ރާއްޖޭގެ ވެރިކަމުގައި ހުންނެވި އައްސުލްޠާން ޢަލީ (6 ވަނަ) ސިރީ އައުދަ ސިޔަކަ ކައްތިރި މަހާރަދުން އަވަހާރަކޮށްލުމަށްފަހު، އޭރު މުޅި ދުނިޔެއަށް "ކަނޑުގެ ބާޒު"ގެ ނަމުން މަޝްހޫރު ޕޯޗުގީޒުންގެ ލަޝްކަރު ރާއްޖެއަށް ވެރިވެގަތުމަށްފަހު، ދިވެހިންގެ މައްޗަށް ކުޅަ އަނިޔާވެރިވެރިކަމުގެ ވާހަކައާއި ކެތަލިކް ދީން ރާއްޖެއަށް ފެތުރުމަށް ކުރި ތަފާތު މަސައްކަތްތައް ތާރީހީ ފޮތްތަކުގައި ބަޔާންވެފައިވެއެވެ. ތާރީހު ދިރާސާކުރައްވާ ބޭފުޅުން، ޕޯޗުގީޒުންގެ އަނިޔާވެރި ވެރިކަމުގެ ދުވަސްވަރު ސިފަކުރައްވަނީ "ދިވެހި ކަނޑުތައް ދިވެހި ދަރީންގެ ލެއިން ރަތްވެގެން ދިޔަ" ދުވަސްވަރެއްގެ ގޮތުގައެވެ.

15 އަހަރަށްވުރެ ގިނަ ދުވަހު ވެރިކަން ކުރި ޕޯޗްގީޒުންގެ އަތްދަށުން ރާއްޖޭ މިނިވަންކުރުމަށް މާތް ﷲ މެދުވެރިކޮށްދެއްވީ، ތިލަދުންމަތީ އުތުރުބުރީ އުތީމު ކަޅު އަލީ ޚަތީބު ތަކުރުފާނުގެ، ހުސައިން ޚަތީބުތަކުރުފާނުގެ ދަރިކަލުން އައްސުލްޠާނުލް ޣާޒީ މުހައްމަދު ތަކުރުފާނުލް އައްޒަމް ސިރީސަވާދީއްތަ މަހާރަދުންގެ އަތްޕުޅުގެ މަތިންނެވެ. މިއީ މިއަދުވެސް ދިވެހިން އެ ބޭފުޅަކަށްޓަކައި ފަހުރުވެރިވާ ދިވެހިންގެ ބޮޑު ތަކުރުފާނެވެ.

މިތަކުރުފާނު ޕޯޗްގީޒުންނާ ދެކޮޅަށް ކުރެއްވި ޖިހާދުން ނަސްރު ލިބިވަޑަައިގެންނެވީ މީލާދީ ސަނަތުން 1573 ވަނަ އަހަރުގެ ޖުލައިމަހުގެ 2 ވަނަ ދުވަހުއެވެ. އެއީ ހިޖުރީ ކަލަންޑަރުން 981 ވަނަ އަހަރުގެ ރަބީއުލްއައްވަލުމަހުގެ ފުރަތަމަ ވަނަ ވިލޭރެއެވެ.

މިއަދު އަޅުގަނޑުމެން ގައުމީ ދުވަހެއް ފާހަގަކުރަމުން މިދަނީ ގައުމަށް ވެރިއަކު ހޮވުމުގެ މޫސުމާ ދިމާކޮށެވެ. އެހެންކަމުން އިސްލާމްދީނާއި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލުގެ ހައްގުގައި ރައްޔިތުންނާއި ދިވެހި ފަސްގަނޑުގެ ހައްގުގައި އެތަކުރުފާނު ކުރެއްވި މަތިވެރި ޖިހާދާއި އެތަކުރުފާނުގެ ރަސްކަމުގެ ފާގަތި އަހަރުތަކުން މިހާރުގެ ވެރިން އިބްރަތް ހާސިލްކުރުމަށްޓަކައި ދެތިން ޖުމްލައެއް ދަންނަވާލުމަކީ ކޮންމެހެން ލާޒިމްކަމަކަށް މިވަނީ ވެފައެވެ.

