ފަސް އަހަރުން ފަހުން އަނެއްކާވެސް ރިޔާސީ އިންތިހާބެއް ބޯމަތިވަނީއެވެ.

އިންތިހާބެއް ބޯމަތިވަމުން އަންނައިރު ރައްޔިތުން ވިސްނާލަން މުހިންމު ނުކުތާތަކެއްވެސް ސިޔާސީ އެކި ފަރާތްތަކުން ދަނީ ތިލަކޮށްދެމުންނެވެ.

މިއީ ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބެއްގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަ ކުރައްވާ ފުރަތަމަ ފަހަރު ކަމަށްވާއިރު ވަކިވަކި ބޭފުޅުންގެ އަމާޒާއި މާޒީވެސް ރައްޔިތުންނަށް މިހާރު އެނގޭނެކަމާމެދަކު ޝައްކެއްނެތެވެ.

ބަލަމާ ހިނގާށެވެ. ރާއްޖޭގައި މަލްޓި ޕާޓީ ޑީމޮކްރެޓިކް ނިޒާމެއް އުފަންވީންސުރެ ރާއްޖޭގައި އޮންނަނީ މައިގަނޑު ދެ ފިކުރެކެވެ. އެއީ މިކިޔާ ރީނދޫ ފިކުރާއި އަސުރުމާ ފިކުރެވެ. މި ދެފިކުރުން ބޭރުން އެހެން އެއްވެސް ފިކުރަކަށް އަދި ކުލަޔަކަށްވެސް ވެރިކަމުގެ ހަތަރު އަކުރާއި ހަމައަށް ވާސިލްވުމަށްވެސް ހަގީގަތުގައި ރީނދޫ ފިކުރާއި އަސުރުމާ ފިކުރަކުން ނޭދެއެވެ. އޭގެތެރެއިން ރައްޔިތުން ދެފަހަރު ރީނދޫ ފިކުރާއި ވެރިކަން ހަވާލުކޮށް އެއްފަހަރު އަސުރުމާ ފިކުރަށްވެސް ވެރިކަން ހަވާލުކޮށްފިއެވެ. އެހެންނަމަވެސް ސުވާލަކީ މި ދެ ފިކުރަށް ނުވަތަ މި ދެ ޕާޓީއަށް ވެރިކަން ހަވާލުކުރުމުން ރައްޔިތުންނާއި ގައުމަށް ލިބުނީ ކޮން މޮޅެއްތޯއެވެ.

އިންތިހާބުގައި ސަރުކާރު ބަދަލުކުރަން ރައްޔިތުން އަންނަނީ ގޮވާލަމުންނެވެ. އެހެންނަމަވެސް ރީނދޫ ކުލައިން ނެއްޓިގެންދާވީ ހަމަ އަސުރުމާ ކުލަޔަށްތޯ މިއީވެސް އުފެދޭ ސުވާލެކެވެ.

ކުރުކޮށް ބުނާނަމަ މިފަހަރުގެ އިންތިހާބުގައި އަސުރުމާ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ނުކުންނެވި ރިޔާސީ މެނިފެސްޓޯގެ އެންމެ ކުރީގައި ކުރީގެ ރައީސް ޔާމީން މިނިވަންކުރުމުގެ ވައުދު ހިފައިގެންނެވެ. ސަރުކާރު ކެންޑިޑޭޓް ރައީސް ސާލިހުގެ އަމާޒަކީ ދެވަނަ ދައުރެއް ފަހިކުރުމެވެ. ދެން ތިއްބެވި ފަސް ކެންޑިޑޭޓުންގެ ރިޔާސީ މެނިފެސްޓޯއިން ރައްޔިތުންނަށް ތިލަވީ އަދި ދެތިން ޖުމްލައެކެވެ. ދެން ހުންނެވީ ގައުމީ ކެންޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހިމެވެ. އެމަނިކުފާނު ވަޑައިގަތީ ރައްޔިތުންގެ މައްސަލަތަކަށް ހައްލު ހޯއްދަވާނެ ފުރިހަމަ މެނިފެސްޓޯއެއް ހިއްޕަވައިގެން ސީދާ ރައްޔިތުންގެ ހައްގުގައެވެ. އެ މެނިފެސްޓޯގައި ގައުމީ މައްސަލަތަކުގެ ހައްލު އެބައޮތެވެ.

ތަފްސީލްކޮށް ބަލަމާ ހިނގާށެވެ. ރާއްޖޭގެ މިނިވަންކަމާއި ހާރިޖީ ސިޔާސަތާއި ދަރަނީގެ ވާހަކައަކީ މިހާރު އެންމެ ބޮޑަށް ދެކެވޭ ވާހަކައެވެ.

