ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައާ ގުޅިގެން ހުށަހެޅުނު މައްސަލަތަކާ ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސާލިހު މުހިންމު ނިންމުންތަކެއް ނިންމަވައި އެކަން އާއްމުކޮށްފިއެވެ.
އެގޮތުން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުން މެޑިކަލް އޮފިސަރުންނާއި ނަރުހުންގެ ފަރާތުން ކަންބޮޑުވުންތަކެއް ރައީސަށް ވަނީ ހުށަހަޅާފައެވެ. އޭގެ އިތުރުން, ވަޒީފާއިން ވަކިވެގެންދާއިރު އިނާޔަތް ދެވޭނެ މިންގަނޑާއި ގުޅޭގޮތުން ތައުލީމީ ދާއިރާގެ ފަންނީ މުވައްޒަފުން ވެސް މައްސަލަތަކެއް ހުށަހެޅިއެވެ.
ސަރުކަރުން ނެރުނު ބަޔާނެއްގައިވަނީ ރައީސް، މި ނިންމެވުންތައް ނިންމަވާފައިވަނީ އެ ދާއިރާތަކުގެ އިސް ބޭފުޅުންނާއި މަޝްވަރާކުރައްވައި އެބޭފުޅުންގެ ލަފަޔާ އިރުޝާދުގެ ދަށުން ކަމަށެވެ.
އައު އުސޫލުގައި ސިއްހީ ދާއިރާގެ މުސާރަތަކަށް ބަދަލުތައް ގެނައިއިރު، މެޑިކަލް އޮފިސަރުންނަށް އެޓެންޑެންސް އެލަވަންސް ނުލިބޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް، އައިޖީއެމްއެޗްގައި މަސައްކަތްކުރާ ނަރުހުންގެ ފަރާތުން ހުށަހަޅާފައިވާ ޕެޓިޝަނަށް ރިއާޔަތްކޮށް، ރަސްމީ ބަންދު ދުވަހުގައި މަސައްކަތްކުރާނަމަ އެޓެންޑެންސް އެލަވަންސް ލިބޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
ސިއްހީ ފަރުވާދޭ ތަންތަނުގައި މަސައްކަތްކުރާ ނަން-ކްލިނިކަލް ނަރުހުން ކްލިނިކަލް ނަރުހުންނަށް ބަދަލުކުރަން ވަނީ ނިންމާފައިވާއިރު މަސައްކަތުގެ ތަޖުރިބާއަށް ބަލައި އައު އޮނިގަނޑުގެ ސަބަބުން މަގާމު ދަށްވާ ނަރުހުންގެ ތެރެއިން މަސައްކަތުގެ މަސްއޫލިއްޔަތަށް ބަދަލެއް ނާންނަ ނަރުހުންގެ މަގާމު ދަށް ނުކޮށް ކުރިން ތިބި މަގާމުތަކުގައި ބައިތިއްބަން ވަނީ ނިންމާފައެވެ.
މިބަދަލުތައް ގެނެސްދިނުމަށް ނޭޝަނަލް ޕޭ ކޮމިޝަނާއި ސިވިލް ސާވިސް ކޮމިޝަނަށް ރައީސް އޮފީހުންވަނީ އިއްޔެ އަންގާފައިވާ ކަމަށާއި މި ނިންމުންތަކާއިއެކު ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައާ ގުޅިގެން ކުރިމަތިވި ދަތިތަކަށް ހައްލު އަންނާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވިއެވެ.
ޢެހެން ދާއިރާތަކުގައި މަސައްކަތްކުރާ ދައުލަތުގެ މުވައްޒަފުންގެ ޕްރޮމޯޝަންތައް ހިފަހައްޓައިގެން ހުންނަވައި ވަކި ބައެއްގެ މުސާރައަށް ބަރި ބަރިއަށް އިރު އިރުކޮޅާ އިނާޔަތްތައް އިތުރުކޮށްގެން ހިންގާ ސަރުކާރެއް މިނޫނީ ނުދެކެން!
ޚިޔާލު ނުގެނަޔަސް ލިޔެލާނަން: މިދަނޑިވަޅާ ދިމާކޮށް މިގެންނަ ބަދަލުތަކަކީ ވޯޓަށް ނުފޫޒު ފޯރުވަން ކުރާ ކަންތައްތައް، ދައުލަތުގެ އެކި މުވައްސަސާތަކުގެ މުވައްޒަފުން ތަފާތުކޮށް ގޮތްގޮތް ހަދައި މުސާރަތަކަށް ބަދަލުގެނައުމުގެ ނަމުގައި ވަރަށް ގޮތްގޮތް ހެދިއްޖެ، މިފަހަރު ތިޔަ ޖަހާ ސަކަރާތަން ދޭހަވަނީ އިޚްލާޞްތެރިކަމެއް އޮވެގެންކުރާ ކަމެއްނޫންކަން، އިތުރު ދައުރެއް ލިބިއްޖެއްޔާ ތިޔަ ހުރިހާ ކަމެއް ފުރޮޅާލުން ވަރަށްގާތް.