ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އެ ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހީމްގެ ސްޕެޝަލް އެޑްވައިޒަރު އަޒްލީން އަހުމަދު އައްޔަން ކޮށްފިއެވެ.
އެ ޕާޓީގެ އިސްތަރުޖަމާނު އަލީ ޞާލިޙް މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ޕާޓީގެ އެސްޖީގެ މަގާމަށް މިއަދުން ފެށިގެން ގާސިމް އިބްރާހީމް، އަޒްލީން އައްޔަން ކުރައްވާފައި ވާކަމަށެވެ.
އެ މަގާމަށް އަޒްލީން އައްޔަން ކޮށްފައި މިވަނީ ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފް އިއްޔެ އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ އިއްޔެ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމަށް ފަހުއެވެ. އެ މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް އޭނާ ޕާޓީން ވަކިވެފައެއް ނުވެއެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓަރު ކަން ވެސް ކުރައްވާފައިވާ އަޒްލީން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވީ 2019 ވަނަ އަހަރުގެ އޮގަސްޓް މަހުއެވެ. ގާސިމް އިބްރާހީމްގެ އެޑްވައިޒަރުންގެ ގޮތުގައި ކުރިން ތިއްބެވި ބޭފުޅުން ސްޕެޝަލް އެޑްވައިޒަރުންގެ ގޮތުގައި ހަމަޖެއްސެވީ މިދިޔަ މާޗް މަހު ބޭއްވި ޖޭޕީގެ 152 ވަނަ ކައުންސިލް ބައްދަލުވުމުގައެވެ.