މާޅޮސްމަޑުލު އުތުރުބުރީ ވާދޫގެ ޕްރޮމޯ ލަވައެއް ނެރެފިއެވެ.

ރާއްޖެއާއި ރާއްޖޭން ބޭރުގައި ވާދޫ ޕްރޮމޯޓްކޮށް އިޝްތިހާރުކުރުމަށް އެރަށު ޒުވާނުންތަކެއް ހިންގަމުން އަންނަ ރ. ވާދޫ ޓުއަރސްއިން ނެރެފައިވާ މިލަވަޔަކީ ޝާ ސްޓޫޑިއޯގެ އުފެއްދުމެކެވެ.

އަމިއްލަ ރާގުގެ މިލަވަ ކިޔައި، މިއުޒިކް ހަދައި، ރެކޯޑްކޮށްފައިވަނީ ރ. އަލިފުށްޓަށް ނިސްބަތްވާ ކުޅަދާނަ މިއުޒީޝިއަން އަބްދުﷲ ޝާފިއުއެވެ.

ލަވަޔާ ގުޅޭގޮތުން "ވީނިއުސް" އާ ވާހަކަދައްކަމުން، ރ. ވާދޫ ޓުއަރސްގެ ފައުންޑަރ އަދި ނޫސްވެރިޔާ ޒިދާން މުޙައްމަދު ބުނީ، މިއީ އޭނާއާއި ވާދޫ ޓުއަރސްގެ ފަރާތުން ރ. ވާދޫގެ ރައްޔިތުންނަށް ހަދިޔާކޮށްފައިވާ ލަވައެއް ކަމަށެވެ.

ރ. ވާދޫ ގޮނޑުދޮށުގައި ރެދަން ލާފައި- :-

ލަވައިގެ ވީޑިއޯ ތައްޔާރުކުރުމަށް ރަށުގެ ޒުވާނުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް އޭނާވަނީ އެފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

މިލަވައިގެ ވީޑިއޯ ރ. ވާދޫ ޓުއަރސްގެ ފޭސްބުކް ޕޭޖުން މިހާރު ފެންނާނެއެވެ. އަދި ޔޫޓިއުބުންވެސް ލަވައިގެ ވީޑިއޯ ބަލާލެވޭނެއެވެ.

ރަށަކަށް ދާނަމަ އެންމެ ފުރަތަމަ ވެސް ބަލާލެވޭނީ އެއީ ކޮންކަހަލަ ރަށެއްތޯއެވެ. ދަތުރަކަށް ފެށުމުގެ ކުރިން އެރަށެއްގެ ވަނަވަރު ހޯދާނެއެވެ.

މިލަވައިން އެ ހުރިހާ ވާހަކައެއް ކިޔައިދެއެވެ.

އެގޮތުން އެރަށު މީހުން މެހެމާންދާރީ އާއި ހިތްހެޔޮކަމުން ފެށިގެން، ގުދުރަތީ ނަލަކަމާއި އެންމެ ފާހަގަކޮށްލެވޭ ރެދަނުގެ ވާހަކަވެސް ބުނެދެއެވެ.

https://youtu.be/Hi2CHrndQNU?si=VpAWCfW375hcwb18

ރ. ވާދޫއޭ ބުނެފިނަމަ ގިނަ ބައެއްގެ ހިތަށް ފުރަތަމަ ވެސް އަރާނީ ރެދަނެވެ.

ޒަމާނުން ސުރެ ރެދަންލުމަށް މަޝްހޫރު ވާދޫގެ ގޮނޑުދޮށްތަކުގެ ވާހަކަ ހާއްސަކޮށް 2013 ވަނަ އަހަރުން ފެށިގެން ދަނީ މީޑިއާގެ ފަލަ ސުރުޚީތަކުން ޖާގަ ހޯދަމުންނެވެ. ހަމައެކަނި ދިވެހި މީޑިއާތަކެއް ނޫނެވެ. ބައިނަލްއަޤްވާމީ މީޑިއާގެ ސަމާލުކަން ވެސް މި ރަށަށް ލިބިފައި ވެއެވެ.

ރ. ވާދޫ ގޮނޑުދޮށުގައި ރެދަން ލާފައިވާ ހިތްގައިމު ފޮޓޯތައް ބޭރު ދުނިޔޭގެ ނޫސްތަކުންނާއި އެހެނިގެން މަންސަތަކުން ފެނެއެވެ. ބޮޑެތި ޓްރެވެލް ސައިޓްތަކުގައި ވެސް މިވާހަކަ އެބަ އޮތެވެ.

މީގެ އަހަރުތަކެއް ކުރިން 2014 ވަނަ އަހަރު ސީއެންއެންގެ ޓްރެވަލް އެޑިޝަނުގައި ވެސް ރ. ވާދޫ ވަނީ ފީޗާކޮށްފައެވެ.

ރ. ވާދޫ އިރުއުތުރު ފަރާތް ---- ފޮޓޯ: ޝާމިން/ އެމޭޒިން ވާދޫ

މީގެ އިތުރުން، އެރަށަކީ ސާފުތާހިރުކަމުގައި ނަމޫނާ ރަށެކެވެ. ވާދޫގައި އަވަށުު ތެރޭގެ ސާފުތަކާހިރުކަމާ އެއްވަރަށް މީހުން ނޫޅޭ ސަރަހައްދުގެ މަގުތައް ވެސް ފެންނާނީ ވަރަށް ޗާލުކޮށެވެ. ވާދޫގެ ގޮނޑުދޮށްތަކާއި ތުނޑީ، ފިނޮޅުތައް ވެސް ނިކަން ސާފުތާހިރުވާނެއެވެ.

އެތަންތަން ސާފުކުރުމަކީ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކިގެން ރަށުގެ ރައްޔިތުން ކުރަމުން އަންނަ ކަމަކެވެ.

މޫދަށާއި ގޮނޑުދޮށްތަކަށް ކުނި އެޅުމަކީ އެރަށު މީހުންގެ ސަގާފަތެއް ނޫނެވެ. އަބަދުވެސް ސާފުތާހިރު ރަށެއްގެ ގޮތުގައި ނަން ކިޔާ ނަމޫނާ ރަށެކެވެ.

އެ ރަށަކީ މުޅި އަތޮޅުގައިވެސް ސުވެނިއަރ ސާމާނު ހެދުމަށް އެންމެ މޮޅު ރަށެވެ.

2017 ވަނަ އަހަރުގެ "ކަންގަތި އެވޯޑްސް" އަދި ސިވިލް ސަރވިސްއިން ދޭ އިނޮވޭޝަން އެވޯޑްވެސް ވާދޫއަށް ލިބިފައިވެއެވެ.

އެ ރަށުގައި ކާޑުގެއެއްގެ ގޮތުގައި ބޭނުންކުރަމުން އައި 200 އަހަރަށްވުރެ ގިނަ ދުވަސްވީ އިމާރާތެއް ހުރެއެވެ. އެތަން ދާރުލްއާޘާރަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.