އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމްވެތިބޭ 4 ސަރަހައްދުގެ ތެރޭގައި ހިމެނޭ އުތުރު ތިލަފަޅަކީ އިންޑިއާގެ އަސްކަރީ ބޭސްއެއް ނޫންކަމަށާއި، އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިން ނުތިބޭނެކަމަށް މިނިސްޓްރީ އޮފް ޑިފެންސުން ބުނެފިއެވެ.
އެ މިނިސްޓްރީން އާންމުކުރި ބަޔާނެއްގައި ވަނީ، ސިޔާސީ މަގުސަދެއް ހާސިލްކުރުމަށްޓަކައި ދިވެހި ސިފައިންނާއި ސިފައިންގެ މުއައްސަސާގެ އަގުވައްޓާލައި ސިފައިންގެ ކުރިމަގުގެ ތަރައްގީއަށް އުނިކަން އަންނަގޮތައް ހަގީގަތާއި ހިލާފް ޕްރޮޕެގެންޑާ ފަތުރަމުންދާކަން ފާހަގަވެފައިވާކަމަށެވެ. މިގޮތުން މާލެއަތޮޅު އުތުރު ތިލަފަޅުގައި ތަރައްގީކުރަމުންދާ "އެކަތަ" ބަނދަރަކީ އިންޑިއާގެ "މިލިޓަރީ ބޭސް"އެއްކަމަށް ބުނެ ފަތުރަމުންދަނީ ހަގީގަތާއި ހިލާފް ދޮގު ހަބަރެއްކަން މިނިސްޓްރީގެ ބަޔާނުގައިވަނީ ފާހަގަކޮށްފައެވެ. އަދި މި ބަނދަރަކީ ދިވެހި ސިފައިންގެ ކޯސްޓްގާޑް އުޅަނދުފަހަރު ބޭއްވުމަށާއި އަދި އެ އުޅަނދުތައް މަރާމާތުކުރުމަށްޓަކައި ތަރައްގީކުރަމުންދާ ބަނދަރެއްކަމަށް ވެސް ބުނެފައިވެއެވެ.
އެގޮތުން އުތުރުތިލަފަޅާ ގުޅޭގޮތުން އެންމެ ފުރަތަމަ އިންޑިއާ ސަރުކާރާއެކު މަޝްވަރާކޮށްފައިވަނީ 2013 ވަނަ އަހަރު އޭރުގެ ސަރުކާރުގެ ދިފާއީ ވަޒީރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައިކަމަށް ބަޔާނުގައިވަނީ ބުނެފައެވެ. އެ ދަތުރުފުޅުގައި އޭރުގެ ސަރުކާރުން އުތުރުތިލަފަޅުގައި އަސްކަރީ ބޮޑު މަޝްރޫއެއް ހިންގުމަށްޓަކައި އެ ސަރުކާރުގެ ތަސައްވުރާއި، ކޮންސެޕްޓް ޑިޒައިން އިންޑިއާ ސަރުކާރަށް ހުށައެޅިކަމަށް ބަޔާނުގައިވެއެވެ. މީގެއިތުރުން، 2016 ވަނަ އަހަރު ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ސޮއިކުރެވިގެންދިޔަ އެއްބަސްވުމުގައިވެސް އިންޑިއާ ސަރުކާރާ ގުޅިގެން އުތުރު ތިލަފަޅުގައި ބޮޑު އަސްކަރީ މަޝްރޫއެއް ހިންގަން އޮތީ އެއްބަސްވެފައިކަން ބަޔާނުގައިވަނީ ފާހަގަކޮށްފައެވެ.
ކުރީގެ ސަރުކާރުން 2013 ވަނަ އަހަރު ހުށައަޅާފައިވާ ބޮޑު އަސްކަރީ މަޝްރޫއުގެ ސްކޯޕް ހަނިކޮށް، މި ސަރުކާރުން 2019 ވަނަ އަހަރު އުތުރު ތިލަފަޅުގައި ކޯސްޓްގާޑް އުޅަނދުފަހަރު އަޅާފައި ބާއްވާނެ ބަނދަރަކާއި އަދި އުޅަނދުފަހަރު މަރާމާތުކުރާނެ ޑޮކްޔާޑެއް ތަރައްގީކުރުމަށް ހަމަޖައްސާފައިވާކަމަށް ބަޔާނުގައިވަނީ ބުނެފައެވެ.
އެ ބަޔާނުގައިވާ ގޮތުން، "އެކަތަ ބަނދަރާއި" އުތުރުތިލަފަޅުގައިވާ ހުރިހާ ވަސީލަތްތަކަކީ ވެސް ދިވެހި ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ދިވެހިންގެ އަމިއްލަ މިލްކިއްޔާތެކެވެ. އަދި މި ސަރުކާރުން ދިވެހިންގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމަކަށް ޖާގަނުދޭނެކަމުގެ ޔަގީންކަންވެސް ބަޔާނުގައިވަނީ ދީފައެވެ.
ބަޔާނުގައިވަނީ، ސިޔާސީ ގޮތުން މިފަދަ ހައްސާސް ދަނޑިވަޅެއްގައި ސިފައިންގެ ތަރައްގީއަށް ހިންގޭ ކަންކަމަށް ހުރަސްއަޅައި ނަފްރަތު އުފެއްދުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް އިލްތިމާސްކޮށްފައެވެ. އަދި ސިފައިންގެ އަގު ވައްޓާލައި އެ މުއައްސާއަށް ސިޔާސީ ނުފޫޒު ވެއްދުމަށް ސިޔާސީ ޕްރޮޕެގެންޑާ ފަތުރަމުން ދިއުމަކީ ކަންބޮޑުވާކަމެއްކަމަށް ވެސް ބަޔާނުގައިވަނީ ބުނެފައެވެ.
އެހެންކަމުން ސިފައިންގެ އިތުބާރު ގެއްލުވާލުވާލުމަށާއި ސިފައިންގެ ސަފުތައް ގުޑުވާލުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް ދިފާއީ ވަޒީރު އަލްއުސްތާޒާ މާރިޔާ އަހުމަދުދީދީ އިލްތިމާސްކުރައްވާކަމަށް ވެސް ބަޔާނުގައިވަނީ ބުނެފައެވެ.
އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިން ނުތިބޭނެކަމަށް އަސްކަރިއްޔާއިން ބުނިއިރު ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫއަރާގޮތައް ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމްވެ އަސްކަރީ ބާރު ރާއްޖެއިން ކަނޑުވާލުމުގެ ކަންބޮޑުވުން ފާޅުކުރައްވައި ސިޔާސީ ގިނަ ފަރާތްތަކުން އަންނަނީ ވާހަކަދައްކަވަމުންނެވެ.