އެންމެ ފުރަތަމަ، އެދީނެއްގެ މަތީގައި ދިވެހިން ސާބިތުވެތިބި އިސްލާމްދީނަށް ބަލަމާ ހިނގާށެވެ. ކެތަލިކް ދީނުގެ "ކުނި މިލައިން" ރާއްޖޭގެ ފަސްގަނޑު ޠާހިރުކޮށްދެއްވުމަށްފަހު އެ ތަކުރުފާނު ރާއްޖޭގެ ތަޙުތަށް އިސްވެވަޑައިގެންނެވިއިރު ރާއްޖޭގައި އެއްވެސް އިލްމުވެރިއަކުނެތެވެ. ތާރީޙު ބުނާގޮތުން އަލްފަޤީހު ސުލައިމާން އަލްމަދަނީ ބިން މުހައްމަދު ބިން އީސާ އަލްޔަމަނީ އަވަހާރަވުމަށްފަހު ރާއްޖެއިން ދީނުގެ އިލްމުގެ ހުޅުކޮޅުވަނީ ފަނޑުވެފައެވެ. އެހެންނަމަވެސް އުއްމީދު ގެއްލުވާނުލައްވައި އެތަކުރުފާނު ވަނީ ރާއްޖޭގެ ރައްޔިތުންނަށް ދީން އުނގަންނައިދިނުމަށް އެތައް މަސައްކަތްޕުޅުތަކެއް ކުރައްވާފައެވެ.

މި މައްސަލައަކީ ބޮޑުތަކުރުފާނުގެ ރަސްކަމުގައި އެމަނިކުފާނަށް ހަމަޖައްސަވަން އެންމެ ދަތިފުޅުވީ މައްސަލައަށްވީ ނަމަވެސް، ހިތްވަރު އެލުވާނުލައްވައި ކުރެއްވި މަސައްކަތުގެ ނަތީޖާއަކީ، އައްޝައިހު މުހައްމަދު ޖަމަލުއްދީން ރާއްޖެ ވަޑައިގަތުމުން މި މަސައްކަތްޕު އެމަނިކުފާނާ ހަވާލުކުރެއްވުމެވެ. ދީނުގެ ވާހަކަ މިވަރަށް ބަޔާންކުރަން މިޖެހުނީ ދުނިޔެ ބަވަނަވެ، ރާއްޖެ ހިމެނޭހެން އިސްލާމީ ގައުމުތަށް އިސްލާމްދީނުގެ މަގުން އެއްކިބާކުރުމަށް ތަފާތު މަސައްކަތްތައް ގައުމުތަކުން ކުރަމުންދާ ދަނޑިވަޅަކަށްވީތީއެވެ.

މިއަދު ރާއްޖޭގައިވެސް އެހެންދީންތަކަށް ފުރުސަތުދޭނެޖެހޭނެކަމަށް ފާޅުގައި ވަކާލާތުކުރަމުންދާ ބަޔަކު އުޅޭއިރު، ދީން ދޫކޮށްލައި ދީނަށް ފުރައްސާރަކުރާ މީހުންވެސް މަދެއްނޫނެވެ. އެފަދަ މީހުންނަށް ސަރުކާރުތަކުން ހިމާޔަތް ދޭ ވާހަކަ މިހާރުވެސް ދައްކަނީ މަދެއްކޮށެއްނޫނެވެ. އެހެންކަމުން ގައުމީ ދުވަސް ފާހަގަކުރަމުން އަންނައިރު، ރާއްޖޭގެ ކުރިމަގު ކަނޑައަޅަން ރާއްޖޭގެ ރައްޔިތުންގެ މައްޗަށް ބަސްކިޔަން އިސްވާ މީހަކީ، ދީނަށް ލޯބިކުރާ ދީނީ ގަހަނާއިން ޒީނަތްތެރިވެގެންހުރި މީހަކަށް ވާންޖެހެއެވެ. ހާއްސަކޮށް "ދިވެހި ގައުމުން ބަންގީގެ އަޑު ކެނޑުނަ ނުދިނުމަކީ" އަޒުމަކަށް ހެދުން މުހިންމެވެ.

