ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކުރިން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގަން ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް" އިން އެދުނު ކަން އެ ޕާޓީން ހާމަކޮށްފިއެވެ.

މި ދަނޑިވަޅަކީ ދެވަނަ ބުރުގައި އެކުގައި މަސައްކަތް ކުރުމަށް ޑިމޮކްރެޓްސް އިން އެމްޑީޕީއާއި އިދިކޮޅު ޕީޕީއެމް / ޕީއެންސީ އާ އެކުވެސް މަޝްވަރާތައް ބާއްވަމުން އަންނަ ވަގުތަކަށް ވާއިރު، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބްގެ ރަނިން މޭޓު ހުސައިން އަމްރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިއީ ނިޒާމީ ވޯޓެއް ނެގުން އެންމެ މުނާސަބު ވަގުތު ކަމަށެވެ.

އެގޮތުން، އެކުގައި މަސައްކަތް ކުރުމަށް ޑިމޮކްރެޓްސްގެ ހުށަހެޅުމަކީ މިމަހުގެ 25 ވަނަ ދުވަހު ނިޒާމާ ގުޅޭގޮތުން ރައްޔިތުންނަށް ބަސްބުނުމަށް ފުރުސަތު ދިނުމަށް ފަހު، ނިޒާމަށް ބަދަލު ގެންނަން ޖެހިއްޖެ ނަމަ 30 ވަނަ ދުވަހު ބާއްވާ އިންތިޚާބުގެ ދެވަނަ ބުރުގައި ހޮވޭ ރައީސަކީ ބަރުލަމާނީ ނިޒާމެއްގެ ރައީސުލްޖުމްހޫރިއްޔާ އަށް ވުން ކަމަށް އަމްރު ވިދާޅުވިއެވެ.

އަދި ރައްޔިތުންނާ ހަމަޔަށް ގޮތް ނިންމަން ގެންދެވޭނެ ހަމައެކަނި ވަގުތަކީ އިންތިޚާބެއްގެ ފުރަތަމަ ބުރާއި ދެވަނަ ބުރާ ދޭތެރޭ ކަން ފާހަގަ ކުރައްވައި އަމްރު ވިދާޅުވީ، ރައްޔިތުން އެދޭގޮތަށް ވެރިކަން ކުރެވޭނީ ވެރިކަން ކުރާ ނިޒާމަށް ބަދަލު ގެނެސްގެން ކަން މިދިޔަ ތިން ދައުރުން ވެސް ސާފު ވާ ކަމަށެވެ.

އަމްރު މިފަދައިން ވިދާޅުވެފައި ވާއިރު، އިލްޔާސް ވަނީ ނިޒާމާ ބެހޭ ވޯޓެއް ނެގުމަށް އެދި މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ވެސް ހުށަހަޅުއްވާފައެވެ. އިލްޔާސް ވިދާޅުވީ އެ ގަރާރު ހުށަހަޅުއްވަން ނިންމެވީ 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް އައި ސަރުކާރުތަކުގެ ތަޖުރިބާއަށް ބަލައި، މިއީ އެ ސުވާލު ރައްޔިތުންނާ ކުރަންވީ ވަގުތު ކަމަށް ގަބޫލު ކުރެއްވޭތީ ކަމަށެވެ.

ރާއްޖޭގެ ވެރިކަން ހިންގާ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަކީ ރައީސް ނަޝީދު އަބަދުވެސް ވަކާލާތު ކުރައްވާ ކަމެކެވެ. އަދި އެމަނިކުފާނަށް ތާއީދު ކުރައްވާ ގިނަ މެންބަރުންވެސް އެކަމަށް ވަކާލަތު ކުރެއެވެ. ރައީސް ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް އާ ދެމެދު ޚިޔާލު ތަފާތުވުން އުފެދުނު އެއް ސަބަބަކީ ވެސް ނިޒާމުގެ ބަހުސެވެ.

އެގޮތުން، ދައުރުގެ މެދު ތެރެއިން ނިޒާމީ ވޯޓެއް ނެގުމަށް ރައީސް ނަޝީދު ހުށަހެޅުއްވި ނަމަވެސް އެކަމަށް ރައީސް ޞާލިޙް ތާއީދު ކުރައްވާފައެއް ނުވެއެވެ. ރާއްޖޭގެ ސިޔާސީ މައިދާނުގައި މަސައްކަތް ކުރައްވާ ގިނަ ސިޔާސީ ލީޑަރުން ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމަށެވެ.

ދެވަނަ ބުުރުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ އެކު ކޯލިޝަން ހެދުމުގެ މަޝްވަރާތައް ރައީސް ޞާލިޙް މިހާރު ފަށްޓަވާފައި ވާއިރު، ގާސިމް އަކީވެސް ރިޔާސީ ނިޒާމަށް ތާއީދު ކުރައްވާ ބޭފުޅެކެވެ.