މިއަދަކީ މި އަހަރުގެ ޤައުމީ ދުވަހެވެ. ޤައުމީ ދުވަސް ރާއްޖޭގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގައި ވެސް ރަބީޢުލްއައްވަލް މަހުގެ އެއް ވަނަ ދުވަހުއެވެ. އެހެންކަމުން މީލާދީ ސަނަތުން ގައުމީ ދުވަސް ފާހަގަކުރާ ތާރީޚު ކޮންމެ އަހަރެއްގައިވެސް ތަފާތުވެއެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ކޮންމެ ޤައުމެއްގައި ވެސް ކުލަގަދަކޮށް ޤައުމީ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަކުރެއެވެ. އެދުވަހަކީ އެޤައުމަކަށް ލިބިފައިވާ ނިޢުމަތަކަށްޓަކައި ޙަމްދާއި ޝުކުރު އާދާކުރުމުގެ ދުވަހެވެ. އެބައިމީހުންގެ ހިތްތަކުގައި ޤައުމީ ރޫޙާއި އެކުވެރިކަން އަށަގެންނެވުމުގެ ވަރުގަދަ ބިންގާ އަޅާ ދުވަހެވެ.

ޤައުމުގައި އުފެދުނު އަގުހުރި ދަރީން، އެބައިމީހުންގެ ޤައުމަށް އަދާކުރި މަތިވެރި ވާޖިބަށްޓަކައި އެބައިމީހުންގެ ހަނދާންތައް އާކުރާ ދުވަހެވެ. އަދި އެދަރީންނަށް ދަރާފައިވާ ދަރަނިތައް ވަޒަންކޮށް، އެމީހުންނަށް ހެޔޮދުޢާ ކުރުމަށް އެންމެ އެކަށީގެންވާ ދުވަހެވެ. އަދި ޤައުމިއްޔަތާއި މިނިވަންކަމުގެ ރޫޙު އާލާކުރުމުގެ ދުވަސްވެސް މެއެވެ.

ތާރީޚީ ގޮތުން ދިވެހިރާއްޖޭގެ ޤައުމީ ދުވަސް

ދިވެހީންގެ ޤައުމީ ދުވަހެއް ފުރަތަމަ ފާހަގަކުރީ ހިޖުރައިން 1365 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހުއެވެ. އެއީ 4 ފެބްރުއަރީ 1946 ގައެވެ. އޭގެކުރިން ޤައުމީ ދުވަހުގެ ނަންދީގެން ވަކި ދުވަހެއް ދިވެހީން ފާހަގަކޮށްފައި ނުވެއެވެ. ދިވެހިދައުލަތުން ގައުމީ ދުވަސް ކަމުގައި ކަނޑައެޅި ދުވަހަކީ ދިވެހީންގެ މިނިވަންކަން މުޅީން ގެއްލިފައި ވަނިކޮށް، މިނިވަންކަމުގެ އަލިގަދަ ނޫރުން ދިވެހި އުންމަތް އަލިވެ އުޖާލާވެގެންދިޔަ ދުވަހެވެ. އެއީ 15 އަހަރާއި 6 މަސް ދުވަހުގެ ދިގު އަޅުވެތިކަމަކަށްފަހު ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖޭ މިނިވަންވީ ތާރީޚާ ގުޅުވާފައެވެ.

ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖޭ މިނިވަންވީ ޙިޖުރައިން 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ އެއް ވަނަ ވިލޭރެއެވެ. އެ މަތިވެރި ފަޚުރު ދިވެހީންނަށް ޙާޞިލްކޮށްދެއްވުމަށް މާތްﷲ މެދުވެރިކޮށްދެއްވީ ތިލަދުންމަތީ އުތުރުބުރީ އަލްޚަޠީބު ޙުސައިން ތަކުރުފާނުގެ ދަރިކަލުން އައްސުލްޠާނުލް ޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުންނެވެ.