ބޮޑުތަކުރުފާނުގެ ހަޔާތްޕުޅުން ދިވެހި ވެރިން ދަރުސް ލިބިގަންނަންވީ އަނެއް ނުކުތާއަކީ، އަޅުވެތިކަމަށް "ހޯހޯ" އޭ ބުނުމެވެ. ހިންދުކަނޑުގައި އޮތް މި ޖަޒީރާއަކީ އޭރުވެސް މިހާރުވެސް މަކަރުވެރިންގެ ކަޅިތައް އަމާޒުވެފައިވާ މަންޒިލެކެވެ. އެހެނެއްކަމަކު، ކުޑަ ގައުމެކޭ ބުނެ ބޭރުގެ ބާރުތަކުގެ ކުރިމަތީ "ކުޑަކަކޫ" ޖެހި ޒަމާނެއް ރާއްޖޭގެ ތާރީހުގެ އެއްވެސް ސަފުހާއެއްގައި ލިޔެވިފައިވޭބާވައެވެ.

އެ ތަކުރުފާނު ރާއްޖެ މިނިވަންކުރެއްވީ ބައިތުލްމާލުން ލިބިލައްވާ އުޖޫރައަކަށްޓަކައެއްނޫނެވެ. އަދި އެތަކުރުފާނާއި އެތަކުރުފާނުގެ ބައިވެރިންނަކީ ޕޯޗްގީޒުންނާއި އަޅާބަލައިރު، މާ ކުޅަދާނަ އަސްކަރީ ޓްރެއިނިންތަކެއް ވެސް ފުރިހަމަކުރައްވައިގެން ތިއްބެވި ބޭފުޅުންނެއް ވެސް ނުމެ ނޫންމެއެވެ. އެންމެ ފުރަތަމަ ގިނިކަންޏާ "ކަޅުއޮއްފުންމީ"ގައި މާކަނޑަށް ނުކުމެވަޑައިގެންއިރު ރާއްޖޭ ސަލާމަތްކޮށްދެއްވަންވީ ނޫންތޯއޭ އެއްވެސް ރައްޔިތަކުވެސް ބުނެފައެއްނުވެއެވެ. އަމިއްލަ އެދުމެއްނެތި އެ ތަކުރުފާނު ނުކުންނެވީ ދީނާއި ގައުމަށްޓަކައެވެ. ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށްޓަކައެވެ. އޭގެ ފުރިހަމަ ހެއްކަކީ މިނިވަންކަން ލިބުމަށްފަހު ރާއްޖޭގައި ފުރަތަމަ ފަހަރަށް ހަގުބޭކަލުން އުފައްދަވައި އެބޭކަލުންނަށް މުސާރައެއް ކަނޑައަޅުއްވައިދެއްވުމެވެ. ދިވެހި އަސްކަރިއްޔާއެއް ވުޖޫދަށް ގެންނެވުމުން އެތަކުރުފާނު ރާއްޖޭގެ މިނިވަންކަމަށް ދެއްވި އަހައްމިއްޔަތު ހާމަވެއެވެ.

މިއަދު މިވާހަކަ ދައްކާއިރު މިނިވަންކަމަށް ބޭރުގެ ނުފޫޒު އޮތް މިންވަރު ބޮޑުތަނުންވަނީ އިތުރުވެފައެވެ. ރާއްޖޭގެ ފަސްގަނޑުން ބައެއްގެއްލި ރާއްޖޭގެ މިނިވަންކަން ގެއްލޭގޮތައް އަވައްޓެރި ގައުމެއްގެ ސިފައިން ގާއިމްވެތިބޭ ވާހަކަތަކަކީ ސިޔާސީ މަސްރަހުގައި ފަތުއަޑުކިޔާފައި ދެކެވޭ ވާހަކަތަކެކެވެ. އެހެންނަމަވެސް މިފަދަ ކަންތައްތަކަކީ އެއްދުވަހެއްގެ ދެދުވަހެއްގެ މަސައްކަތެއްވެސް ނޫނެވެ. އެތައް ސަރުކާރަކުން މިކަމަށްދިން ހިތްވަރުގެ ނަތީޖާއެވެ. އެހެންކަމުން ދިވެހި ވެރިކަމުގެ ސިންގާސަނާ އާއި ވެރިއަކު މަތިކުރަން ދިވެހިން އަނެއްކާވެސް ވިސްނަންވީއެވެ.

