ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 408 ޒުވާނަކަށް އަލަށް ވޯޓުލެވޭނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
ކޮމިޝަނުގެ ނައިބުރައީސް އިސްމާއިލް ހަބީބު ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވަނީ ރިޔާސީ އިންތިޚާބު 2023ގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓުގައި ހިމެނޭ 2،82،395 މީހުންގެ އިތުރަށް، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ޙައްޤުލިބިފައިވާ މީހުންގެ ލިސްޓަށް 2023 ސެޕްޓެމްބަރު 30އަށް 18 އަހަރު ފުރޭ 196 އަންހެނުންނާއި 212 ފިރިހެނުން ހިމެނޭހެން ޖުމްލަ 408 ޒުވާނުން އިތުރު ވެފައިވާ ކަމަށް ވިދާޅުވެފައެވެ.
އިތުރުވި ޒުވާނުންގެ ލިސްޓު އިލެކްޝަންސް ކޮމިޝަނުން މިއަދު ޢާންމުކޮށް ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކޮށްފައިވާއިރު މި ލިސްޓަށް ޝަކުވާ ހުށަހެޅުން ސެޕްޓެމްބަރ 15 އިން ސެޕްޓެމްބަރު 17އަށް ހުޅުވާލާފައިވާ ކަމަށާއި އެހެންކަމުން، ރިޔާސީ އިންތިޚާބުގެ ވޯޓުލުމުގެ ޙައްޤުލިބިފައިވާ މީހުންގެ ޖުމްލަ ޢަދަދަކީ 2،82،803 މީހުންކަން ހަބީބުވަނީ ފާހަގަކުރައްވާފައެވެ.
ދެވަނަ ބުރުގައި ވާދަކުރައްވަނީ ޕްރޮގްރެސިވް ކޯލިޝަނުގެ ފަރާތުން ވާދަކުރައްވާ މާލޭގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު އޮންނާނީ މިމަހުގެ 30 ގައެވެ.