އެހާދިސާއަށް ޚުލާސާކޮށް ނަޒަރު ހިންގާލާނަމަ، ދިވެހިރާއްޖޭގެ ތަޚުތުގައި އެދުވަސްވަރު އިންނެވި ރަސްގެފާނު އައްސުލްތާނު ޢަލީ ޝަހީދު ކޮށްލުމަށް ފަހު ޕޯޗުގީޒުން ރާއްޖެ ހިފައި، އެމީހުންގެ ވެރިކަން ހިންގާން ފެށީ ހިޖުރައިން 965 ވަނަ އަހަރުގެ ޝަޢުބާން މަހުގެ ފުރަތަމަ ދުވަހުއެވެ.

ޕޯޗުގީޒުންގެ ވެރިކަން ރާއްޖޭގެ ތިން އަތޮޅެއް ފިޔަވާ އެހެން ހުރިހާ އަތޮޅަކަށް ފަތުރާފައިވާ އިރު، ޕޯޗުގީޒުންގެ ފަރާތުން ރާއްޖޭގެ ވެރިކަން ހިންގާން ހުރީ އަނދިރިއަނދިރިންނެވެ. ޕޯޗުގީޒުންގެ ވެރިކަން ފޯރުވިފައިނުވަނީ ރާއްޖޭގެ އެންމެ ދެކުނުގެ ތިން އަތޮޅަށްކަމަށް ތާރީޚުން ދައްކައެވެ. ބޮޑު ތަކުރުފާނަކީ ހއ. އުތީމު ބޭފުޅެކެވެ. މި ތަކުރުފާނާއި މި ތަކުރުފާނުގެ ބޭބޭފުޅު އަލިތަކުރުފާނާއި ކޮއްކޯފުޅު ހަސަންތަކުރުފާނު ރާއްޖެ ސަލާމަތް ކުރެއްވުމުގެ މަސައްކަތް ފެއްޓެވީ ޕޯޗުގީޒުންގެ އަނިޔާވެރިކަން އިންތިހާއަށް ދިއުމުންނެވެ. ރާއްޖެއިން އިސްލާމް ދީން ފުހެވިދާނެ ކަމުގެ ބިރަށްޓަކައެވެ. މިކަމުގައި އިސްވެ ހުންނެވީ ބޮޑުތަކުރުފާނު ނުވަތަ މުޙައްމަދު ތަކުރުފާނެވެ

ބޮޑުތަކުރުފާނު ޕޯޗުގީޒުން ބަލިކުރަން ކުރެއްވި މަތިވެރި ޖިހާދު

މިމަސައްކަތުގެ ފެށުމެއްގެ ގޮތުން ފުރަތަމަ ކުރެއްވި ކަމަކީ އާއިލާގެ މީހުން ރައްކާތެރި ތަނަކަށް ބަދަލުކުރެއްވުމެވެ. އެ ގޮތުން އާއިލާ ބަދަލުކުރެއްވީ އަވަށްޓެރި މަލިކަށެވެ. މިކަމަށް ތިންބެއިން ދަތުރު ކުރައްވާނޭ އޮޑިއެއް ބެންނެވިއެވެ. އޮޑީގެ ނަމަކަށް ދެއްވީ "ކަޅުއޮއްފުންމި" އެވެ. ކަޅުއޮއްފުންމީގައި މަލިކަށް ކުރެއްވި ދަތުރުފުޅުގައި އެރަށުން ދެބޭފުޅަކާ ބައްދަލުވެވަޑައިގަތެވެ. އެއީ ޢަލީ ހާޖީއާއި ޙަސަން ހާޖީއެވެ. މިއީ ދެބެއިންނެވެ. މި ދެބޭފުޅުންނަށް ބޮޑުތަކުރުފާނުގެ ބޭނުންފުޅު އެނގިވަޑައިގަތީމާ، އެ ޖިހާދުގައި ބައިވެރިވެވަޑައިގެންފިއެވެ. މީގެ އިތުރަށް އުޅުއްވީ ދުވާފަރު ޢަލީ ދަންޑެހެލެވެ. ޢާއިލާ މަލިކަށް ބަދަލު ކުރެއްވުމަށްފަހު ރޭގަނޑު ކަނު އަނދިރީގައި ރާއްޖޭގެ އެކި ރަށްރަށަށް އަރާވަޑައިގެން ކާފަރުންނާ ދިމާކުރައްވާ އެމީހުން ގަތުލު ކުރައްވަމުން ގެންދެވިއެވެ. އިރުއަރާ އިރު ރާއްޖެ ނުފެންނަ ހިސާބަށް ބޭރަށް ނުކުމެ ވަޑައިގަންނަވައެވެ. މިއީ ޕޯޗުގީޒު ކާފަރުންނަށް ވަރަށް ބޮޑު އުނދަގުލަކަށް ވެއްޖެއެވެ. އެހެންނަމަވެސް އެ ބޭފުޅުން އަތުލައިގަނެވޭ ގޮތެއް ނުވެއެވެ.

