ދުނިޔޭގައި ސިނާއީގޮތުން އެންމެ ކުރިއަރާފައިވާ އެންމެ މުއްސަނދި 20 ގައުމު ނުވަތަ ޖީ20 ގައުމުތަކުގެ ވެރިންގެ ޚާއްސަ ސަމިޓަށް ގައުމުތަކުގެ ވެރިން އިންޑިއާއަށް ވަޑައިގަންނަވަން ފަށްޓަވައިފިއެވެ.

މި ފަހަރުގެ ސަމިޓުގައި ގައުމުތަކުން ވެރިން އުންމީދުކުރައްވާ ކަންކަމުގެ ތެރޭގައި، ވިޔަފާރީގެ ކުރިއެރުންތަކާއި، މޫސުމީ މައްސަލަތަކުގެ ހައްލުތަކާއި، ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި އެހެން މައްސަލަތަކުގެ ހައްލުތައް ހޯދުން ހިމެނެއެވެ.

ޖީ20 ގައުމުތަކުގެ ރައީސުންނާއި، ބޮޑުވަޒީރުން އިންޑިއާގެ ވެރިރަށަށް ވަޑައިގަންނަވަން ފަށްޓަވާފައި ވާއިރު، އެންމެ ފާހަގަކޮށްލެވޭ ކަމަކީ، ޗައިނާގެ ރައީސް ޝީ ޖިންޕިންއާއި، ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިން ސަމިޓަށް ވަޑައިހނުގަންނަވަން ނިންމެވުމެވެ.

ޗައިނާގެ ރައީސް ސަމިޓަށް ވަޑައިނުގަންނަވަން ނިންމެވި ރަސްމީ ސަބަބެއް ޗައިނާ ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

އެކަމަކު، ޗައިނާއިން މިފަހުން މަސައްކަތް ފަށާފައިވަނީ، އެމެރިކާ އިސްވެ އޮންނަ މިފަދަ ގްރޫޕްތަކުން ވަކިވެ، ޗައިނާގެ މަސްލަހަތުތައް ހިމެނޭ އަމިއްލަ ގްރޫޕްތައް އުފެއްދުމަށެވެ.

ޖީ20 އަކީ، 2008 ވަނަ އަހަރު ދުނިޔެއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމާ ގުޅިގެން، މުއްސަނދި ގައުމުތައް ގުޅިގެން ދުނިޔޭގެ އިގްތިސާދު މެނޭޖްކުރުމަށް އުފެއްދި ގްރޫޕެކެވެ. މި ގްރޫޕްގައި ނަގާކިޔާ ގައުމަކީ އެމެރިކާއެވެ.

ޖީ20 ސަމިޓަށް ރަޝިޔާގެ ރައީސް ޕޫޓިން ވަޑައިނުގަތް ސަބަބުތަކުގެ ތެރޭގައި، ޔޫކްރެއިން ހަނގުރާމައާ ގުޅިގެން އޭނާގެ މައްޗަށް ހަނގުރާމައިގެ ޖަރީމާތައް ހިންގެވިކަމުގެ ދައުވާތައް އުފުލިފައިވުމާއި، ދުނިޔޭގެ ގައުމުތަކާއި ރަޝިޔާގެ ގުޅުން ގޯސްވެފައިވުން ހިމެނޭ ކަމަށް މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ސަމިޓަށް ފުރާވަޑައި ގަންނަވަމުން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެފައިވަނީ، ޝީއާއި ޕޫޓިން ވަޑައިނުގެންނެވި ނަމަވެސް، ސަމިޓުގެ މަގްސަދު ހާސިލްވާނެ ކަމަށެވެ.