ރާއްޖޭގެ މިނިވަންކަމަށް އެމްޑީޕީގެ ސަރުކާރުތަކުގައި ތޮޅުނު ވަރަށް އެހެން ސަރުކާރުތަކުން ނުތޮޅެއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. 2018ވަނަ އަހަރު އެމްޑީޕީގެ އޭރުގެ ރައީސް ނަޝީދުވަނީ ރާއްޖެއަށް އިންޑިއާ ސިފައިން އެރުމަށްވެސް ގޮވާލާފައެވެ. އަދި ފަހުން 2019ވަނަ އަހަރު ނަޝީދު ވަނީ ހއ. އިހަވަންދޫ އިން އިންޑިއާ ސިފައިންގެ މީހަކު ފެނުމަކީ ރަނގަޅު ކަމެއް ކަމުގައިވެސް ވިދާޅުވެފައެވެ. އޭގެފަހުން މިއަދު ރާއްޖޭގެ ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި އިންޑިއާ ސިފައިން ތިބޭކަމަށް އިތުބާރު ހުރި މަސްދަރުތަކުން މިވަނީ ސާބިތުވެފައެވެ.

އެއީ ލ. ކައްދޫ، އައްޑޫ ގަން، ހދ. ހަނިމާދޫ އަދި އުތުރު ތިލަފަޅުގައެވެ. އަދި ރާއްޖޭގެ ދާހިލީވަޒީރަކަށް ހުރެ އިންޑިއާ ސިފައިންނަށް ރާއްޖެ ހިފޭނެކަމަށް ދެއްކި ވާހަކަތަކުގެ ތާރީހު ލިޔަންޏާވެސް ފަލީހަތްވާނީ ހަމަ އެމްޑީޕީގެ ސަރުކާރުގެ ވެރިންނެވެ. ރާއްޖޭގެ މިނިވަންކަން ގެއްލޭ ގޮތަށް ރާއްޖޭއެކި ސަރަހައްދުތަކުގައި އިންޑިއާ ސިފައިން ޤާއިމުވެގެން ތިބޭ މައްސަލައިގައި ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފެށުމުން ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވަނީ ރިޔާސީ ގަރާރެއް ނެރުއްވައި އެކަން ހުއްޓުވާފައެވެ. އަދި އިންޑިއާ ސިފައިން ބޭރުކުރަން ގޮވުމުގެ ނަތީޖާއަކީ އެ ގައުމުން ކާޑުގެ ބާވަތް ނުލިބި ދިވެހިން ބަނޑަށްޖެހުން ކަމަށްބުނެ ސަރުކާރުންވަނީ ވާހަކަފަތުރާފައެވެ.

މިއަދު އިރު އެރިއިރު ސޯޝަލް މީޑިއާގައި ދައުރުވަނީ ކުރީގެ ސަރުކާރަކުން އެކަށައަޅާފައިވާ ހާރިޖީ ސިޓީތަކެކެވެ. ސިޓީތަކުގައިވަނީ މިސަރުކާރުން އިންޑިއާއާއެކު ހަދާފައިވާ މިނިވަންކަން ގެއްލުވާލުމުގެ މަދު ވާހަކަކޮޅުތަކެކެވެ. އޭގެ ތެރޭގައި އުތުރުތިލަފަޅު އެއްބަސްވުމަށް ބަދަލުތަކެއްގެނައުމާއި އަންމޭންޑް އޭރިއަލް ވެހިކަލް (މިލިޓަރީ ޑްރޯން) ރާއްޖޭގައި ބޭނުންކުރަން ނިންމުން ފާހަގަކޮށްލެވެއެވެ.

ޑްރޯނު އޮޕަރޭޓުކުރުމަށްވެސް ހެލިކޮޕްޓަރާއި ޑޯނިއާ ދުއްވަންވެސް އެނގޭ ހަމައެކަނި ބަޔަކީ އިންޑިއާ ސިފައިންކަމަށްވީ ހިނދު ދެންވީ ރާއްޖޭގައި އިންޑިއާ ސިފައިން ޤާއިމުވެގެން ތިބޭށޯލައެވެ.

މިވާހަކަތައް މިއަދު އަސުރުމާ ކުދިންކޮޅުވެސް ދައްކާއިރު ރާއްޖޭގެ ސަލާމަތާއި ބެހޭ ކަންކަން ރާއްޖެއަށް ބެލެހެއްޓޭނެކަން އެ ވެރިކަމުގައި އެމީހުންނަށް ފަހުމް ނުވީބާވައޭ މިއީ ރައްޔިތުން ސުވާލުކޮށްލުން މުހިންމު ކަމެކެވެ. އިންޑިއާ ސިފައިންނާއި ހެލިކޮޕްޓަރާއި މަތިންދާބޯޓު ރާއްޖެއަށް ބޭނުން ނުވާކަމަށް މިހާރު ހަރު އަޑުން ވިދާޅުވާއިރު ރައީސް ޔާމީންގެ 5 އަހަރު އެމީހުން ބޭރުކޮށް ރާއްޖެ އާއި އިންޑިއާއާ ދެމެދު ހަދާފައިވާ ސިއްރު އެއްބަސްވުންތައް އުވާލައި އިންޑިއާ ސިފައިން ރާއްޖެއިން ބާލައި ގައުމު ސާފުނުކުރީ ކީއްވެގެންބާވައެވެ.

