ރާއްޖޭއާއި ޗައިނާއާއި ދެމެދު އޮތް ގުޅުމަށް ބުރޫއަރައި އެ ގުޅުން ހީނަރުވާފަދަ ދޮގު ހަބަރުތައް ފެތުރުން މީޑިއާތަކުން ހުއްޓާލުމަށް ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީއިން ގޮވާލައިފި އެވެ.

ޗައިނާ އެމްބަސީން އާއްމުކުރި ބަޔާނެއްގައިވަނީ ޗައިނާއިން އަބަދުވެސް މަސައްކަތް ކުރަނީ އެހެން ގައުމުތަކުގެ ދާހިލީ ކަންކަމާ ނުބެހުމަށްކަމަށެވެ.

އަދި ޗައިނާއިން ރާއްޖޭގައި ކޮށްފައިވާ އުމްރާނީ ތަރައްގީގެ މަސައްކަތްތަކަކީ ހަމައެކަނި ރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާއީ ކުރިއެރުމަށް ކުރެވިފައިވާ މަސައްކަތްތަކެއްކަން ބަޔާނުގައިވަނީ ފާހަގަކޮށްފައެވެ.

އެހެންނަމަވެސް ރާއްޖޭގެ ބައެއް މީޑިއާތަކުން ފަތުރަމުންދާ ހަބަރުތަކުގައި ދެ ގައުމުގެ ދެމެދު އޮތް ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުމަށް އަސަރުކުރުވާފަދަ ދޮގު ހަބަރުތައް ހިމެނޭކަން ފާހަގަވެފައިވާކަމަށާއި މީގެ ސަބަބުން އާއްމު ރައްޔިތުންގެ މެދުގައި ޗައިނާއާ ދޭތެރޭ ނަފުރަތު އުފެދޭނެ ކަމަށް ގަބޫލުކުރާ ކަމަށްވެސް އެމްބަސީން ބުނެފައިވެ އެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ މި ފަދަ ދޮގު ހަބަރުތައް ފަތުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާ އެކަން ތަހުގީގުކުރުމަށް ދިވެހި ސަރުކާރުގެ ކިބައިން ޗައިނާއިން މިހާރު އެދިފައިވާނެ ކަމަށެވެ.

ޗައިނާއިން މިފަދަ ބަޔާނެއް ނެރެފައިވާއިރު މީގެ ކުރިން އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން ހީނަރުކުރުމުގެ ގޮތުން ދޮގު ޚަބަރު ފަތުރަމުންދާ ކަމަށް ބުނެ އެފަދަ ޚަބަރު ފަތުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅައިދިނުމަށް އިންޑިއާ ހައި ކޮމިޝަނުންވެސް ވަނީ ދިވެހި ސަރުކާރުގެ ކިބައިން އެދެފައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމަށް 13 ދުވަހަށްވެފައިވާއިރު އިންތިހާބުގައި ވާދަކުރާ ދެ ޕާޓީންވެސް އަންނަނީ އެއް ބަޔަކު އަނެއްބަޔަކަށް ކުރިމަތިކުރާ ބަހުގެ ހަމަލާތަކުގެ ތެރެއަށް އިންޑިއާއާއްި ޗައިނާ ވައްދަމުންނެވެ.

އެގޮތުން އެމްޑީޕީ ސަރުކާރުތަކުން ގެންގުޅޭ އިންޑިއާ ފަސްޓް ޕޮލިސީގެ ދަށުން ގައުމީ ސަލާމަތަށް ނުރައްކާވާ މިންވަރަށް ރާއްޖޭގެ އެކި ސަަރަހައްދު ތަކުގައި އިންޑިއާ ސިފައިން ގާއިމްވެ ތިބޭ މައްސަލައިގައި އިދިކޮޅު ފަރާތްތަކުން އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި ޕީޕީއެމް ސަރުކާރުން އުމްރާނީ ތަރައްގީގެ މަސައްކަތްތަކުގައި ޗައިނާއާއެކު ގެންގުޅުނު ގާތް ޙާރިޖީ ސިޔާސަތުގެ ސަބަބުން ސަރުކާރުން އަންނަނީ އެފަރާތްތަކަށް ފާޑުކިޔަމުންނެވެ.