ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް ދިން މުއްދަތު އިތުރުކޮށްދިނުމަށް، ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަދި އެމްޓީޑީގެ ރައީސް އަހްމަދު އަދީބުގެ ފަރާތްޕުޅުން އެދިވަޑައިގެންފިއެވެ.
މިއީ މި މުއްދަތު އިތުރުކޮށްދިނުމަށް އެދި އަދީބުގެ ފަރާތްޕުޅުން އެދިވަޑައިގަތް ތިންވަނަ ފަހަރެވެ.
ބޭސްފަރުވާއަށް އަދީބް ފުރާވަޑައިގެންނެވީ ޖުލައި މަހުގެ 11 ވަނަ ދުވަހުއެވެ. އޭނާއަށް އޭރު ހުއްދަ ދީފައިވަނީ 10 ދުވަހަށް ރާއްޖެއިން ބޭރަށް ދިއުމަށެވެ. މި މުއްދަތު ހަމަވެފައިވަނީ، އެ މަހުގެ 21 ވަނަ ދުވަހުއެވެ. މުއްދަތު ހަމަވުމުން މުއްދަތު އިތުރުކޮށްދިނުމަށް އެދި އަދީބުގެ ފަރާތްޕުޅުން ކަރެކްޝަންސްގައި އެދުމުން، 38 ދުވަހަށް މި މުއްދަތު ވަނީ އިތުރުކޮށްދީފައެވެ.
އެފަހަރު އިތުރުކޮށްދިން މުއްދަތު ހަމަވީ އޮގަސްޓު މަހުގެ 28 ވަނަ ދުވަހުއެވެ. މިއާއެކު އަނެއްކާވެސް މުއްދަތު އިތުރުކޮށްދިނުމަށް އަދީބުގެ ފަރާތްޕުޅުން އެދިވަޑައިގަތުމުން، މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ވަނީ މުއްދަތު އިތުރުކޮށްދީފައެވެ. އެ މުއްދަތު ވެސް މިހާރު ހަމަވެފައިވާއިރު، ތިންވަނަ ފަހަރަކަށް މި މުއްދަތު އިތުރުކޮށްދޭން އަދީބުގެ ފަރާތްޕުޅުން އެދިވަަޑައިގެންފައިވާކަމަށް ކަރެކްޝަންސް އިން މައުލޫމާތުދެއެވެ.
އަދީބުގެ ފަރާތްޕުޅުން ތިންވަނަ ފަހަރަކަށް ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދޭން އެދިވަޑައިގެންފައިވާއިރު، އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް ޕާޓީ (އެމްޓީޑީ) އިން ބުނި ގޮތުގައި އަދީބް ސިންގަޕޫރަށް ވަޑައިގެންނެވީ އެކި ހޮސްޕިޓަލްތަކުގެ އެތައް ޑޮކްޓަރުންގެ ލަފާގެ މަތިން، ފުރާނައަށް ނުރައްކާތެރި ބައްޔަކަށް ފަރުވާ ހޯދުމަށެވެ.
ފުރާނައަށް ނުރައްކާވާ ޒާތުގެ، ނާރުގެ ބަޔަކަށް ފަރުވާ ހޯއްދެވުމަށް އަދީބް ވަޑައިގަތީ ސިންގަޕޫރަށެވެ. ރާއްޖޭން ބޭރުގައި ހުންނަ މުއްދަތުގައި ކަރެކްޝަންސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން އޭނާ މޮނިޓަރ ކުރަމުން ގެންދާނެކަމަށް ކަރެކްޝަންސްއިން ބުނެފައިވެއެވެ.
ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ އަދީބަށް ދީފައިވާއިރު، އޭނައަށް ވަނީ މިފަހުން އައިޖީއެމްއެޗްގެ އެމެޖެންސީގައި ފަރުވާދީފައެވެ.
އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ވަގަށްނެގިކަމުގެ ކުށް އަދީބްގެ މައްޗަށް ސާބިތުވެ 20 އަހަރަށް ޖަލަށް ލާން ހުކުމްކުރި ނަމަވެސް ދައުލަތާ އެކު ހަދާފައިވާ އިއުތިރާފުގެ އެއްބަސްވުމެއްގެ ދަށުން އޭނާ ހުންނެވީ ގޭ ބަންދުގައެވެ.
އަދީބް ފުރަތަމަ ގޭބަންދަށް ބަދަލުކުރަން ހައިކޯޓުން އަމުރުކުރީ 2018 ވަނަ އަހަރު އޭނާއަށް އެކަށީގެންވާ ސިއްހީ ފަރުވާ ނުލިބޭކަމަށް ބުނެ އޭނާގެ ފަރާތުން އެކޯޓަށް މައްސަލައެއް ހުށަހެޅުމުންނެވެ.