މޮރޮކޯއަށް ހުކުރު ދުވަހުގެރޭ މެންދަމު އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން ހާލުގައި ޖެހުނު އެތައް ބަޔަކަށް، މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަރާތުން ދީލަތި އެހީތެރިކަމެއް ލިބިއްޖެއެވެ.

މީގެކުރިން ވެސް، އިންސާނިއްޔަތަށް، ހާއްސަގޮތެއްގައި މުސްލިމުންނަށް އެކި ގޮތްގޮތުން އެހީތެރިވެ، ފާޅުގައި މުސްލިމުންގެ ހައްގުގައި ވާހަކަދައްކާ ރޮނާލްޑޯ ވަނީ، ބިންހެލުމާ ގުޅިގެން މަގުމަތިވެފައިވާ މީހުންނަށް، މޮރޮކޯގެ މައްރާކިޝްގައި ހުންނަ އޭނާގެ ޕަސްތާނާ ސީއާރު7 ހޮޓަލް، ރެފިއުޖީ ސައިޓެއްގެ ގޮތުގައި ދޫކޮށްފައެވެ.

ރިކްޓަރ މިންގަނޑުން 6.8 ބާރުމިނުގައި އައި މި ބިންހެލުމުގައި ހާހަކަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އެތައް ސަތޭކަ މީހުން ޒަހަމްވެފައިވެއެވެ. އަދި ގެދޮރު ސުންނާފަތިވެ، މަގުމަތިވެފައި އެތައް ހާސް ބަޔަކު ވެއެވެ. މައްރާކިޝްގައި ހުންނަ ރޮނާލްޑޯގެ ހޮޓަލް ރެފިއުޖީ ސައިޓެއްގެ ގޮތުގައި ހުޅުވާލާފައި މިވަނީ، މިފަދަ އެތައް ބަޔަކު ބޯހިޔާވަހިކަމެއް ހޯދުމަށް މަސައްކަތްކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

ރޮނާލްޑޯ ވަނީ މި ހިތާމަވެރި ދަނޑިވަޅުގައި، މޮރޮކޯގެ ރައްޔިތުންނަށް ހަމްދަރުދީވާ ކަމަށާއި، އޭނާއާއި އޭނާގެ އާއިލާއިން އެ ރައްޔިތުންނަށް ހެޔޮ ދުއާ ފޮނުވާކަމަށް ބުނެ މެސެޖެއް ފޮނުވާފައެވެ.

ގިނަ މުސްލިމުންތަކެއްގެ ލޯތްބާއި އިހުތިރާމް ހޯދާފައިވާ ރޮނާލްޑޯ އަކީ، މީގެކުރިން ވެސް އެތައް ފަހަރެއްގެ މަތިން މުސްލިމުންނަށް މިފަދަ އެތައް އެހީއެއް ފޯރުކޮށްދީފައިވާ ޝަހްސިއްޔަތެކެވެ.

ބާރުގަދަ ބިންހެލުމެއްގެ ސަބަބުން މޮރޮކޯ ފުން ހިތާމައެއް ތަހައްމަލުކުރަމުން އަންނައިރު، މިއީ، 1960 ގެ ފަހުން މޮރޮކޯއިން ތަޖުރިބާކުރި އެންމެ ގެއްލުންބޮޑު ބިންހެލުން ކަމަށް މޮރޮކޯއިން ބުނެއެވެ.

ބާރުގަދަ ބިންހެލުމާއެކު މައްރާކިޝްއަށް ބޮޑެތި ގެއްލުންތައް މިލިބުނީ، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑާއި، ވޯރލްޑް ބޭންކްގެ އަހަރީ ބައްދަލުވުން، ކުރިއަށްއޮތް އޮކްޓޫބަރުމަހުގެ ކުރީކޮޅު މައްރާކިޝްގައި ބާއްވަން ތައްޔާރުވަމުން ދަނިކޮށެވެ.

ބިންހެލުމުގައި އެތައްބަޔަކު މަރުވެ އެތައްބަޔަކު ޒަޚަމްވި އަދި ބޮޑެތި ގެއްލުންތައް ލިބުމާ ގުޅިގެން ދުނިޔޭގެ އެތައް ލީޑަރުންނެއްވަނީ، މޮރޮކޯއަށް ތައުޒިޔާއާއި ހަމްދަރްދީ ފޮނުއްވައި އަދި އިންސާނީ އެހީ ދިނުމަށްވެސް ވައުދުވެވަޑައި ގެންފައެވެ.