ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މިދިޔަ މެއި މަހުން ފެށިގެން އެކި ދުވަސްވަރުގެ މަތިން ރާއްޖެއަށް ކުރަމުން އަންނަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.

މޫސުން ކުރިއަށް ލަފާކުރެވޭ ގޮތަށް ބަލާއިރު، ވައި ޖޭހޭނެ ކަމަށް ލަފާކުރެވެނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 25 މޭލަށް ވައި ގަދަވުން އެކަށީގެން ވެއެވެ.

ފާއިތުވި ދެ ހަފުތާއެއްހާ ދުވަހު ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރި ނަމަވެސް، މިއަދު އުދައިގެ އަސަރުކުރުމުގެ ފުރުސަތު ކުޑަ ކަމަށް މެޓުން ބުނެއެވެ.

ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ބެލެވެއެވެ.

މި ސެޕްޓެމްބަރު ގިނަ ހިސާބުތަކަށް ވާރޭ ވެހޭ މިންވަރު، އާންމުކޮށް ވެހޭ ވަރަށް ވުރެ މަދުވާނެކަމަށް ބެލެވެއެވެ. ނަމަވެސް އުތުރުގެ ބައެއް ރަށްތަކަށް އާންމުކޮށް ވެހޭ ވަރަށްވުރެ އިތުރުވުން އެކަށީގެން ވެއެވެ.

މި ދުވަސްވަރު ފިނިހޫނުމިން ހުރިހާ ހިސާބެއްގައި ވެސް އާންމު މިންގަނޑަށްވުރެ މަތި ވާނެކަމަށް ބެލެވެއެވެ.