ހުސްވި އޮގަސްޓު މަހު މީރާއަށް 1.60 ބިލިއަން ރުފިޔާ ބަލައިގަނެފައިވާ ކަމަށް މީރާއިން މައުލޫމާތު ދީފިއެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 21.0 އިންސައްތަ އިތުރު އަދަދެކެވެ. އަދި، އޮގަސްޓު 2023ގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 7.7 އިންސައްތަ މަދު އަދަދެއް ކަމަށް މީރާއިން މައުލޫމާތުދެއެވެ.

މީރާއިން މައުލޫމާތު ދޭގޮތުގައި، އޮގަސްޓު 2022ގައި ލިބުނު އާމްދަނީއާ އަޅައިބަލާއިރު އޮގަސްޓު 2023ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޖީ.ޖީ.އެސް.ޓީ، ޓީ.ޖީ.އެސް.ޓީ، ޓޫރިޒަމް ލޭންޑް ރެންޓް އަދި އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ.

އަދި އޮގަސްޓު 2022އާއި އަޅައިބަލާއިރު އޮގަސްޓު 2023ގައި ފަތުރުވެރިކަމުގެ ދާއިރާއިން ލިބިފައިވާ އާމްދަނީ އިތުރުވުމުގެ ސަބަބަކީ ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އިންސައްތަ އިތުރުވެފައިވުން ކަމަށް މީރާއިން މައުލޫމާތުދެއެވެ.

މީގެ އިތުރުން ޖީ.އެސް.ޓީގެ ރޭޓަށް އައި ބަދަލާއި ގުޅިގެން ޓީ.ޖީ.އެސް.ޓީ އަދި ޖީ.ޖީ.އެސް.ޓީއިން ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ޖުލައި މަހާއި އަޅައިބަލާއިރު ވަނީ އިތުރުވެފައެވެ.

އޮގަސްޓު މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ މަދުން އާމްދަނީ ލިބިފައިވާ މައިގަނޑު ސަބަބަކީ، އިންކަމް ޓެކްސް، ޓީ.ޖީ.އެސް.ޓީ އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީއަށްވުރެ ލިބިފައިވާ އާމްދަނީ މަދުވުން ކަމުގައި މީރާއިން މައުލޫމާތުދެއެވެ.

އަދި މީގެ އިތުރުން އޮގަސްޓް 2023ގައި އަންދާޒާކޮށްފައިވާ އަދަދާއި އަޅައިބަލާއިރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އިންސައްތަ ދަށްވެފައިވުމުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން ނެގޭ ގްރީން ޓެކުހާއި ޓީ.ޖީ.އެސް.ޓީން ލިބުނު އާމްދަނީ ވަނީ މަދުވެފައިވާ ކަމަށް މީރާއިން ހާމަކުރެއެވެ.

އޮގަސްޓު 2023ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއިންނެވެ. ޖީ.އެސްޓީގެ ގޮތުގައި 9.43 ބިލިއަން ރުފިޔާ ބަލައިގެންފައިވާއިރު ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. އެއީ 1.88 ބިލިއަން ރުފިޔާއެވެ.

އޮގަސްޓު 2023ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 62.0 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.