އިޓަލީގެ ފުޓުބޯޅަ ކުލަބު ޔުވެންޓަސްއާ ދެކޮޅަށް ދައުވާކުރަން އެ ކުލަބުގެ ކުރީގެ ތަރި އަދި ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ނިންމައިފިއެވެ.
ޔުވެންޓަސްއާ ދެކޮޅަށް ދައުވާކުރަން ރޮނާލްޑޯ ނިންމާފައިވަނީ، އޭނާ އެކުލަބުގެ ހޭދަކުރި މުއްދަތުގެ ތެރޭގައި ލިބެންޖެހޭ މުސާރައިގެ ބައެއް ލިބިފައިނުވާތީއެވެ. އެއީ ކޮވިޑުގެ އާލަމީ ވަބާއާ ގުޅިގެން އެކުލަބުން ކުލަބުގެ ބައެއް ކުޅުންތެރިންގެ މުސާރަ ކުޑަކޮށް، ހިފަހެއްޓުމަށްފަހު އެ ފައިސާ ފަހުން ދޭނެކަމަށް ބުނި ނަމަވެސް، އެއްބަސްވެފައިވާ ގޮތަށް ލިބިފައި ނުވާ ފައިސާއެކެވެ.
ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ޔުވެންޓަސްއިން މުސާރައިގެ ގޮތުގައި ދޭންޖެހޭ ފައިސާގެ ތެރެއިން ރޮނާލްޑޯއަށް 19.9 މިލިއަން ޔޫރޯ ނުދީވެެއެވެ. އެކުލަބާ ދެކޮޅަށް ދައުވާ ކުރުމަށް އިޓަލީގެ ޓޫރިންގެ ޕްރޮސެކިއުޓަރ އޮފީހާއެކު މަޝްވަރާކޮށް، ދައުވާކުރަން ނިންމާފައިވާކަމަށް މީޑިއާ ތަކުން ރިޕޯޓުކުރެއެވެ.
ރޮނާލްޑޯގެ އިތުރުން ޔުވެންޓަސްއަށް ކުރިން ކުޅެފައިވާ އެހެން ބައެއް ކުޅުންތެރިންވެސް ވަނީ އެކުލަބާ ދެކޮޅަށް ދައުވާކުރަން ނިންމާފައެވެ. އެގޮތުން ރޯމާއަށް މިހާރު ކުޅެމުން އަންނަ ޕައުލޯ ޑިބާލާއާއި ޔޫނިއަން ބާލިން އަށް ކުޅެމުން އަންނަ ބޮނޫޗީ ވެސް ވަނީ ޔުވެންޓަސްއާ ދެކޮޅަށް ދައުވާކުރަން ނިންމައި އެކަން އަންގާފައެވެ.
އެހެންނަމަވެސް، ޓޫރިންގެ ޕްރޮސެކިއުޓަރ މެދުވެރިކޮށް ޑިބާލާއާއި ޔުވެންޓަސްއާ ދެމެދު ކުރެވުނު މަޝްވަރާތަކަށްފަހު، ޔުވެންޓަސް އިން ޑިބާލާއަށް 3 މިލިއަން ޔޫރޯ ދޭގޮތަށް އެއްބަސްވުމަކަށް އައިސްފައިވާކަމަށްވެއެވެ.
ސްޕެއިންގެ ރެއާލް މެޑްރިޑުގައި ކާމިޔާބު ނުވަ އަހަރު ހޭދަކުރުމަށްފަހު ރޮނާލްޑޯ ޔުވެންޓަސްއާ ގުޅުނީ 2018 ވަނަ އަހަރުއެވެ. އެކުލަބުގައި އޭނާ ތިން އަހަރު ހޭދަކުރިއިރު އެ ޓީމަށް ކުޅެދިން 134 މެޗުން 101 ލަނޑު ކާމިޔާބުކޮށްދީފައިވެއެވެ. އަދި މި މުއްދަތުގައި އެ ޓީމާއެކު އިޓާލިއަން ލީގު ދެ ފަހަރު، ކޮޕާ އިޓާލިއާ އެއްފަހަރު އަދި އިޓާލިއަން ސުޕާ ކަޕް ދެފަހަރަށް ކާމިޔާބުކޮށްފައިވެއެވެ.