އެކަމަކު އެއްރެޔަކު ތިލަންދުންމަތީ ތަކަންދުއަށް ކުރެއްވި ދަތުރެއްގައި އަލި ތަކުރުފާނު އޭނާގެ އަނބިކަނބަލުންގެ ގޭގައި އޮންނަވަނިކޮށް އަވަހާރަފުޅު ލެއްޕެވިއްޖެއެވެ. އިރުއަރާން ގާތްވެ، ކަޅުއޮށްފުންމި ފުރާން ތައްޔާރުވީ އިރުވެސް އަލިތަކުރުފާނުގެ ޚަބަރެއް ނުވިއެވެ. އެންމެ ފަހުން އެ ތަކުރުފާނާ ނުލާ ކަޅުއޮއްފުންމި ފުރީއެވެ. އަލިތަކުރުފާނު އެރަށުގައި އޮންނެވިކަން ޕޯޗުގީޒުންނަށް އެނގިގެން އެ ގެއަށްގޮސް ހަމަލާދީ އެ ތަކުރުފާނު ޝަހީދު ކޮށްލީއެވެ. ހިތާމަވެރި އެ ދަނޑިވަޅުގައި ބާކީ ތިއްބެވި ހަތަރު ބޭފުޅުންގެ މަޝްވަރާއަށްފަހު ބޮޑުތަކުރުފާނު އިންޑިއާގެ ކަންނަންނޫރަށް ވަޑައިގެން އެތާނގެ ޢަލީ ރާޖާޔާ ބައްދަލު ކުރައްވާ ވާހަކަފުޅު ދެއްކެވިއެވެ. ބޮޑުތަކުރުފާނާ އެހީވާން ލަޝްކަރެއް ފޮނުއްވާން ޢަލީ ރާޖާ އެއްބަސްވެވަޑައިގެންފިއެވެ. އިސާހިތަކު ބޮޑުތަކުރުފާނު ލަޝްކަރާއިގެން މާލެ އަރާވަޑައިގެން ޕޯޗުގީޒުންނާ ހަމަލާ ދެއްވައިފިއެވެ. ވަރުގަދަ ހަނގުރާއަކަށް ފަހު ކާފަރުންގެ އެންމެން ޤަތުލުކުރައްވާ، ރާއްޖެ މިނިވަން ކުރެއްވިއެވެ. ބުނެވޭ ގޮތުގައި އަނދިރިއަނދިރިން މަރުވީ ސީދާ ބޮޑުތަކުރުފާނު ޖެއްސެވި ބަޑިއަކުންނެވެ.

އެތާރީޚީ ރެއަކީ ޙިޖުރައިން 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ އެއް ވަނަ ވިލޭރެއެވެ.

ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ނުވަ ވަނަ މާއްދާގައި "ދިވެހިރާއްޖޭގެ ޤައުމީ ދުވަސް" ކަނޑައެޅިގެން ބަޔާންކޮށްފައިވެއެވެ. އެދުވަހަކީ ރަބީޢުލްއައްވަލް މަހުގެ އެއް ވަނަ ދުވަހެވެ. މިނޫން މިފަދަ އެހެން އެއްވެސް ދުވަހެއްގެ ވާހަކަ ޤާނޫނުއަސާސީގައި ބަޔާންވެގެންނެއް ނުވެއެވެ. އަދި ފަހުން ޤާނޫނުގައިވާ މި ތާރީޚައް ބަދަލެއް ގެނެސްފައި ވެސް ނުވެއެވެ.