މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ސުލޫކީ މިންގަނޑާއި ޚިލާފުވި ދިވެހި އޮބްޒާވަރަކާއި މަންދޫބަކާމެދު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފިޔަވަޅު އަޅައިފިއެވެ.
އެ ކޮމިޝަނުން ބުނީ އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދާ ގޮތް އޮބްޒާވް ކުރުމަށް އީސީން ދައުވަތު ދީގެން އައި ބޭރުގެ ބައެއް އޮބްޒާވަރުންނަށް ސިޔާސީ ޕާޓީއެއް ތަމްސީލްކުރާ އޮބްޒާވަރަކާއި މަންދޫބެއް ފުރައްސާރަ ކޮށްފައި ވާކަމަށެވެ.
އިންތިޚާބުތަކުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑާ ޚިލާފު ވެފައިވާތީ، މި މަހުގެ 30 ގައި ބޭއްވަން ނިންމާފައިވާ ދެވަނަ ބުރުގައްޔާއި، ކުރިއަށް އޮތް މަޖިލިސް އަދި ކައުންސިލްތަކުގެ އިންތިޚާބުގައި ވެސް އެ ދެ މީހުންނަށް ހަރަކާތްތެރި ނުވެވޭ ގޮތަށް އީސީން ވަނީ އެ މީހުން ސަސްޕެންޑް ކޮށްފައެވެ.
އެގޮތުން، ކުރިއަށް އޮތް ބޮޑު ދެ އިންތިޚާބުގައި އޮބްޒާވަރެއް، މޮނީޓަރެއް، ކެންޑިޓޭޓެއްގެ މަންދޫބެއް، ނުވަތަ އިލެކްޝަން އޮފިޝަލެއްގެ ގޮތުގައި ވެސް އެ މީހުންނަށް ހަރަކާތްތެރި ނުވެވޭ ގޮތަށް ސަސްޕެންޑް ކުރުމަށް މިއަދު ބޭއްވި އިންތިޚާބާ ބެހޭ ޚާއްސަ ޖަލްސާ އިން ނިންމާފައިވާ ކަމަށް އީސީން ބުނެއެވެ.
އަދި އެ މީހުންގެ ބަދަލުގައި އެހެން ދެ މީހަކު އޮބްޒާވަރު އަދި މަންދޫބެއްގެ ގޮތުން ހަރަކާތްތެރިވުމުގެ ފުރުސަތު އެ ޕާޓީއަށް ދިނުމަށްވެސް ކޮމިޝަނުން ނިންމާފައި ވާ ކަމަށް އީސީން ވަނީ ބުނެފައެވެ.
އެ ދެ މީހުންނާ މެދު ފިޔަވަޅު އެޅި ނަމަވެސް އެއީ ކޮން ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ބައެއް ކަމެއް އީސީން ހާމަކޮށްފައެއް ނުވެއެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބަކީ މިހާތަނަށް އޮބްޒާވަރުންނާއި މޮނިޓަރުންގ އެންމެ ގިނަ އަދަދަކަށް ބައިވެރިވި އިންތިޚާބެވެ. އެގޮތުން މިފަހަރުގެ އިންތިޚާބުގައި މޮނިޓަރުންނާއި އޮބްޒާވަރުންގެ ގޮތުގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ 1700 އަށްވުރެ ގިނަ ފަރާތްތަކުން ހަރަކާތްތެރި ވެފައި ވެއެވެ.