ނިމިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައްޔިތުންގެ ތާއީދު ދަށްވީ، ވިޔާނުދާ ކޮރަޕްޓް ސަރުކާރުތައް ގެނެސްދިނުމަށް މަސައްކަތް ކޮށްދެވިފައިވާކަމުގެ ތުހުމަތު ރައްޔިތުން އެމަނިކުފާނުގެ ބޮލުގައި އަޅުވާތީކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، އިންތިހާބުގެ ދެވަނަ ބުރެއްގައި ތާއީދު ކުރާ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބޭއްވި ޖޭޕީގެ 160 ވަނަ ކައުންސިލް ބައްދަލުވުން ނިންމަވާލެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީން ނިންމީ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓެއްގެ ފަހަތަަށް ނޭރުމަށެވެ. ޤާސިމް ވިދާޅުވީ މިގޮތައް ނިންމެވީ ކޮންމެ ވެރިކަމެއްގެ ވެސް ނުރަގަނޅު ވާހަކަތައް ރައްޔިތުން ދައްކާތީ ކަމަށެވެ. އަދި މި ސަރުކާރު ތަކަކީ ޖޭޕީގެ ހިއްސާއާއެކު ގާއިމްވި ސަރުކާރުތަކެއް ކަމުން، އެ ސަރުކާރުތަކުން ކުރާ ކޮރަޕްޝަންގެ އަމަލުތަކާއި މިިނިވަންކަމަށް އަސަރުކުރުވާ ފަދަ އަމަލުތަކުގެ ޒިންމާއިން ބައެއް ޖޭޕީގެ ބޮލުގައިވެސް ރައްޔިތުން އަޅުވާކަމަށް ޤާސިމް ވިދާޅުވިއެވެ.
އެހެންނަމަވެސް ކޮންމެ ސަރުކާރެއްގައިވެސް ކުރާ ނުރަގަނޅު ކަންކަން ހުއްޓާލުމަށް އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވާފައި ވާކަން ޤާސިމް ފާހަގަކުރެއްވިއެވެ.
ޤާސިމް ވިދާޅުވީ ވަކި ކެންޑިޑޭޓެއްގެ ފަހަތައް ނޭރުއްވި ނަމަވެސް، އެމަނިކުފާނު ކުރަށްވަމުން ގެންދަވާ އިސްލާހީ މަސައްކަތްޕުޅު ހުއްޓާ ނުލައްވާނެކަމަށެވެ. ވޯޓު ދިނުމަކީ ރައްޔިތުންގެ ހައްގެއް ކަމަށް ވީއިރު ވޯޓު ދޭން ނުކުތުމަށް ޤާސިމް ވަނީ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.