މޮރޮކޯއަށް ހުކުރު ދުވަހުގެރޭ އައި ބާރުގަދަ ބިންހެލުމުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ހުއްޓާނުލާ އަދިވެސް ކުރިއަށް އެބަގެންދެއެވެ.

ރިކްޓަރ މިންގަނޑުން 6.8 ގެ ބާރުމިނުގައި އައި ބިންހެލުން މަރުކަޒުވީ ފަރުބަދަމަތީ އަވަށްތައް ހިމެނޭ ސަރަހައްދަށް ކަމުން، ބިންހެލުމުގެ ސަބަބުން އެތައްހާސް ގެއަކާއި، އިމާރާތެއް ވެއްޓި ބިމާހަމަވެފައި ވެއެވެ.

ފަރުބަދަތަކާ ގާތުގެ އެތައް އަވަށެއް، ބިންހެލުމުގެ ސަބަބުން އެއްކޮށް ސުންނާފަތިވެފައި ވެއެވެ.

ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން ދިރިތިބި މީހުންނާއި މަރުވެފައިވާ މީހުންގެ ހަށިތައް ހޯދައި ނެރެމުންދާއިރު، މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި މޮރޮކޯގެ ޓީމުތަކާއެކު ބޭރު ގައުމުތަކުގެ ރެސްކިއު ޓީމުތައްވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

ބޭރު ގައުމުތަކުގެ ތެރެއިން ސްޕެއިން، އިނގިރޭސިވިލާތް، ޔޫއޭއީ އަދި ގަތަރުގެ ރެސްކިއު ޓީމުތައް މޮރޮކޯގައި ހަރަކާތްތެރިވަމުން އެބަދެއެވެ.

ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 2،862 އަށް އަރާފައި ވާއިރު، 2،500 އަށްވުރެ ގިނަމީހުން ޒަޚަމްވެގެން ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ.

ޒަޚަމްވި މީހުންގެ ތެރެއިން ހާހަކަށްވުރެ ގިނަ މީހުންގެ ހާލު ސީރިއަސްކަމަށް މޮރޮކޯގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައި ވެއެވެ.

އަނެއްކޮޅުން، ބިންހެލުމުގައި ގެދޮރު ހަލާކުވެ މަގުމަތި ވެފައިވާ މީހުންނަށް ބޯފެނާއި، ކާބޯތަކެއްޗާއި، ރަޖާފަދަ ތަކެތި ބެހުމުގެ މަސައްކަތުގައި މޮރޮކޯ ސިފައިންދަނީ ހަރަކާތްތެރިވަމުންނެވެ. އާންމު ގިނަމީހުން އަދިވެސް ނިދަނީ މަގުތައްމަތީގައެވެ.

ބިންހެލުމުގެ ސަބަބުން މަގުތައް ހަލާކުވުމާއި، އިމާރާތްތައް ވެއްޓި މަގުތައް ބަންދުވެފައި ވުމުން، ރަށްފުށުގެ ހިސާބުތަކަށް އެމްބިއުލެންސާއި، އެހީގެ ތަކެތި ފޯރުކޮށްދިނުމުގައި ޓީމުތަކަށް ބޮޑެތި ތަކުލީފުތައް ކުރިމަތިވަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މޮރޮކޯގެ ބޮޑުވަޒީރު އަޒީޒް އަޚްނައުޝް ވިދާޅުވީ، ބިންހެލުމުގައި ހަލާކުވި ހުރިހާ ގެދޮރުތައް ހަދައި، އަލުން އާރާސްތުކޮށްދެއްވާނެ ކަމަށެވެ. ބިންހެލުމުގައި ގެއްލުން ލިބުނު އެންމެނަށް ސަރުކާރުގެ ބަދަލުދޭނޭ ކަމަށްވެސް ވިދާޅުވިއެވެ.