މޮރޮކޯއަށް ހުކުރު ދުވަހުގެރޭ އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ދެހާހުން މައްޗަށް އަރައިފިއެވެ.
މޮރޮކޯ ސަރުކާރުގެ ދާޚިލީ ވުޒާރާއިން މިއަދު ބުނީ، ބިންހެލުމުގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު 2،012 އަށް އަރާފައިވާ ކަމަށެވެ.
އަދި ޒަޚަމްވި މީހުންގެ އަދަދު 2،059 އަށް އަރާފައި ވާއިރު، ޒަޚަމްވި މީހުންގެ ތެރެއިން 1،404 މީހުންގެ ހާލު ސީރިއަސް ކަމަށްވެސް ދާޚިލީ ވުޒާރާއިން ބުނެފައި ވެއެވެ.
ރިކްޓަރ މިންގަނޑުން 6.8 ގެ ބާރުމިނުގައި އައި ބިންހެލުމުގައި އެންމެ ބޮޑެތި ގެއްލުންތައް ލިބިފައިވަނީ ހައި އެޓްލަސް މައުންޓެއިންސް ސަރަހައްދަށެވެ.
ބިންހެލުމުގެ ސަބަބުން ވެއްޓިފައިވާ އެތައް ގެއަކާއި އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް، ޓީމުތަކުންނާއި ސަލާމަތީ ބާރުތަކުން ހުއްޓާނުލާ ކުރިއަށް އެބަ ގެންދެއެވެ.
ހާލުގައި ޖެހިފައިވާ މީހުންނަށް ސާފު ބޯފެން ދިނުމަށާއި، ކާބޯތަކެއްޗާއި، ޓެންޓާއި ރަޖާ ފަދަ ތަކެތި ބެހުމުގައިވެސް ޓީމުތަކުން ގެންދަނީ ހަރަކާތްތެރި ވަމުންނެވެ.
ބިންހެލުމުގައި އެންމެ ބޮޑެތި ގެއްލުންތައް ލިބުނު ސަރަހައްދުތަކުގެ އާންމުން ރޭގައިވެސް ހޭދަކުރީ މަގުމަތީގައެވެ.
ހުކުރު ދުވަހުގެ ރޭގެ ބާރުގަދަ ބިންހެލުމަކީ ވޭތުވެދިޔަ ފަސްދޮޅަކަށް އަހަރުގެ ތެރޭގައި މޮރޮކޯ ތަޖުރިބާކުރި އެންމެ ގެއްލުންބޮޑު ބިންހެލުމެވެ.
ބިންހެލުމުގައި އެތައް ބައެއްގެ ފުރާނަ ގެއްލިގެން ގޮސްފައިވާތީ، މޮރޮކޯ ސަރުކާރުންވަނީ އިއްޔެއިން ފެށިގެން 3 ދުވަސް ގައުމީ ހިތާމައިގެ ތިންދުވަހުގެ ގޮތުގައި އިއުލާންކޮށް، ގައުމީ ދިދަވެސް ތިންދުވަހަށް ބައިދަނޑިއަށް ތިރިކޮށްފައެވެ.
މީހުން ސަލާމަތް ކުރުމާއި، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ދުނިޔޭގެ އެތައް ގައުމަކުން ނިންމައި މަސައްކަތް ފަށާފައި ވެއެވެ.