އެމްޑީޕީ ސަރުކާރުގައި އިމެއް މިނެއްނެތި ގައުމީ ސަލާމަތައް ނުރައްކާވާވަރަށް ގުޅުން ބަދަހިކުރަނީ އިންޑިއާއާއެވެ. ޕީޕީއެމް/ޕީއެންސީ ސަރުކާރުތަކުގައި ގުޅުން ބަދަހިކޮށް ގައުމު ދަރުވާލަނީ ޗައިނާއަށެވެ. މިއިން ކޮންމެ ފިކުރެއްގައިވެސްވަނީ މިނިވަންކަން ވިއްކާލައި ވެރިކަން ދެމެހެއްޓުމުގެ ވިސްނުމެވެ.

ރާއްޖޭގެ މިނިވަންކަން ހިމާޔަތްކުރުމުގެ ވާހަކަ ރާއްޖޭ ދަރަނިވެރިވެފައިވާ ވާހަކަ ރާއްޖޭގައި ބޭރު ސިފައިން ތިބި ވާހަކަ ރާއްޖޭގެ ރައްޔިތުންނަށް ހިދުމަތްކޮށްދެވޭނެކަމުގެ ވާހަކަތައް ދައްކަން މިއަދު ހާއްސަކޮށް މި ދެފިކުރުގެ އިސް މީހުން ލަދު ގަންނަންޖެހޭނެއެވެ. ހަގީގަތުގައި ގައުމު މިއަދު ދެކޭ މައްސަލަތަކަކީ އެމްޑީޕީއާއި ޕީޕީއެމް/ޕީއެންސީ ސަރުކާރުން ވެރިކަންކުރުމުގެ ނަމުގައި "ހޭވި ހަޑީގެ" ނަތީޖާއެވެ.

ދެން މާޒީ އާއި ކުރިމަގަސް ބަލާށެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ކުރިންވެސް އަދި ފަހުންވެސް ގައުމީ ކެންޑިޑޭޓް އެ ދަނީ ގައުމީ ކަންކަމުގައި ނަމޫނާ ދައްކަވަމުންނެވެ. މުޅި ދިރިއުޅުން ދޫކޮށް ރައްޔިތުންނަށްޓަކައި ގުރުބާންވާއިރުވެސް ރައްޔިތުން އެމަނިކުފާނު ބެހެއްޓެވީ ކުރުގޮތަކަށް ބުނާނަމަ "އަސްކަނިން ބޭރުގަ"އެވެ. އެވަރުންވެސް މާކަނޑެއްގައި ރައްޔިތުން "ބެހެން ފެށުމުން ހިކިފަސްތަނެއްގައި ހުންނަވާފައިމެ" އަނެއްކާވެސް ހަމަ އެ ގަދައިގެ ތެރެއަށް ކޮންމެ ފަހަރަކު އެރިވަޑައިގެން ރައްޔިތުންނަށް އެމަނިކުފާނުގެ އަތްޕުޅު އެދިއްކުރައްވަނީ ހަމަ ޔަގީނުންވެސް އެމަނިކުފާނުގެ ހިތްޕުޅުގައި ރައްޔިތުންނަށް އޮތް ލޯތްބަކާއި ގަދަރެއްގެ ބޮޑުކަމުންކަން ޔަގީނެވެ.

އަދި މިފަހަރުގެ މެނިފެސްޓޯ ބަލާލަމުން ފެނިގެންދަނީ ރައްޔިތުންނަށް ކަމެއްކޮށްދެއްވުމުގެ އަޒުމުގައި ހުންވި ވެރިއަކު ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއެކު އެކަށައަޅާފައިވާ ހިދުމަތުގެ ނަމޫނާއެކެވެ.

ސެޕްޓެމްބަރު 9ގައި އޮންނަ ރިޔާސީ އިންތިހާބު ބާއްވަން އެންމެ ދުވަހަށް ވެފައިވާއިރު ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ވޯޓުލާ އާބާދީގައި ހިމެނޭ 282،672 މީހުންގެ ތެރެއިން 58 ޕަސެންޓު މީހުން ވޯޓުލާނެ ކެންޑިޑޭޓަކު އަދިވެސް ނުނިންމައެވެ.

އެހެންކަމުން ވިސްނަވާށެވެ. ވެރިންގެ އަތުގައި އޮތް މެނިފެސްޓޯގެ ކޮންމެ އަކުރަކަށް ދުރުމި އަޅައިގެން ބެލުމަށްފަހު ރައްޔިތުން އެދޭ ހިދުމަތެއް ކޮށްދެވޭނެ ވެރިއަކަށް ވޯޓު ދޭށެވެ. ވޯޓު ދޭއިރު ބޮޑު ޕާޓީއަކަށް ނުވަތަ ކުޑަ ޕާޓީއަކަށް ބަލައި ވަކި ކުލަޔަކަށް ވަކި ފިކުރަކަށް ވޯޓު ދިނުމަކީ ބޭކާރު ކަމެއްކަން ހަމަ ޔަގީނުންވެސް މާޒީ ދައްކައިފިއެވެ.