މި މަހުގެ 30 ވަނަ ދުވަހު ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގައި، ޕްރޮގްރެސިވް ކޯލިޝަންގެ ލީޑަރު އަދި ރާއްޖޭގެ ކުރީގެ ރައީސް، އަބްދުﷲ ޔާމީނަށް ވޯޓުލެވޭނެކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް އަކީ، މިފަހަރުގެ އިންތިޚާބުގައި ވާދަކުރައްވަން ރައީސް ޔާމީން ކެންޑިޑެސީ ފޯމު ހުށަހެޅުއްވިއިރު އެމަނިކުފާނުގެ ރަނިންމޭޓުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ބޭފުޅާވެސް މެއެވެ. އެހެންނަމަވެސް ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމާ ގުޅިގެން، މި އިންތިޚާބުގައި އެމަނިކުފާނަށް ވާދަނުކުރެއްވުނީއެވެ.

މިއާއެކު މިފަހަރުގެ އިންތިޚާބުގައި ޕްރޮގްރެސިވް ކޯލިޝަން ތަމްސީލުކުރައްވަނީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުއެވެ.

ދިވެހީންގެރާއްޖެ ސްލޯގަންގައި ޑރ. މުއިއްޒު މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާއިރު، އެމަނިކުފާނަކީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނައިން ވޯޓު ހޯއްދެވި ކެންޑިޑޭޓެވެ. އިންތިޚާބުގައި ވޯޓުލީ 225،486 މީހުންގެ ތެރެއިން 101،635 މީހުން ވޯޓުލީ ޑރ. މުއިއްޒުއަށެވެ. އެއީ ވޯޓުލީ މީހުންގެ 45.07 އިންސައްތައެެ. އެހެންނަމަވެސް އިންތިޚާބުގެ ފުރަތަމަ ބުރުގައި ޑރ. މުއިއްޒު ހޯއްދެވި ބޮޑު ކާމިޔާބީގެ ފަހަތުގައި، ރައީސް ޔާމީންގެ ވޯޓެއް ނުހިމެނެއެވެ. އެއީ ފުރަތަމަ ބުރުގައި އެމަނިކުފާނު ވޯޓު ނުލައްވާތީއެވެ.

ފުރަތަމަ ބުރުގައި ރައީސް ޔާމީން ވޯޓުނުލެއްވި ސަބަބު ހާމަކުރައްވައި ޑރ. ޖަމީލް ވިދާޅުވީ، ރައީސް ޔާމީނަށް ފުރަތަމަ ބުރުގައި ވޯޓުލެއްވޭނެކަމަށް އުންމީދުކުރެއްވި ކަމަށާއި އެހެންނަމަވެސް އެމަނިކުފާނަށް އެ އިންތިޒާމް ހަމަޖެހިގެން ނުދިޔަކަމަށެވެ. ދެވަނަ ބުރުގައި ރައީސް ޔާމީން ވޯޓުލައްވާނެކަމުގެ ޔަގީންކަން ދެއްވައި ޑރ. ޖަމީލް ވިދާޅުވީ، ދެވަނަ ބުރުގައި ވޯޓުލެއްވުމުގެ އެންމެހާ އިންތިޒާމްތައް މިހާރު ފުރިހަމަ ކުރައްވާފައިވާކަމަށެވެ.

އިންތިޚާބުގެ ދެވަނަ ބުރުގައި ޑރ. މުއިއްޒުއާ ވާދަކުރައްވާނީ ފުރަތަމަ ބުރުގައި ދެވަނަ ލިބިވަޑައިގަތް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙެވެ. އެމަނިކުފާނަށް ފުރަތަމަ ބުރުގައި ލިބިވަޑައިގަތީ 86،161 މީހުންގެ ވޯޓެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބަކީ ރާއްޖޭގެ ތާރީޚުގައި ވެސް، ރިޔާސީ އިންތިޚާބެއްގައި އެންމެ ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރެއްވި އިންތިޚާބެވެ. މިފަހަރުގެ އިންތިޚާބުގެ ފުރަތަމަ ބުރުގައި އަށް ކެންޑިޑޭޓަކު ވާދަކުރެއްވިއެވެ. އެއީ އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރާއި، ޑިފެންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަލްއުސްތާޛް ޙަސަން ޒަމީލް އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ފާރިސް މައުމޫންގެ އިތުރުން ޕާޓީތަކުގެ ޓިކެޓުގައި ވާދަކުރެއްވި ފަސް ކެންޑިޑޭޓެކެވެ. ރައީސް ޞާލިޙާއި ޑރ. މުއިއްޒުގެ އިތުރުން ދެން ޕާޓީތަކުން މި އިންތިޚާބުގައި ވާދަކުރެއްވީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުގެ ގޮތުގައި އެ ޕާޓީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހީމާއި، ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސް ލަބީބުގެ އިތުރުން، މޯލްޑިވްސް ނެޝަނަލް ޕާޓީގެ ޓިކެޓުގައި މުހައްމަދު ނާޒިމެވެ.