ކޮވިޑަށްފަހު ޗައިނާގައި ބާއްވާ ފަތުރުވެރިކަމުގެ ފުރަތަމަ ފެއަރގައި ރާއްޖެ ކުލަގަދަކޮށް އިޝްތިހާރުކުރަމުންދާ ކަމަށް އެމްއެމްޕީއާރުސީން ބުނެފިއެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން(އެމްއެމްޕީއާރްސީ) އިން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ 33 ކުންފުންޏެއްގެ 64 މަންދޫބުންނާއެކު އައިޓީބީ ޗައިނާ 2023ގައި ބައިވެރިވެރިވެފައިވާއިރު މި ފެއަރ ކުއަށްދަނީ މިމަހުގެ 12 ވަނަ ދުވަހުން 14 ވަނަ ދުވަހުގެ ނިޔަލަށް ޝަންހާއީ ވޯލްޑް އެކްސްޕޯ އެގްޒިބިޝަން އެންޑް ކޮންވެންޝަން ސެންޓަރުގައެވެ.
އައިޓީބީ ޗައިނާއަކީ ޗައިނާގެ ޓްރެވަލް މާކެޓަށް އަމާޒުކޮށްގެން ބާއްވާ އެންމެ ބޮޑު އެއް ޓްރޭޑް ޝޯއަށް ވާއިރު މި ފެއަރގައި ދުނިޔޭގެ އެކި ކަންކޮޅުތަކުތަކުން އިންޑަސްޓްރީގެ ގިނަ ތަޖުރިބާކާރުން ބައިވެރިވެއެވެ.
މި ފެއަރގައި ވިޒިޓް މޯލްޑިވްސް ސްޓޭންޑް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ރީތިކަމައި ހިތްގައިމުކަން ތަމްސީލުކޮށްދޭ ގޮތަށްކަމަށާއި ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ހޮވާލެވޭ ދެފަރާތަކަށް ރާއްޖޭގައި ހިލޭ ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެމްއެމްޕީއާރްސީން މައުލޫމާތުދެއެވެ.
މީގެ އިތުރުން 80 ފަރާތަކުން ބައިވެރިވާ "ޕްރެޒެންޓޭޝަން ހަބް"ގައި ޕްރެޒެންޓޭޝަނެއް މެދުވެރިކޮށް އިތުރަށް ރާއްޖެ ޕްރޮމޯޓްކުރުމަށްވެސް އެމްއެމްޕީއާރުސީއިންވަނީ ނިންމާފައިކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.
ޗައިނާ މާކެޓަކީ ކޮވިޑްގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އެންމެ ބޮޑު މާކެޓެވެ. އެގޮތުން މި އަހަރުގެ ސެޕްޓެމްބަރުމަހުގެ 5ވަނަ ދުވަހުގެ ނިޔަލަށް 1،23،824 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި ޗައިނާއަކީ މިހާރު ރާއްޖެއަށް ތިންވަނައަށް އެންމެ ބޮޑު ސޯސް މާކެޓެވެ.