ދަ ޑިމޮކްރެޓްސްގެ ފުރަތަމަ ރިޔާސީ ކެންޑިޑޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް އަނގަމަޑުންލައްވައިގެން ހުންނެވުމަށް ސޯޝަލްމީޑިއާގައި ނަން މަޝްހޫރު ހަސަން ކުރުސީ ގޮވާލައިފިއެވެ.

"އެކްސް" ޕްލެޓްފޯމްގައި ހަސަން ކުރުސީ ކުރި ޕޯސްޓެއްގައި ބުނީ، އިލްޔާސް ލަބީބަކީ ދަ ޑިމޮކްރެޓްސްގެ ކުރީގެ ރިޔާސީ ކެންޑިޑޭޓް ކަމަށެވެ. އަދި މިހާރު އޭނާއަކީ އެޕާޓީގެ އާންމު މެމްބަރެއް ކަމަށާއި ޕާޓީގެ ނަމުގައި ބަސް ވިދާޅުވުމުގެ ހައިސިއްޔަތެއް އިލްޔާސަށް މިހާރު ނެތްކަމަށް ވެސް ހަސަން ކުރުސީ ބުނެފައިވެއެވެ.

ޕާޓީގެ ނަމުގައި އާންމުންނަށް އޮޅުންއަރާނޭ ފަދަ ގޮތަކަށް އަމިއްލައަށް ބަސް ވިދާޅުނުވުމަށް ވެސް ހަސަން ކުރުސީ ވަނީ އިލްޔާސަށް ގޮވާލާފައެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ތާއީދުކުރައްވައިފިނަމަ މެމްބަރު އިލްޔާސްގެ ސިޔާސީ ކެރިއަރ ފުނޑާލާނެކަމަށް ވެސް ކުރުސީ އިންޒާރުދީފައިވެއެވެ.

ހަސަން ކުރުސީ މިފަދައިން ބުނެފައިވަނީ، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވަކި ޕާޓީއަކަށް ތާއީދުކުރަން އަދި ނިންމާފައި ނުވި ނަމަވެސް، މަޝްވަރާގެ އެއްވެސް ދޮރެއް ބަންދު ނުކުރާކަމަށް ދަ ޑިމޮކްރެޓްސްގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި އިލްޔާސް ލަބީބު ވިދާޅުވުމާ ގުޅިގެންނެވެ.

އެ ޕާޓީން ބޭއްވި މީޑިއާ ބްރީފިންގައި ވާހަކަދައްކަވަމުން އިލްޔާސް ވިދާޅުވީ، ވަކި ޕާޓީއަކާ ވާހަކަދައްކަން ނުވަތަ ނުދައްކަން ޑިމޮކްރެޓްސްއިން މިހާތަނަށް ނިންމާފައިނުވާ ކަމަށެވެ. އެހެންނަމަވެސް ކޮންމެ ނިންމުމެއް ވެސް ނިންމާނީ ޕާޓީގެ އެތެރޭގެ މަޝްވަރާއިންކަމަށް އިލްޔާސް ވިދާޅުވިއެވެ.

ދެވަނަ ބުރަށް ދިޔަ އެމްޑީޕީއާ އެކު ކޯލިޝަން ހަދާފާނެ ތޯ ނޫސްވެރިއަކު ސުވާލު ކުރުމުން އިލްޔާސް ވިދާޅުވީ، ގިނަ ރައްޔިތުންވެސް އެ ސުވާލު ކުރަމުން އަންނަ ކަމަށާއި، ރައްޔިތުންގެ ޖަވާބު ވަރަށް ސާފު ކަމަށެވެ. އެ ސުވާލަށް އިތުރު ތަފްސީލެއް އިލްޔާސް ދެއްވާފައެއް ނުވެއެވެ.

މިވާހަކަތަކާ ގުޅިގެން އިލްޔާސް އަނގަމަޑުންލައްވައިގެން ހުންނެވުމަށް ހަަސަން ކުރުސީ ގޮވާލިއިރު، ހަސަން ކުރުސީގެ އަސްލު އަދި ދެނެގަނެވިފައި ނުވެއެވެ. ހަސަން ކުރުސީގެ ނަމުގައި ސޯޝަލްމީޑިއާގައި އުޅެނީ ރައީސް މުޙައްމަދު ނަޝީދު ކަމަށް ވެސް ބައެއް މީހުން ތުހުމަތުކުރެއެވެ.

އެކަމަކު ސޯޝަލްމީޑިއާގައި އެކި ޝުއޫރުތައްފާޅު ކުރަމުންދާ ހަސަން ކުރުސީއަކީ، ރައީސް ނަޝީދު ކަމުގައި ދެކެވޭ ވާހަކަތައް އެމަނިކުފާނުވަނީ ދޮގުކުރައްވާފައެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި މީގެ ކުރިން ވިދާޅުވީ، ހަސަން ކުރުސީއަކީ އެމަނިކުފާނުގެ ބައެއް ލިޔުންތަކުގެ ހަގީގީ-ހިޔާލީ ޝަހުޝެއް ކަމަށެވެ. އަދި އެއީ އެމަނިކުފާނުގެ ތޮބިއްޔަތު ބަޔާން ނުކޮށްދޭ ޝަހްޝިއްޔަތެއް ކަމަށް ދަންނަވަން އުނދަގޫ ނަމަވެސް އެއީ ޖިސްމާނީ ގޮތުން އެމަނިކުފާނު ނޫން ކަމަށެވެ.

ސަރުކާރާއި އެކި މީހުންނަށް ފާޑުކިޔަމުން އަންނަ ހަސަން ކުރުސީ ޓްވިޓަރ އެކައުންޓްގެ ވެރި ފަރާތް ހޯދުމަށް ރައްޔިތުން މަޖިލީހުގެ ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ނަޝީދުވަނީ ފުލުހަށް ހުށަހަޅުއްވާފައެވެ.

އެކަމަކު އެއީ ކާކުކަން ހޯދޭގޮތްވަނީ ނުވެފައެވެ.