މޮރޮކޯއަށް ހުކުރު ދުވަހުގެރޭ މެންދަމު އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 1،000 އަށްވުރެ މައްޗަށް އަރައިފިއެވެ.

ބިންހެލުމުގައި ޒަޚަމްވި މީހުންގެ އަދަދުވެސް އެތައް ސަތޭކައަށް އަރާފައި ވެއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނެފައިވަނީ، ބިންހެލުމުގެ ބާރުމިން ހުރީ ރިކްޓަރ މިންގަނޑުން 6.8 ގައި ކަމަށެވެ. ބިންހެލުން މަރުކަޒުވެފައި ހުރީ ފަރުބަދަތަކާ ގާތުގައި އޮންނަ މައްރާކިޝްގެ ދެކުނުހުޅަނގެވެ.

ފަރުބަދަތައް ގިނަ އެ ސަރަހައްދަށް އައި ބިންހެލުމުގެ ބާރުގަދަކަމުން، އެތައް ގެއަކާއި އިމާރާތެއް ވެއްޓި ބިމާހަމަވެފައި ވެއެވެ.

ވެއްޓިފައިވާ ގެތަކާއި އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ޓީމުތަކުން ކުރަމުން ގެންދާއިރު، އެންމެ ބޮޑެތި ގެއްލުންތައް ލިބިފައިވަނީ ފަރުބަދަތަކާ ގާތް އަވަށްތަކުންނެވެ.

މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި މޮރޮކޯގެ ސިފައިންވެސް ގެންދަނީ ހަރަކާތްތެރިވަމުންނެވެ.

ބިންހެލުމުގެ ސަބަބުން ވެރިރަށުން ވެއްޓި ހަލާކުވި އެތައް އިމާރާތެއްގެ ތެރޭގައި ގަދީމީ އެތައް އިމާރާތެއްވެސް ހިމެނެއެވެ.

މޮރޮކޯ ސަރުކާރުގެ ދާޚިލީ ވުޒާރާއިން ބުނީ، ބިންހެލުމުގެ ސަބަބުން 1،037 މީހުން މަރުވިކަން މިހާތަނަށް ކަށަވަރު ކުރެވިފައިވާ ކަމަށެވެ. ޒަޚަމްވި މީހުންގެ އަދަދެއް ކަމަށް ހާމަކޮށްފައިވަނީ 672 އެވެ.

މައްރާކިޝްއިން އެކަނިވެސް 13 މީހުން މަރުވެފައި ވާއިރު، މި ބިންހެލުމުގެ ލޮޅުންތައް ސްޕެއިންގެ ދެކުނުގެ ހިސާބުތަކަށްވެސް އެރިކަމަށް ސްޕޭންގެ މީޑިއާއިން ބުނެފައި ވެއެވެ.

ބިންހެލުމުގައި ލިބުނު ގެއްލުންތައް ފެންނަ ފޮޓޯތަކާއި ވީޑިއޯތައް މޮރޮކޯގެ ގައުމީ ޓީވީންނާއި އަދި މީޑިއާއިން ގެންދަނީ ހާމަކުރަމުންނެވެ.

މިއީ، 1960 ގެ ފަހުން މޮރޮކޯއިން ތަޖުރިބާކުރި އެންމެ ގެއްލުންބޮޑު ބިންހެލުން ކަމަށް މޮރޮކޯއިން ބުނެއެވެ.

ބާރުގަދަ ބިންހެލުމާއެކު މައްރާކިޝްއަށް ބޮޑެތި ގެއްލުންތައް މިލިބުނީ، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑާއި، ވޯރލްޑް ބޭންކްގެ އަހަރީ ބައްދަލުވުން، ކުރިއަށްއޮތް އޮކްޓޫބަރުމަހުގެ ކުރީކޮޅު މައްރާކިޝްގައި ބާއްވަން ތައްޔާރުވަމުން ދަނިކޮށެވެ.

ބިންހެލުމުގައި އެތައްބަޔަކު މަރުވެ އެތައްބަޔަކު ޒަޚަމްވި އަދި ބޮޑެތި ގެއްލުންތައް ލިބުމާ ގުޅިގެން ދުނިޔޭގެ އެތައް ލީޑަރުންނެއްވަނީ، މޮރޮކޯއަށް ތައުޒިޔާއާއި ހަމްދަރްދީ ފޮނުއްވައި އަދި އިންސާނީ އެހީ ދިނުމަށްވެސް ވައުދުވެވަޑައި ގެންފައެވެ.