ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީންގެ އަރިހަށް ވަޑައިގެންނެވުމަށް މަސައްކަތް ކުރައްވަމުން ދެންދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ދަ ޑިމޮކްރެޓްސްގެ ބާނީ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޑިމޮކްރެޓްސްގެ ސަޕޯޓަރުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ނަޝީދު މިއަދު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކުރިން ނިޒާމާ ބެހޭ ވޯތު ނެގުމާމެދު ރައީސް ޔާމީން ދެކެވަޑައިގަންނަވާ ގޮތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވަން ބޭނުންފުޅު ވެލައްވާ ކަމަށެވެ.

ކޮންމެ ރިޔާސީ އިންތިހާބެއްގެ ފުރަތަމަ ބުރުގައި އެއްވެސް ސިޔާސީ ޕާޓީއަކަށް ފުރިހަމަ މެޖޯރިޓީ ނުލިބުމުން ދެން މަސައްކަތް ކުރަނީ ގާނޫނު =އަސާސީ ނުދަންނަ ސިޔާސީ މުއާމަލާތަކަށް ކަން ފާހަގަ ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، ފުރަތަމަ ބުރުގައި ނާކާމިޔާބުވި އެހެން ޕާޓީތަކާއި ކެންޑިޑޭޓުންނާ އެކު ކޯލިޝަން ހެދުމަށް ދެވަނަ ބުރަށް ދަތުރުކުރާ ދެ ކެންޑިޑޭޓުން ވެސް މަސައްކަތް ކުރާ ކަމަށެވެ.

ދަ ޑިމޮކްރެޓްސްއިން ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒާއި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އާއެކުވެސް، އެކުގައި މަސައްކަތް ކުރުމަށް މަޝްވަރާކޮށްފައި ވާއިރު، އެ ބޭފުޅުންގެ ހުށަހެޅުމަކީ ރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެ ކަމާ ގުޅެގޮތުން ވާހަކަދެއްކެވުމަށް ސީދާ ރައީސް ޔާމީނާ ބައްދަލުކުރެއްވުން މުހިންމު ކަމަށެވެ.

އަޅުގަނޑު މަޖިލީހުގެ އަމީންއާންމު ގާތުގައި ދަންނަވާފައި ވަނޭ މާދަމާ އަޅުގަނޑު މާފުއްޓަށް ދެވޭތޯ، އަޅުގަނޑު މާފުއްޓަށް ދިޔުމަށް. ރައީސް ޔާމީން އަރިހުގައި ދަންނަވަން ބޭނުންވަނީ ވެރިކަމުގެ ނިޒާމަށް ބަދަލެއް ގެންނަން 25 ވަނަ ދުވަހުގެ ކުރީގައި އެ ވޯޓު ނެގުމުގައި އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތަކަށް އަދި އަޅުގަނޑުމެންނަށް އެހީތެރިވެދެވެން އޮތް ނަމަ އެކަން.
ރައީސް މުހައްމަދު ނަޝީދު

ރައީސް ޔާމީންވެސް ފުރަތަމަ ތާއީދު ކުރެއްވީ ބަރުލަމާނީ ނިޒާމަށެވެ. ނަމަވެސް، ބަރުލަމާނީ ނިޒާމުގެ ނަޒަރިއްޔާތަަށް ތާއީދު ކުރެއްވި ނަމަވެސް ރާއްޖޭގެ ހާލަތަށް ވިސްނަވާއިރު އެމަނިކުފާނަށް ބުރަވެވެން އޮތީ ރިޔާސީ ނިޒާމަށް ކަމަށް ރައީސް ޔާމިން ފަހުން ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ ވެރިކަން ހިންގާ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަކީ ރައީސް ނަޝީދު އަބަދުވެސް ވަކާލާތު ކުރައްވާ ކަމެކެވެ. އަދި އެމަނިކުފާނަށް ތާއީދު ކުރައްވާ ގިނަ މެންބަރުންވެސް އެކަމަށް ވަކާލަތު ކުރެއެވެ. ރައީސް ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް އާ ދެމެދު ޚިޔާލު ތަފާތުވުން އުފެދުނު އެއް ސަބަބަކީ ވެސް ނިޒާމުގެ ބަހުސެވެ.

އެގޮތުން، ދައުރުގެ މެދު ތެރެއިން ނިޒާމީ ވޯޓެއް ނެގުމަށް ރައީސް ނަޝީދު ހުށަހެޅުއްވި ނަމަވެސް އެކަމަށް ރައީސް ޞާލިޙް ތާއީދު ކުރައްވާފައެއް ނުވެއެވެ. ރާއްޖޭގެ ސިޔާސީ މައިދާނުގައި މަސައްކަތް ކުރައްވާ ގިނަ ސިޔާސީ ލީޑަރުން ތާއީދު ކުރައްވަނީ ރިޔާސީ ނިޒާމަށެވެ