މިހިނގާ ރިޔާސީ ދައުރު ފެށުނުފަހުން، މިއަދާ ހަމައަށް ޕާކިންގ ސްޓިކަރ ޖޫރިމަނާގެ ގޮތުގައި ހުރި ޖޫރިމަނާތައް މައާފުކޮށްދޭން ސަރުކާރުން ނިންމައިފިއެވެ.
"ވީނިއުސް" އަށް މައުލޫމާތު ލިބިފައިވާގޮތުގައި، މި ނިންމުން ނިންމާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އެންގެވުމުގެ މަތީންނެވެ. އަދި ޖޫރިމަނާތައް މައާފުކޮށްދެނީ، މި ޖޫރިމަނާތަކުން ދައުލަތަށް ލިބެންޖެހޭ ފައިސާ އަކީ، ދައުލަތަށް ނުލިބޭނެ ފައިސާގެ ގޮތުގައި ކަނޑައެޅުމަށްފަހުއެވެ.
އެގޮތަށް ކަނޑައަޅާފައިވަނީ، ދައުލަތުގެ މާލިއްޔަތު ޤާނޫނުގެ 49 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ، "ދައުލަތަށް ލިބެމްޖެހޭ ފައިސާއާއި މުދާ އަނބުރައި ނުލިބޭނެކަމަށް ކަނޑައަޅައި، ދޫކޮށްލުމުގައި އަމަލުކުރާނެ އުސޫލު" ގައިވާ ގޮތުގެމަތީން ކަމަށް އެ ސިޓީގައި ވެއެވެ.
"ވީނިއުސް" އަށް މައުލޫމާތު ލިބިފައިވާގޮތުގައި، ފާއިތުމިވީ ފަސް އަހަރެއްހައި ދުވަހުގެތެރޭގައި ޕާކިންގ ސްޓިކަރ ޖޫރިމަނާގެ ގޮތުގައި 19،867،000 ( ނަވާރަ މިލިއަން އަށްލައްކަ ފަސްދޮޅަސް ހަތްހާސް) ރުފިޔާ ދައުލަތަށް ލިބެންޖެހެއެވެ. އެއީ ގަވައިދާ ޚިލާފަށް ޕާކު ކޮށްފައި ހުރުމުގެ ސަބަބުން ޖޫރިމަނާކުރި 39،533 މީހުންގެ އަތުންނެވެ.
މި ފައިސާ އަކީ ދައުލަތަށް ނުލިބޭނެ ފައިސާގެ ގޮތުގައި ކަނޑައަޅާފައިވާތީ، ފުލުހުންގެ ސިސްޓަމުން ވަރަށް އަވަހަށް އެފައިސާއާއި ޖޫރިމަނާކުރެވުނު މީހުންގެ މައުލޫމާތު އުނިކޮށްދިނުމަށް ވަނީ އަންގާފައެވެ.
"ވީނިއުސް" އަށް މައުލޫމާތު ލިބިފައިވާގޮތުގައި ޖޫރިމަނާތައް މައާފުކުރުމުގައި ރިއާޔަތްކޮށްފައިވަނީ، ފުލުހުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހިއްސާކުރި މައުލޫމަތަށެވެ. ޕާކިންގް ސްޓިކަރ ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 19،867،000 (ނަވާރަ މިލިއަން އަށްލައްކަ ފަސްދޮޅަސް ހަތްހާސް) ރުފިޔާ އެއީ ދައުލަތަށް ނުލިބޭނެ ފައިސާގެ ގޮތުގައި ރައީސް އޮފީހުން ކަނޑައަޅާފައިވަނީ މި މަހުގެ ތިންވަނަ ދުވަހުއެވެ. ބަލަންޖެހޭ ކަންކަމާއި، ޕްރޮސެސް ކުރަންޖެހޭ ކަންކަން ނިންމުމަށްފަހު މިކަން ތަންފީޛުކުރުމުގެ މަރުހަލާ ފަށާފައިވަނީ މިއަދުއެވެ.
ޕާކިންގ ސްޓިކަރ ޖޫރިމަނާތައް މައާފުކޮށްދޭން ސަރުކާރުން ނިންމާފައިވާއިރު، ޓްރެފިކް ގަވައިދާ ޚިލާފުވެގެން ކޮށްފައިވާ ޖޫރިމަނާތައް ވެސް މިމަހުގެ ފަސްވަނަ ދުވަހު ސަރުކާރުން ވަނީ މައާފުކޮށްދީފައެވެ. އެގޮތުން މައާފުކުރެވުނު ޖޫރިމަނާތަކުގެ ތެރޭގައި، ލައިސަންސް ލިބިފައިވާ މީހަކު ސައިކަލު ދުއްވިއިރު އަތުގައި ލައިސަންސް ނެތުމުން ކޮށްފައިވާ ޖޫރިމަނާ، ލައިސަންސް ގެއްލިފައި ވަނިކޮށް ނުވަތަ މުއްދަތުހަމަވެފައި ވަނިކޮށް ނުވަތަ ހަލާކުވެފައިވަނިކޮށް ސައިކަލު ދުއްވުމުގެ ސަބަބުން ކޮށްފައިވާ ޖޫރިމަނާ އަދި އެއް ގިންތިއެއްގެ އުޅަނދު ދުއްވުމުގެ ލައިސަންްސ ނެތި ދުއްވުން ނުވަތަ ބޭނުންކުރުމުގެ ސަބަބުން ކުރާ ޖޫރިމަނާ ހިމެނެއެވެ.
އެހެންނަމަވެސް ޓްރެފިކް ގަވައިދާ ޚިލާފުވެގެން ކޮށްފައިވާ ޖޫރިމަނާތައް މައާފުކޮށްދެނީ، އެފަދަ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޓްރެއިނިންގ ޕްރޮގްރާމެއް ފުރިހަމަކުރުމުންނެވެ. އެއީ ދެ ހަފްތާއާއި 1 މަސްދުވަހަށްވުރެ ދިގު ނުވާނެގޮތަކަށް ކުރިއަށް ގެންދާ ޓްރެއިނިންގ ޕްރޮގްރާމް ތަކެކެވެ.
ޕާކިންގ ސްޓިކަރ ޖޫރިމަނާއާއި ޓްރެފިކް ގަވައިދާ ޚިލާފުވެގެން ކޮށްފައިވާ ޖޫރިމަނާތައް މައާފުކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައި މިވަނީ، ޖޫރިމަނާ ފައިސާ ނުދެއްކި ގިނަބަޔަކު ތިބުމާއެކު، ކޮވިޑް 19 ގެ އާލަމީ ވަބާއާ ގުޅިގެން މާލީގޮތުން އާންމުންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާތީ، މިފަދަ ފަރާތްތަކުގެ ޖޫރިމަނާ ފައިސާ ނުދެއްކި އިތުރުވަމުންދާކަން ފާހަގަކުރެއްވުމުންނެވެ.
ތިޔައީ ގަވާއިދާ ހިލާފު ވެގެން ކޮށްފައިވާ ޖޫރިމަނާއެއް، ތިޔަށް ވުރެން މާ ރަނގަޅު ވީސް ކޮވިޑް ރިލީފް ކުދި ލޯނުތަކުގެ ނުނިމި ހުރި ބައި ތައް މައާފު ކޮށްދިން ނަމަ، އަދިވެސް ކުދި ވިޔަފާރިތައް ލޯނު ދައްކަމުން ފައިދާއެއް ނުފެނިގެން އުޅެނީ،