ސަދޫމުގެ އުސޫލުން ކަންކަން ނުހިންގޭނެ ކަމަށާއި އެ ފުރުސަތުވެސް ނުދޭނެ ކަމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

މެމްބަރު މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފަމިވަނީ މުއިއްޒުގެ ވެރިކަމެއްގައި އަންހެނުންގެ ހައްގުތައް ގެއްލޭނެކަމަށާއި، ހަނގުރާމަވެރި ޖަމާއަތްތަކުގެ ބެލުމުގެ ދަށުގައި އޮންނަ ގައުމުތަކާއި ސަރަހައްދުތަކުގައި ކަންކުރާ އުސޫލުން މި ރާއްޖޭގައި ވެސް އަންހެނުންނާ މެދު ކަންކުރެވޭނެކަމަށް މީސްމީޑިއާގެ މަންސަތަކުގައި ބައެއް ފަރާތްތަކުން ވާހަކަދައްކަމުންދާ ވަގުތެއްގައެވެ.

އެގޮތުން މުއިއްޒުގެ ވެރިކަމެއްގައި އަންހެނުންނަށް އެއްގަމު އުޅަނދު ދުއްވުމުގެ ހުއްދައާއި، މަތީ ތައުލީމު ހޯދުމުގެ ހުއްދަ އަދި ވަޒީފާ އަދާކުރުމުގެ ހުއްދަވެސް ނޯންނާނެ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ތުހުމަތުކުރަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ވާހަކަ މަޖިލީހުގައި މެމްބަރުން ދައްކަވާއިރު ކަނޑައެޅިގެން ވަކި ބައެއްގެ ވާހަކަ ދައްކާ ކަމަށާއި ސަލަފް ޖަމިއްޔާއަކީ ޓެރަރިސްޓް އަދި ކުށްވެރިންގެ ގޮތުގައި ރާއްޖޭގެ އެއްވެސް ގާނޫނަކުން ކަނޑައަޅާފައިނުވާ ކަމަށެވެ.

ޑރ. މުޢިއްޒުގެ ވެރިކަމެއްގައި ސަލަފް ޖަމިއްޔާގެ ބޭފުޅަކަށް އިސްލާމިކް މިނިސްޓަރުގެ މަގާމުދީފަ ކަމުގައިވާނަމަ އެކަމުން ނިކުމެދާނެ ގެއްލުމަކީ ކޮބައިތޯ އައްސަވާ މެމްބަރު ވަނި ސަލަފު ޖަމިއްޔާއަށް ފާޑުވިދާޅުވާ ފަރާތްތަކަށް ރައްދުދެއްވާފައެވެ.

މިގައުމުގައި ތިބޭ ލާދީނީ މީހުންނަށް މަތީ މަގާމުތައް ލިބެންޏާ ރާއްޖެއަކީ އިސްލާމީ ގައުމެއް. އިސްލާމްދީން ކިޔަވައިގެން ތިބި ބަޔަކަށް މަގާމެއް ލިބިދާނެތީ މިހާ ބިރުން މިއުޅެނީ ކޮންކަމަކާތޯ؟ ރާއްޖޭގައި އިސްލާމްދީން އޮވެދާނެތީތޯ މިމީހުން މިއުޅެނީ. ހަމަ ކޮންމެ ދުވަހަކަު ސަލަފުގެ ވާހަކަ ދައްކަނީ. ސަލަފް ނޫނީ ނަމެއް ނެތީތޯ ދުލު ކުރީގަ.؟ އެނޫން ބައެއް ނެތީތޯ އެ ވާހަކަ ދައްކަން. ސަލަފުގެ މީހުން އަޔަސް މިތާނގަ އޮންނާނީ އިސްލާމްދީން. އެހެން ކަމެއް ނުވާނެ. ބަދަލެއްނުވާނެ. ލާދީނީ މީހުންނަށް ފުރުސަތު ހަނިވެދާނެ."
ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ

ސިޔާސީ ކަންކަމުގެ ތެރެއަށް ސަލަފް ޖަމިއްޔާގެ ބޭފުޅުން ވަދެގެން ނޫޅޭކަން ފާހަގަކުރައްވާ މެމްބަރު ވިދާޅުވީ ދިވެހި ރައްޔިތަކަށް ލިބިގެންވާ ކޮންމެ ހައްގެއް ސަލަފު ޖަމިއްޔާގެ ކޮންމެ މެމްބަރަކަށްވެސް ލިބިގެންވާ ކަމަށެވެ.

ވަކި ބަޔަކަށް ނިސްބަތްވާތީ ދައުލަތުގެ ބާރުވެރި މަގާމުތަކަށް ނާދެވޭ އުސޫލެއް މިގައުމުގައި އޮވެގެން ނުވާނެ ކަމަށާއި އައުރަ ނިވާނުކޮށް އުޅޭ މީހުންނަށް ރާއްޖޭގައި މިނިވަންކަމާއެކީ އުޅެވޭ ކަމަށްވާނަމަ މޫނު ބުރުގާ އަޅައިގެން ތިބޭ މީހުންނަށްވެސް އެ މީހުންގެ މިނިވަންކަމާއެކީ އުޅެވެންޖެހޭނެ ކަމަށްވެސް މެމްބަރު ނަޝީދު ވިދާޅުވިއެވެ.

މެމްބަރުގެ ނުރުހުން ސިޔާސީ ބޭފުޅުންނަށް އަމާޒުވިއިރު ޑރ. މުޢިއްޒުގެ އަނބިކަނބަލުން ސާޖީދާގެ އާއިލާގެ މެންބަރުންތަކެއް ސަލަފުގައި އިސްކޮށް އުޅުއްވާކަން ފާހަގަކޮށް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކެމްޕޭން ތަރުޖަމާނު މާރިޔާ އަޙްމަދު ދީދީ ވަނީ އެއީ ހަރުކަށި ފިކުރުގެ ޖަމިއްޔާއެއް ކަމަށް ތުހުމަތު ކުރައްވައި، މުއިއްޒަކީ އެ ފިކުރާ ގުޅިފައިވާ ބޭފުޅެއް ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.