ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ލިޔެކިޔުންތައް ނައްތާލަމުން ނުދާކަމަށް އެ އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން މިފަދައިން ބުނެފައިވަނީ "ސަރުކާރުގެ ބައެއް ވެރިން އޮފީސްތައް ހުސްކުރަން ފަށައިފި" މި ސުރުޚީގެ ދަށުން "ދިޔަރެސް" ނޫހުގައި ޝާއިއުކޮށްފައިވާ ހަބަރެއް ދޮގުކޮށް އާއްމުކުރި ބަޔާނެއްގައެވެ.

"ދިޔަރެސް" ނޫހުގައި ޝާއިއުކޮށްފައިވާ ހަބަރު ބުނާގޮތުން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ރައީސް އިބްރާހީމަށް ލިބުނު ނާކާމިޔާބީއާއެކު އަދި ދެވަނަ ބުރުންވެސް އިންތިހާބު ކާމިޔާބު ކުރެވޭނެކަމުގެ އުއްމީދު ނެތުމުން ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމްގެ އިތުރުންވެސް ސަރުކާރުގެ ބައެއް އޮފީސްތަކުގެ ވެރިން ވަނީ އޮފީސްތަކުގެ ވަރަށް ގިނަ ލިޔެކިޔުންތައް ނައްތާލާފައެވެ.

ހާއްސަކޮށް ރައީސް ޔާމީނާއި ގުޅޭ މައްސަލަތަކުގައި ހުރި ބައެއް ލިޔެކިޔުންތައް ނައްތާލާފައިވާއިރު, އެ މައްސަލާގައި ހަރަކާތްތެރިވި ބައެއް ޕްރޮސެކިއުޓަރުންނަށް ޕްރޮމޯޝަން ދިނުމަށްވެސް ޝަމީމް އަންނަނީ މަސައްކަތްކުރަމުން ކަމަށް ނޫހުންވަނީ ތުހުމަތުކޮށްފައެވެ. އަދި އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ކުރިން ތަމްރީނެއް ހަދަން ކަމަށް ބުނެ ރާއްޖެއިން ބޭރަށް ދާން މަސައްކަތްކުރާ ކަމަށް ނޫހަށް މައުލޫމަތު ލިބޭކަމަށް ހަބަރުގައި ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ޕީޖީ އޮފީހުންވަނީ ޕްރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމްއަަށް ނިސްބަތްކޮށް "ދިޔަރެސް" ނޫހުގައި ޝާއިއުކޮށްފައިވަނީ ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއްކަމަށް ބުނެ އެ އޮފީހަށް ހުށަހެޅޭ ލިޔުންތަކާއި، މައްސަލަތަކުގެ ލިޔުންތަކަކީ ވަކި ހަމައަކުން ބަލަހައްޓައި ރައްކާކުރެވޭ ތަކެތިކަމަށް ބުނެފައެވެ.

އަދި މައްސަލަތަކުގެ ލިޔުންތަކަކީ އެ އޮފީހުގެ އިތުރުން ތަޙުޤީޤީ އިދާރާތަކާއި ޝަރުޢީ ކޯޓުތަކުގައިވެސް ހުންނާނެ ތަކެތިކަން ފާހަގަކޮށް އޮފީހުގެ ހިންގުން އިންތިޒާމު ކުރެވިފައި އޮންނަގޮތުން މައްސަލަތަކުގެ ލިޔުންތަކަކީ ނައްތައިލެވޭނެ ތަކެއްޗެއް ނޫންކަން ފާހަގަކޮށްފައެވެ.

އޮފީހުން ނިންމާ ނިންމުންތަކަކީ އަބަދުވެސް އެ ނިންމުން ނިންމާ ސަބަބާއެކު ރެކޯޑްކުރެވޭ ނިންމުންތަކެއް ކަމަށާއި މިފަދަ ލިޔުންތައް ޑިޖިޓަލްކޮށް އަދި ފިޒިކަލްކޮށް ވަކި ހަމައަކުން އާކައިވް ކުރެވެމުންދާ ކަމަށް ޕީޖީ އޮފީހުންވަނީ ބުނެފައެވެ.