ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓު ލާން ބޭނުންވާ ފަރާތްތަކުން މިއަދު ހަވީރު 4:00 ގެ ކުރިން ރީ-ރަޖިސްޓަރީ ކުރަން އިލެކްޝަން ކޮމިޝަނުން އިލްތިމާސް ކޮށްފިއެވެ.

އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ކުރެއްވި ޕޯސްޓެއްގައި ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ރީ-ރެޖިސްޓްރޭޝަންގައި ފުރަތަމަ ދުވަހު 9،206 މީހުން ރީ-ރަޖިސްޓަރީ ކުރަން ފޯމު ހުށަހެޅިއިރު، ދެވަނަ ދުވަހު 16،287 ފަރާތަކުން ރީ-ރަޖިސްޓަރީ ކުރަން ފޯމު ހުށަހަޅާފައި ވާކަމަށެވެ. އެއާއެކު މިހާތަނަށް ޖުމްލަ 25،493 ފޯމު ރީ-ރަޖިސްޓަރީ ކުރަން ހުށަހަޅާފައިވާކަން ހަބީބު ފާހަގަކުރެއްވިއެވެ.

މީގެ ތެރެއިން ފުރަތަމަ ދުވަހު 7،267 ފޯމު އަދި ދެވަނަ ދުވަހު 11،082 ފޯމާއެކު އޮންލައިންކޮށް ރީ-ރަޖިސްޓްރީ ކުރަން ޖުމްލަ 18،349 ފޯމު ހުށައަޅާފައިވާކަމަށް ހަބީބު ވިދާޅުވިއެވެ.

މި ފޯމުތަކުގެ ތެރެއިން މިހާތަނަށް، ދެވަނަބުރުގައި، 10،271 މީހުން ރީ-ރަޖިސްޓަރީ ކޮށްދެވިފައިވާކަމަށާއި މި ފޯމުތަކުގެ ތެރެއިން އެކިއެކި ސަބަބުތަކާ ހުރެ، މިހާތަނަށް 1،546 ފޯމު ރިޖެކްޓް ވެފައިވާކަމަށްވެސް ހަބީބު ވިދާޅުވިއެވެ. ފޯމުތައް ގަބޫލު ނުކުރަނީ ހުށަހަޅަންޖެހޭ ހުރިހާ މަޢުލޫމާތު ފުރިހަމަ ނުވާތީކަމަށާއި އޮންލައިންކޮށް ހުށަހަޅާފައިވާ ފޯމުތަކުން ބައެއް ފޯމުތައް ޕެންޑިންކަމަށްވެސް ދައްކާކަމަށް ހަބީބު ވިދާޅުވިއެވެ. ހަބީބު ވިދާޅުވީ އޮންލައިން ފޯމުތައް ޕެންޑިންކަމަށް ދައްކަނީ އެ ފޯމުތަކުގެ ވެރިފިކޭޝަން މަރުޙަލާ މުޅިން ނުނިމޭތީކަމަށެވެ.

އެހެންކަމުން ފޯމުތަކުގެ ސައްހަކަން ކަށަވަރުވިހާ އަވަހަކަށް ރީ-ރަޖިސްޓަރީ ކުރެވުނުކަމުގެ މެސެޖް ލިބޭނެކަމަށާއި އެމީހަކު ވޯޓުލާން ރަޖިސްޓަރީ ވެފައިވަނީ ކޮންތަކަށްތޯ މިހާރުން މިހާރަށްވެސް ޗެކް ކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ހަބީބު ފާހަގަ ކުރެއްވިއެވެ. އަދި މައުލޫމާތު ޗެކް ކުރުމަށާއި އިތުރު މައުލޫމާތު ހޯއްދެވުމަށް 1414 ގުޅުއްވުމަށް ވެސް ހަބީބުވަނީ އެދިއްލައްވާފައެވެ.

އިންތިޚާބުގެ ދެވަނަ ބުރު މި މަހުގެ 30 ވަނަ ދުވަހު ބާއްވައިރު އެ ދުވަހުގެ ކުރިން 18 އަހަރު ފުރޭ ޒުވާނުންނަށް ވެސް ދެވަނަ ބުރުގައި ވޯޓު ލެވޭނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

އެގޮތުން، ދެވަނަ ބުރުގައި އިތުރު 403 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބޭނެއެވެ. މިއާއެކު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ޙައްޤުލިބިފައިވާ މީހުންގެ ޖުމްލަ ޢަދަދަކީ 282،803 މީހުންނެވެ.