ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާއި ދިމާކޮށް މުއައްސަސާތަކުގެ މުސާރައަށް ބަދަލު ގެނައުމަކީ އިންސާފުވެރި އިންތިހާބަކަށް އެޅޭ ހުރަހެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރު އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
ހައިލަމް މިފަދައިން ވިދާޅުވެފައިމިވަނީ ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައާ ގުޅިގެން ހުށަހެޅުނު މައްސަލަތަކާ ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސާލިހު މުހިންމު ނިންމުންތަކެއް ނިންމަވައި އެކަން އާއްމުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ސަރުކަރުން ނެރުނު ބަޔާނެއްގައިވަނީ ރައީސް، މި ނިންމެވުންތައް ނިންމަވާފައިވަނީ އެ ދާއިރާތަކުގެ އިސް ބޭފުޅުންނާއި މަޝްވަރާކުރައްވައި އެބޭފުޅުންގެ ލަފަޔާ އިރުޝާދުގެ ދަށުން ކަމަށެވެ. މިބަދަލުތައް ގެނެސްދިނުމަށް ނޭޝަނަލް ޕޭ ކޮމިޝަނާއި ސިވިލް ސާވިސް ކޮމިޝަނަށް ރައީސް އޮފީހުންވަނީ ބުދަ ދުވަހު އަންގާފައިވާ ކަމަށާއި މި ނިންމުންތަކާއިއެކު ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައާ ގުޅިގެން ކުރިމަތިވި ދަތިތަކަށް ހައްލު އަންނާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
މިކަން މިހެން އޮއްވައި ހައިލަމް ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައިވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގެ ވޯޓުލުމަށް ތައްޔާރުވަމުންދާ ވަގުތެއްގައި އެކި މުއައްސަސާތަކުގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނެސް މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދިނުމަކީ އިންސާފުވެރި އިންތިޚާބަކަށް ހުރަސްއެޅިގެންދާނެ ކަމެއް ކަމަށް ގަބޫލުކުރައްވާކަމަށެވެ.