ސަރުކާރުގެ ތެރެއިން ކޮރަޕްޝަން ހިންގާކަމުގެ ކަންބޮޑުވުންތަކެއް ހުރުމުން، މެލޭޝިޔާގެ ޒުވާނުން ހިމެނޭ، މެލޭޝިއަން ޔުނައިޓެޑް ޑިމޮކްރަޓިކް އެލަޔަންސް ސަރުކާރު ހިންގާ ކޯލިޝަނުން ވަކިވެއްޖެއެވެ.
ބޮޑުވަޒީރު އަންވަރު އިބްރާހިމްގެ ވެރިކަންކުރާ ކޯލިޝަނުން އެ ޕާޓީ ވަކިވީ، މިހާރުގެ ބޮޑުވަޒީރުގެ ނައިބް އަހްމަދު ޒާހިދު ހާމިދީގެ މައްޗަށް އުފުލުނު ޚިޔާނާތުގެ ދައުވާތައް އަނބުރާ ނެގުމުން އެކަމާ ހިތްހަމަ ނުޖެހިގެންނެވެ.
މެލޭޝިއަން ޔުނައިޓެޑް ޑިމޮކްރަޓިކް އެލަޔަންސް، ޕާލަމެންޓްގައި ތަމްސީލުކުރަނީ އެންމެ ގޮނޑިއެކެވެ. އެޕާޓީ، ވެރިކަންކުރާ ކޯލިޝަނުން ވަކިވިޔަސް ކޯލިޝަނަށް އެކަމުން އަސަރެއް ނުކުރާނެއެވެ.
އެހެން ނަމަވެސް، މެލޭޝިއަން ޔުނައިޓެޑް ޑިމޮކްރަޓިކް އެލަޔަންސް ވަކިވުމުން، ބޮޑުވަޒީރު އަންވަރު އިބްރާހިމްއަށް ޕާލަމެންޓްގައި ލިބިވަޑައިގެންފައި އޮތް ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު ގެއްލޭނެއެވެ.
ޤާނޫނުއަސާސީއަށް ބަދަލުތައް ގެނައުމާއި، މުހިންމު އިސްލާހީ މަސައްކަތްތައް ކުރުމަށް ޕާލަމެންޓުގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތަކީ ބޮޑުވަޒީރު އަންވަރަށް މުހިންމު ކަމެކެވެ.
ބޮޑުވަޒީރުގެ ނައިބް އަހްމަދު ޒާހިދު ހާމިދީއަކީ، މެލޭޝިޔާގައި ކޮރަޕްޝަނުން ތަތްތެޅިފައިވާ ޔުނިޓެޑް މެލޭ ނޭޝަނަލް އޮގަނައިޒޭޝަން، އުމްނޯ ޕާޓީގެ ލީޑަރެވެ.
އުމްނޯއަކީ ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ އިސް ޕާޓީއެކެވެ. ޕާލަމެންޓުގެ އަޣުލަބިއްޔަތު ބޮޑުވަޒީރަށް އޮތުމުގައި އުމްނޯގެ ތާއީދު ވަރަށް މުހިންމެވެ.
ބޮޑުވަޒީރުގެ ނައިބް އަހްމަދު ޒާހިދު ހާމިދީގެ މައްޗަށް އުފުލުނު އެތައް ޚިޔާނާތެއްގެ ދައުވާތައް ޕްރޮސިކިއުޓަރުން މިދިޔަ ހަފްތާގައި އަނބުރާ ގެންދިއުމުން އާންމުންނާއި، ސިޔާސީ ފަރާތްތަކުގެ ވަރަށް ބޮޑު ދެކޮޅުވެރިކަމެއް ބޮޑުވަޒީރު އަންވަރަށް ކުރިމަތިވެވަޑައި ގެންނެވިއެވެ.
އެ ދެކޮޅުވެރިކަމަށް ޖަވާބު ދެއްވަމުން އަންވަރު އިބްރާހިމް ވިދާޅުވީ، ދައުވާތައް އަނބުރާ ގެންގޮސްފައިވަނީ އޭނާގެ އެއްވެސް ދައުރެއް އޮވެގެން ނޫން ކަމަށެވެ.
އެހެން ނަމަވެސް، މެލޭޝިއަން ޔުނައިޓެޑް ޑިމޮކްރަޓިކް އެލަޔަންސްއިން ބުނެފައިވަނީ، ބޮޑުވަޒީރުގެ ނައިބްގެ މައްޗަށް އުފުލުނު ދައުވާތައް އަނބުރާ ގެންދިއުމަކީ، ކޮރަޕްޝަނާއި ޚިޔާނާތާ ދެކޮޅަށް މަސައްކަތް ކުރުމާއި، ގާނޫނުތައް ނަގަހައްޓަން ސަރުކާރުން ވެފައިވާ ވައުދާ ޚިލާފް ކަމެއް ކަމަށެވެ.
ދައުވާތައް އނަބުރާ ގެންދިއުމުން ސަރުކާރުގެ އިޚްލާސްތެރި ކަމާމެދު ވަރަށް ގިނަ ސުވާލުތައް އުފެދޭ ކަމަށްވެސް ބުނެފައި ވެއެވެ.