ދިވެހި ފަސްގަނޑުގެ މައްޗަށް އަތް ގަދަކުރުމަށް ބޭރުގެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ކޮންމެ މީހަކީ ދިވެހިންނަށް ވިޔަސް، ގައުމުގެ އަދުއްވުންގެ ގޮތުގައި ބަލަންޖެހޭނެކަން ތާރީހުން ދައްކައެވެ. އެހެނީ 19 މެއި 1558 ގައި ޕޯޗްގީޒުން ގެނެސް ރާއްޖޭގެ ތަހުތުގައި އިންނެވި އަލި ރަސްގެފާނު ޝަހީދުކޮށްލުމުގެ ފަހަތުގައިވާ ހާއިނަކީ ނުވަ ވަނަ ހަސަން ރަސްގެފާނެވެ. ނުވަ ވަނަ ހަސަން ރަސްގެފާނުފަދަ އެތައް ދިވެހިންނެއް ރާއްޖެވަނީ ދެކިފައެވެ. ވެރިކަމަށް އިސްވާ ފަރާތެއްވެސް އަދި ރައްޔިތުންވެސް ވިސްނަންވީ މިފަދަ ހާއިނުންނާމެދުގައެވެ.

މިބަލާލީ ގައުމީ ދުވަހެއްގެ އިތުރުން ގައުމަށް ވެރިއަކު އިސްކުރަން ހޭބޯނާރައި އުޅޭ ދުވަސްވަރެއްގައި ރައްޔިތުންވެސް އަދި ވެރިކަމަށް ކުރިމަތިލައްވައިގެން ތިއްބެވި ފަރާތްތަކުންވެސް ވިސްނަންޖެހޭ އެންމެ މުހިންމު ދެކަމުގެ މައްޗަށެވެ. މި ދެރުކުން ފުރިހަމަވެގެންނޫނީ މިއަދުވެސް ދިވެހި ދައުލަތުގެ ނަމެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ "އައްދައުލަތުލް މަޙަލްދީބިއްޔާ" ފުރިހަމަވަނީ ކޮންގޮތަކުންތޯއެވެ.

11 އަހަރާއި 6 މަސްދުވަހު ދިވެހިންނަށް އަދުލުވެރި ވެރިކަމެއް ކުރެއްވި މުހައްމަދު ތަކުރުފާނުގެ ރަސްކަމުގެ ޒަމާނަކީ ރައްޔިތުންގެ ހައްގުތައް ލިބިދެވި، ނިކަމެތިންގެ ހާޖަތްތައް ފުއްދާދެވި، ރާއްޖެ އެޒަމާނަށް ދެކިފައިނުވާ ދީލަތިކަމާއި އަދުލުވެރިކަމުގައި ރައްޔިތުން އުފާފާގަތިކަމާއެކު ތިބި ދުވަސްވަރެކެވެ. ދީނާއި ގައުމަށްޓަކައި އަމިއްލަ އެދުމެއްނެތި ބަސްބުނުމަށާއި ލޭ އޮހޮރުވާލުމަށް އެތަކުރުފާނު ދެއްކެވި ހިތްވަރާއި ފަންވަރުން މިއަދުގެ ވެރިންނާއި ކޮންމެ ދިވެހި ރައްޔިތަކުވެސް ވާންޖެހެއެވެ.

ވުމާއެކު ވެރިކަމަށް ވެރިން ކުރިމަތިލާންވީ މިކަންކަން ދެނެގެންނެވެ. ރައްޔިތުންވެސް ވިސްނަންވީ މިކަންކަމަށެވެ. "އަނދިރި ރަސްކަލެކޭ އަލި ރަސްކަލެކޭ ވާނީ އެއްގޮތޭ، އިސްލާމްދީނެކޭ ނަސާރާ ދީނެކޭ ވާނީ އެއްގޮތޭ" ބުނުމުގެ ބަދަލުގައި، އިސްލާމްދީނާއި މިނިވަންކަމުގެ ހައްގުގައި މޭ އައްޑަނައަކަށް ހަދާ ބަޔަކަށް ރައްޔިތުން ވާނެޖެހެއެވެ. ރައްޔިތުން އެއްފަރާތްކޮށްފައި އިސްލާމްދީނާއި މިނިވަންކަމާއި ރައްޔިތުންގެ ހައްގުތައް ނުބެލެހެއްޓޭނަމަ ވެރިން ދައްކަވާ ވާހަކަފުޅުގައި "ގައުމިއްޔަތޭ، ގައުމިއްޔަތޭ" ގޮވުމުގެ ބޭނުމެއްވެސްނެތެވެ.