ޕޯޗުގަލްގެ ގައުމީ ފުޓުބޯޅަ ޓީމުގެ ހެޑް ކޯޗުކަމުން ވަކިވެ، ޕޮލެންޑުގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވި ފެރްނާންޑޯ ސަންޓޯސްއަށް އެ މަގާމު ވެސް ގެއްލިއްޖެއެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ގަތަރުގައި ބޭއްވި ފީފާ ވޯލްޑް ކަޕް މުބާރާތުން ޕޯޗުގަލް ކެޓުމާއެކު ގިނަބައެއްގެ ފާޑުކިޔުންތައް ސަންޓޯސްއަށް އަމާޒުވިއެވެ. އަދި މުބާރާތުގެ ތެރެއިން، އެޓީމުގެ ކެޕްޓަން އަދި ތާރީޚުގައި ވެސް ޕޯޗުގަލްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބާކީކޮށް، އޭނާއާ މެދު ކަންކުރިގޮތުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުންތައް ސަންޓޯސްއަށް އަމާޒުވިއެވެ.
ޕޯޗުގަލްގެ ގައުމީ ޓީމާ ސަންޓޯސް ހަވާލުވީ 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. އެ މަގާމުން އޭނާ އިސްތިއުފާ ދިނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.
އެފަހުން އޭނާ ޕޮލެންޑުގެ ކޯޗުކަމާ ހަވާލުވީ މިއަހަރުގެ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. މަގާމާ ހަވާލުވިތާ ގާތްގަނޑަކަށް 8 މަސް ދުވަހުގެ ތެރޭގައި ސަންޓޯސްއަށް އެ މަގާމު ގެއްލުނުއިރު، އޭނާގެ އިރުޝާދުގެ ދަށުން ޕޮލެންޑު ކުޅެފައިވަނީ ފަސް މެޗެކެވެ. އޭގެތެރެއިން ދެ މެޗުން ޕޮލެންޑު މޮޅުވެފައިވާއިރު އަނެއް ތިން މެޗުންވީ ބައްޔެވެ.
ސަންޓޯސްގެ އިރުޝާދުގެ ދަށުން ޕޮލެންޑުން އެންމެފަހުން މެޗެއް ކުޅުނީ މި މަހުގެ 10 ވަނަ ދުވަހުއެވެ. އެއީ ޔޫރޯ 2024 ކޮލިފިކޭޝަނުގައި އަލްބޭނިއާ އާ ދެކޮޅަށް ކުޅުނު މެޗެވެ. އެމެޗުން ޕޮލެންޑު ބަލިވީ 0-2 ގެ ނަތީޖާއަކުންނެވެ.
އުމުރުން 68 އަހަރުގެ ސަންޓޯސް ޕޮލެންޑުގެ ކޯޗުކަމުގެ މަގާމުން ވަކިކުރިއިރު، އޭނާ ވަނީ ޕޯޗުގަލްގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ބޮޑު އެހީތެރިކަމަކާއެކު 2016 ވަނަ އަހަރުގެ ޔޫރޯއާއި އެފަހުން ޔޫއެފާ ނޭޝަންސް ލީގުގެ ތަށި އުފުލާލާފައެވެ.