ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހަދައިގެން އެކުގައި މަސައްކަތް ކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމްއާ ބައްދަލުކުރެއްވުމަށްފަހު، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް މާލެ ވަޑައިގެންފިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމްއާ ބައްދަލުކުރެއްވުމަށް ރައީސް ޞާލިޙް އދ. މާމިގިއްޔަށް ވަޑައިގެންނެވީ މިމަހުގެ 13ވީ ބުދަ ދުވަހުގައެވެ.

އެބޭފުޅުން މަޝްވަރާ ކުރިއަށްގެންދެވީ މާމިގިލީ ކައިރީގައި އޮންނަ ޤާސިމް އިބްރާހީމްގެ ވިލާ ޕާކް ސަން އައިލެންޑް ރިސޯޓުގައެވެ. ސަން އައިލެންޑަށް ވަޑައިގެންނެވުމަށް ރައީސް ޞާލިޙް މާމިގިލީ އެއާޕޯޓަށް ބުދަ ދުވަހު ވަޑައިގެންނެވުމުން އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ވެސް ޤާސިމްއެވެ.

"ވީނިއުސް"އާ ވާހަކަދައްކަވަމުން ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާނު އަލީ ޞާލިޙް ވިދާޅުވީ، އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ދެ ޕާޓީންވެސް ޤާސިމް އިބްރާހީމްގެ ތާއީދު ހޯއްދެވުމަށް ވަޑައިގެންނެވުމުން އެކަމުން ދޭހަވަނީ، ޤާސިމް އިބްރާހީމަކީ އަދިވެސް ރާއްޖޭގެ ސިޔާސީ މައިދާނުގައި އެންމެ ހައިބަތު ބޮޑު، އެންމެ މުހިންމު އެއް ޝަހުސިއްޔަތުކަން ކަމަށެވެ.

ދެ ދުވަހުގެ މަޝްވަރާއަށްފަހު ރައީސް ޞާލިޙް އެނބުރި މާލެ ވަޑައިގެންނެވިއިރު، މިކަމާ ގުޅިގެން ވަކި އެއްޗެއް ވިދާޅުވެވެން މިވަގުތު ނެތް ކަމަށް އަލީ ޞާލިޙް ވިދާޅުވިއެވެ.

ރާއްޖޭގައި އެންމެފުރަތަމަ ގިނަ ޕާޓީތަކެއް އެކުލެވޭހެން ބޭއްވި ރިޔާސީ އިންތިޚާބުން ފެށިގެން، ޤާސިމް އިބްރާހީމް ފާހަގަކުރެވެނީ ކޮންމެ އިންތިޚާބެއްގައި ވެސް ނަތީޖާ ނެރުމުގައި ސިޔާސީ ފަރާތްތަކުން ބޭނުންކުރައްވާ "ކާލާ މަންނަ" ކާޑުގެ ގޮތުގައެވެ. ކާލާ މަންނަ ކާޑުގެ އެހީ ހޯއްދަވައިގެން ކޮންމެ އިންތިޚާބެއް ވެސް ކާމިޔާބުކުރެވޭނެކަން ޤާސިމް އިބްރާހީމް ވަނީ ސާބިތުކޮށްދެއްވާފައެވެ.

އެހެންކަމުން، މިދިޔަ ތިން ރިޔާސީ އިންތިޚާބެކޭ ވެސް އެއްފަދައިން މި އިންތިޚާބުގައި ވެސް ނަތީޖާ ނެރުމަށް ކާލާ މަންނައިގެ އެހީ ހޯއްދެވުމަށް ކެންޑިޑޭޓުން މިވަނީ މަސައްކަތް ފަށާފައެވެ.

ޤާސިމް އިބްރާހީމްގެ އަރިހަށް ރައީސް ޞާލިޙް މިއަދު ވަޑައިގެންނެވިއިރު، އިންތިޚާބުގެ ދެވަނަ ބުރުގައި ދެން ވާދަކުރައްވާ، ޕްރޮގްރެސިވް ކޯލިޝަންގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން އެމަނިކުފާނުގެ ރަނިންމޭޓު، ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްދު ލަތީފް (ސެމްބެ) އާއި ޕީޕީއެމްގެ ލީޑާޝިޕްގެ ޓީމެއް އިއްޔެ ވަނީ ޤާސިމްގެ އަރިހަށް ވަޑައިގެން އެމަނިކުފާނާ ބައްދަލުކުރައްވާފައެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރެކޯޑު އަދަދަކަށް ކެންޑިޑޭޓުން ވާދަކުރެއްވިއިރު، ދެވަނަ ބުރުގައި ވާދަކުރެއްވުމުގެ ފުރުސަތު ރައީސް ޞާލިޙް ހޯއްދެވީ، ވޯޓުލީ 225،486 މީހުންގެ ތެރެއިން، 86،161 ވޯޓު ހޯއްދަވައިގެންނެވެ. ފުރަތަމަ ބުރުގައި ކުރިހޯއްދެވި ޑރ. މުއިއްޒުއަށް 101،635 ވޯޓު ލިބިވަޑައިގަތެވެ.

އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.