް ކުރީ ޤާސިމް އިބްރާހީމާއި އެމަނިކުފާނުގެ ރަނިންމޭޓް ކަމަށް ގިނަ ބަޔަކު ބުނަމުން އަންނައިރު، މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައްޔިތުން، އެއްބުރުން އެމަނިކުފާނު ހޮއްވަވައިދެއްވާނެކަން ޔަގީންވެވަޑައިގަންނަވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމް ވިދާޅުވެއެވެ.
ގާސިމް ވިދާޅުވަނީ، މިހާތަނަށް އެމަނިކުފާނު ވަނީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް ދެފަހަރު ފުރުސަތު ދެއްވާފައި ކަމަށެވެ. އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއަށް އެއް ފަހަރު ފުރުސަތު ދެއްވިކަމަށާއި، އެހެންކަމުން ޓެސްޓުކޮށްލުމަށްވެސް ދިވެހި ރައްޔިތުން މިފަހަރު ވޯޓު ދޭންވީ އެމަނިކުފާނަށްކަމަށް ޤާސިމް އިބްރާހީމް ވިދާޅުވެއެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވާނެ ކަމަށް ގާސިމް އިބްރާހީމް ވިދާޅުވެފައިވާއިރު، ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓާ ހަވާލުވެވަޑައިގަތުމަށްފަހު، ދަރުބާރުގެ ހާޒިރިންނާ މުހާތަބުކުރައްވައި ޤާސިމް އިބްރާހީމް ވިދާޅުވީ، އިންތިހާބުގައި ވާދަކުރައްވަން ނިންމެވީ ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ކަށަވަރުކޮށްދޭނެ ކަމަށް ވައުދުވެ ދެއްވި ޔަގީންކަމުގެ މައްޗަށް ޖުމްހޫރީ ޕާޓީގެ ހިއްސާއާއެކު ގާއިމްވި ސަރުކާރުގެ ސަބަބުން ގައުމަށް މިހާރު ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވައި ރައްޔިތުންގެ އިސްލާހީ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެވަޑައިގަތުމުގެ އަޒުމުގައި ކަމަށެވެ.