"ދަ ޑިމޮކްރެޓްސް" އިން ނިޒާމީ ވޯޓެއް ނަގަން މަސައްކަތް ކުރަން ފެށުމުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު އެކަމަށް ފާޑުވިދާޅުވެއްޖެއެވެ.
ރީކޯ މިކަމަށް ފާޑު ވިދާޅުވެފައިމިވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކުރިން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގަން ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް" އިން އެދުނު ކަން އެ ޕާޓީން ހާމަކޮށްފައިވަނިކޮށެވެ.
ރީކޯ ކުރެއްވި ޓްވީޓެއްގައި ވަނީ ރިޔާސީ އިންތިޚާބެއްގެ ފުރަތަމަ ބުރު ނިމި ދެވަނަ ބުރައް ގޮސް ވޯޓުލާން އޮއްވާ އެކަންހުއްޓާފަ އިލެކްޝަނުން ނުކުމެ ނިޒާމީ ވޯޓެއް ނަގަން ބުނަނީ ކެންޑިޑޭޓަކު ނެރެގެން 15ހާސް ވޯޓު ލިބުނީމަތޯ އައްސަވާފައެވެ.
އަދި ދެވަނަ ބުރުގަ ވޯޓަކީ ކިހިނެއްވާ ވޯޓެއްކަން އެވެރިންނަށް ސާފުވެއްޖެ ކަމަށް ގަބޫލުކުރެވޭ ކަމަށްވެސް ރީކޯ ވިދާޅުވިއެވެ.
ނިޒާމީ ވޯޓެއް ނަގަން ދަ ޑިމޮކްރެޓްސް އިން މަސައްކަތް ފެށުމުން އެކަމަށް ރީކޯ ފާޑު ވިދާޅުވިއިރު މި ދަނޑިވަޅަކީ ދެވަނަ ބުރުގައި އެކުގައި މަސައްކަތް ކުރުމަށް ޑިމޮކްރެޓްސް އިން އެމްޑީޕީއާއި އިދިކޮޅު ޕީޕީއެމް / ޕީއެންސީއާ އެކުވެސް މަޝްވަރާތައް ބާއްވަމުން އަންނަ ވަގުތަކަށް ވާއިރު، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބްގެ ރަނިން މޭޓު ހުސައިން އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިއީ ނިޒާމީ ވޯޓެއް ނެގުން އެންމެ މުނާސަބު ވަގުތު ކަމަށެވެ.
އެގޮތުން، އެކުގައި މަސައްކަތް ކުރުމަށް ޑިމޮކްރެޓްސްގެ ހުށަހެޅުމަކީ މިމަހުގެ 25 ވަނަ ދުވަހު ނިޒާމާ ގުޅޭގޮތުން ރައްޔިތުންނަށް ބަސްބުނުމަށް ފުރުސަތު ދިނުމަށް ފަހު، ނިޒާމަށް ބަދަލު ގެންނަން ޖެހިއްޖެނަމަ 30ވަނަ ދުވަހު ބާއްވާ އިންތިޚާބުގެ ދެވަނަ ބުރުގައި ހޮވޭ ރައީސަކީ ބަރުލަމާނީ ނިޒާމެއްގެ ރައީސުލްޖުމްހޫރިއްޔާއަށް ވުން ކަމަށް އަމްރު ވިދާޅުވިއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް 18 އޮގަސްޓް 2007ގައި ނެގި ސިއްރު ވޯޓުގައި ރިޔާސީ ނިޒާމަށް 95،619 މީހުން ވޯޓު ދިނެވެ. ބަރުލަމާނީ ނިޒާމަކަށް ވޯޓު ދިނީ 58،504 މީހުންނެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނިމިފައިވާއިރު އިލްޔާސްއަށް ވަނީ ވޯޓުލީ އާބާދީގެ ހަތް އިންސައްތަ ވޯޓު ލިބިވަޑައިގަތްފައެވެ. އެއީ 15،000އަށް ވުރެ ގިނަ ވޯޓެވެ.
ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕުންވެސް ރައީސް ސާލިހުވެސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވެސް އަދި ކުރީގެ ރައީސް މައުމޫނުވެސް މީގެ ކުރިން ބަރުލަމާނީ ނިޒާމަކަށް ދެކޮޅު ހައްދަވާފައިވާއިރު މިދަނޑިވަޅަކީ އިންތިހާބުގެ ދެވަަނަ ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންކަމަށްވާ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްއާއި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކޯލިޝަނެއް އެކުލަވާލުމުގެ މަޝްވަރާތައް ފަށާފައިވާ ދަނޑިވަޅެކެވެ.