ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ ދިދަނެގުމުގެ ޚާއްޞަ އިޙްތިފާލު މިއަދު ބާއްވައިފިއެވެ.

ޤައުމީ ދުވަހާ ގުޅިގެން، ބޭއްވި ދިދަނެގުމުގެ ޚާއްޞަ އިޙްތިފާލުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ޚާއްޞަ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 6:00 ގައި، ޖުމްހޫރީ މައިދާނުގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޤައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވުން --- ފޮޓޯ: ރައީސް އޮފީސް

ދިދަނެގުމުގެ ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގެންނެވުމުން، އެ މައިދާނުން އެދެކަނބަލުންނަށް، މަރުޙަބާ ދެންނެވީ، މިނިސްޓާ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއި މިނިސްޓާ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ އެވެ.

ޤައުމީ ދުވަހުގެ ދިދަނެގުމުގެ މި ޚާއްޞަ ރަސްމިއްޔާތުގައި، ދިދަ ނެގުމުގެ އިތުރުން، ދުވަހާއި ގުޅޭ ޚާއްޞަ ދުޢާއެއް ކުރުންވެސް އޮތެވެ.

ދިވެހިރާއްޖޭގައި ޤައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ، އައްސުލްތާން ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢްޡަމް ސިރީ ސަވާދީއްތަ މަހާރަދުން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވުމުގެ ޒިކުރާ އައުކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ރަބީޢުލްއައްވަލް މަހުގެ އެއް ވަނަ ދުވަހުގައެވެ.

ދިވެހީންގެ ޤައުމީ ދުވަހެއް ފުރަތަމަ ފާހަގަކުރީ 1365 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހުއެވެ. އެއީ 4 ފެބްރުއަރީ 1946 ގައެވެ. އޭގެ ކުރިން ޤައުމީ ދުވަހުގެ ނަން ލިބިގެން ވަކި ދުވަހެއް ދިވެހީން ފާހަގަ ކޮށްފައެއް ނުވެއެވެ.