ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރީ-ރަޖިސްޓްރީކުރަން ހުޅުވާލި ފުރުސަތުގައި މިހާތަނަށް ޖުމްލަ 25،493 ފޯމު ހުށައަޅާފައިވާކަން އިލެކްޝަންސް ކޮމިޝަނުން ހާމަކުރުމާއި ގުޅިގެން، އިންތިހާބުގައި ވާދަކުރާ ދެ ޕާޓީގެ ލީޑަރުންނާއި މެމްބަރުން އެއްބަޔަކު އަނެއްބަޔަކަށް ބަހުގެ ހަމަލާތައް އަމާޒުކުރަން ފަށައިފިއެވެ.

ކޮމިޝަނުން އެންމެފަހުން އާންމުކުރި މައުލޫމާތަށް ބަލާއިރު، މިހާތަނަށް 10،271 މީހުން ދެވަނަ ބުރުގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީކޮށްދީފައިވެއެވެ. އަދި މިހާތަނަށް 1،546 ފޯމު ރިޖެކްޓް ވެފައިވާކަމަށް ވެސް ކޮމިޝަނުން ވަނީ މައުލޫމާތުދީފައެވެ.

މިކަމާ ގުޅިގެން އިންތިހާބުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުގެ ފަރާތުން ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، މިހާ ކުރު މުއްދަތެއްގެ ތެރޭގައި އެހާ ގިނަ އަދަދެއްގެ މީހުން ރީ-ރަޖިސްޓަރ ކުރުމަކީ ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމެއް ކަމަށެވެ. މިކަމަކީ ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ބަލާދިނުމަށް، ޕާޓީތަކާއި އިންޓަނޭޝަނަލް މޮނިޓަރުންނާއި އޮބްޒާވަރުން އަދި ކަމާބެހޭ ފަރާތްތަކަށް ޑރ. މުއިއްޒުވަނީ ގޮވާލާފައެވެ.

ޕްރޮގްރެސިވް ކޯލިޝަނުގެ އިސް ފަރާތްތަކުން ތުހުމަތުކުރާގޮތުން އޮންލައިންކޮށް ރީރެޖިސްޓްރީ ވުމަށް އިލެކްޝަންސް ކޮމިޝަނުން ހަދާފައިވާ ޕޯޓަލްގެ އެޑްމިން އެކްސެސްއަށް ވަދެ ސަރުކާރު ހިއްސާވާ އެމްޑީޕީން އަންނަނީ އިންތިހާބުގެ ނަތީޖާ އޮޅުވާލުމަށް މަސައްކަތްކުރަމުންނެވެ. އެއާއެކު ފޯމުތަކުގެ ސައްހަކަން ކަށަވަރުކޮށްފައިނޫންގޮތަކަށް އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ނުބޭއްވުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އަންނަނީ ގޮވާލަމުންނެވެ.

އެހެންނަމަވެސް މުއިއްޒުއަށް ރައްދު ދެއްވައި އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވީހާވެސް ގިނަ ރައްޔިތުން އެ ރައްޔިތުންގެ ވޯޓު ދިނުމުގެ ހައްގުގެ ބޭނުން ހިފުމަށް އުޅުމަކީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކު ކަންބޮޑުވާންޖެހޭ ކަމެއް ނޫންކަމަށެވެ. އެއީ ހިތްވަރުދީ ވޯޓު ދިނުމުގެ ހައްގުގެ ބޭނުން ހިފާތީ އުފާކުރަންވީ ކަމެއްކަމަށް އަނަސް ވިދާޅުވިއެވެ.

ރީ-ރަޖިސްޓްރޭޝަން މައްސަލައިގައި ދެ ޕާޓީގެ މެމްބަރުން އެއްބަޔަކު އަނެއްބަޔަކަށް ބަހުގެ ހަމަލާތައް އަމާޒުކުރަމުންދާއިރު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ދިމާކޮށް ބައެއް ސްކޫލުތަކުގެ ދަރިވަރުންގެ އައިޑީކާޑު ހޯދަން ގުޅާ މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ. އަދި ރީ-ރަޖިސްޓްރޭޝަނަށް ހުށަނާޅާ ފަރާތްތަކަކަށް ރީ-ރަޖިސްޓަރވިކަމުގެ މެސެޖު ލިބިފައިވާ ފޮޓޯތަކެއްވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.