މިދިޔަ އާދީއްތަދުވަހު ލީބިޔާއަށް އެރި ބާރުގަދަ ތޫފާން "ޑެލިއަލް" އާއެކު ވަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހިނގި ހާދިސާތަކުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 2،300 އަށް އަރައިފިއެވެ.

މީހުން މަރުވެފައިވަނީ ތޫފާނުގައި އެންމެ ބޮޑެތި ގެއްލުންތައް ލިބުނު އައްސޭރިފަށުގެ ދިރްނާ ސިޓީއަށެވެ.

މިއީ، ލައްކައެއްހާ މީހުން ދިރިއުޅޭ ސިޓީއެކެވެ.

ލީބިޔާގައި ގާއިމްކޮށްފައިވާ ބައިނަލްއަގްވާމީ މުޖުތަމައު ގަބޫލުކުރާ ސަރުކާރުން ބުނެފައިވަނީ، ދިރްނާ ސިޓީން 2،300 މީހުން މަރުވެފައިވާއިރު، ގާތްގަނޑަކަށް 5،000 މީހުންނަށް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށެވެ.

އަދި އަނިޔާވި މީހުންގެ އަދަދު 7،000 އަށް އަރާ ކަމަށްވެސް ސަރުކާރުން ބުނެފައި ވެއެވެ.

އެކަމަކު، ލީބިޔާގެ އިރުމަތީގައި ގާއިމްކޮށްފައިވާ ސަރުކާރުން ބުނެފައިވަނީ، ފެންބޮޑުވުމުގެ ސަބަބުން ހިނގި ހާދިސާތަކުގައި "އެތައްހާސް ބަޔަކު" ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށެވެ. އަދި މަރުވި މީހުންގެ އަދަދު ދިހަހާހުން މައްޗަށް އަރާނެ ކަމަށް ލަފާކޮށްފައި ވެއެވެ.

އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީސްއިން ބުނެފައިވަނީ، ފެންބޮޑުވުމުގެ ސަބަބުން ހިނގި ހާދިސާތަކުގައި 10،000 މީހުން ގެއްލިފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ދިރްނާ ސިޓީގައި ފެންބޮޑުވުމުގެ ސަބަބުން އެތައް އުސް އިމާރާތެއް ވެއްޓި، އަދި އެތައް ގެއަކާއި، އެތައްސަތޭކަ ވެހިކަލްއެއް ވަނީ ފެނުގެ ސައިލާއެކު ދެމިގެންގޮސް ގެއްލިފައެވެ.

އަދި އެތައް ބްރިޖެއްވެސްވަނީ ހަލާކުވެ އޮޔާގޮސްފައެވެ.

ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ލީބިޔާއަށް ދިމާވި ތޫފާނާއި، އޭގެފަހުން ކުރިމަތިވެފައިވާ ފެންބޮޑުވުމާ ގުޅިގެން މީހުން ސަލާމަތް ކުރުމާއި، އެހީ ދިނުމަށް ދުނިޔޭގެ އެތައް ގައުމަކުން ހުށަހަޅާފައި ވެއެވެ.

ދިރްނާ ސިޓީގެ އިތުރުން، ތޫފާނުގެ ސަބަބުން ބެންގާޣާޒީއަށްވެސް ބޮޑެތި ގެއްލުންތަކާ ކުރިމަތިވިއެވެ. ތޫފާނުގެ ސަބަބުން ފެންބޮޑުވުމުގެ ކިސަޑު ފައިބައި ގެތަކާއި، މަގުތަކާއި، ވެހިކަލްތަކަށް ބޮޑެތި ގެއްލުންތައް ލިބިފައި ވެއެވެ.

ނޭޓޯ އަޑީގައި އޮވެގެން ލީބިޔާގެ ރައްޔިތުން އޭރުއޮތް މުއައްމަރުލް ޤައްޒާފީގެ ސަރުކާރާ ދެކޮޅަށް އުތުރިއަރައި، ސަރުކާރު ވައްޓާލައި ޤައްޒާފީ އަވަހާރަކޮށްލިފަހުން ހަނގުރާމަ އާންމުވެ މުޅި ގައުމު މިހާރުއޮތީ ސުންނާފަތި ވެފައެވެ.

ތެލުގެ މުއްސަނދިކަން ލިބިފައިވާ ލީބިޔާގައި މިހާރު 2 ސަރުކާރު އޮވެއެވެ. އެއީ، އދ މެދުވެރިގެން ގާއިމްކުރި ދުނިޔެ ގަބޫލުކުރާ ސަރުކާރާއި، ވާދަވެރި ގްރޫޕްތަކުން ލީބިޔާގެ އިރުމަތީގައި ގާއިމްކޮށްފައިވާ ސަރުކާރެވެ.

އިރުމަތީގައި ގާއިމްކޮށްފައިވާ ސަރުކާރުގެ ވެރިޔަކީ އުސާމާ ހަމަދުއެވެ. އދއާއި، ބައިނަލްއަގްވާމީ މުޖުތަމައު ގަބޫލުކުރާ ސަރުކާރުގެ ވެރިޔަކީ އަބްދުލްހާމިދު ދްބައިބާއެވެ.