ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުމާއެކު ނިމިގެން މިދިޔައީ މެޗެއްގެ ފުރަތަމަ ހާފު ކަމަށާއި، ފުރަތަމަ ހާފުގައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަތް ނަމަވެސް، ދެވަނަ ހާފުގައި ފަސް ލަނޑު ޖަހައިގެން މި މެޗު ކާމިޔާބުކުރައްވާނެކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިފަދައިން ވިދާޅުވީ، ހޮނިހިރު ދުވަހުގެރޭ ބޭއްވި އެމަނިކުފާނުގެ ރިޔާސީ ކެމްޕޭން އިވެންްޓެއްގައި ވާހަކަދައްކަވަމުންނެވެ.

މި އިވެންޓުގައި ވާހަކަދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ތައްޔާރުވަމުން ގެންދަވަނީ ބޮޑު އަގުލަބިއްޔަތަކުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބުކުރެއްވުމަށް ކަމަށެވެ.

ރައީސް ވިދާޅުވީ، ފާއިތުވަމުން މިދާ ފަސް އަހަރުގެ ތެރޭގައި ރާއްޖެއަށް ލިބުނު އަމާންކަމާއި ހަމަޖެހުމުގެ ސަބަބުން، މިގޮތަށް މިކަން ކުރިއަށްދާނެކަމުގެ ޔަގީންކަމެއް ލިބިފައި އޮތުމުން އިންތިޚާބުގެ ފުރަތަމަ ބުރުގައި ގިނަބަޔަކު ހަމަޖެހިލައިގެން ގޭގައި ތިބީ ކަމަށެވެ. އެހެންނަމަވެސް ފުރަތަމަ ބުރުގައި ލިބުނު ނަތީޖާއާއެކު، އެގޮތަށް ގޭގައި މަޑުކޮށްލައިގެން ނުތިބެވޭނެކަން އެނގުމުން މުޅި މާލެ އެކުއެކީގައި މިއަދު ނުކުމެ، ދެވަނަ ބުރު ކާމިޔާބު ކުރުމުގެ މަސައްކަތް ފަށައިފިކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

އެއަށްފަހު އިންތިޚާބުގެ ދެބުރު، ފުޓުބޯޅަ މެޗެއްގެ ގޮތުގައި ސިފަކުރައްވައި ރައީސް ވިދާޅުވީ، މެޗުގެ ފުރަތަމަ ހާފު ނިމުމަކީ އަދި މެޗު ނިމުން ނޫން ކަމަށެވެ. ބައެއް ފަހަރު ފުރަތަމަ ހާފުގައި ޓީމުތަކަށް ނާކާމިޔާބީއާ ކުރިމަތިވި ނަމަވެސް، ދެވަނަ ހާފުގައި ވަރުގަދަ ރޫހެއްގައި ނުކުމެ ފަހަތުން އަރައި މެޗު ކާމިޔާބުކުރެވޭކަން ރައީސް ފާހަގަކުރެއްވިއެވެ.

ހާފް ޓައިމުގައި ޗޭންޖިންގ ރޫމަށް ވަދެ، ޓީމަށް ބަދަލުތަކެއް ގެނެސްފައިވާނެ ކަމަށާއި، ދެވަނަ ބުރުގައި ކުޅޭނެގޮތް އިންތިޒާމުކޮށްފައިވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ދެވަނަ ބުރުގައި ޓީމު ނުކުންނާނީ "އެޓޭކު މޫޑް" ގައި ކަމަށް ރައީސް ވިދާޅުވިއެވެ.

"އާދެ އަޅުގަނޑުމެން ނުކުމެ މި ތިބީ މެޗަކަށް. ފުރަތަމަ ހާފު ނިމިއްޖެ. ފުރަތަމަ ހާފު ނިމުމަކީ މެޗު ނިމުމެއް ނޫން. ބައެއްފަހަރު ފުރަތަމަ ހާފުގައި ތިން ލަނޑު އެއް ލަނޑުން، ހަތަރު ލަނޑު އެއް ލަނޑުން ބަލިވޭ. އެއްބަޔަކު މޮޅުވޭ. އަޅުގަނޑުމެން މިއަދު ނުކުމެ މިތިބީ އެގޮތަށް ބަލާނަމަ ތިނެއް އެކެއްގެ ތަފާތަކުން. އިރާދަކުރެއްވިއްޔާ ދެވަނަ ހާފުގައި އަޅުގަނޑުމެން ނުކުމެ، އެވަރަށް ހަމަކޮށް އިތުރަށް ދެ ލަނޑު ޖަހައި، ފަސް ލަނޑު ތިން ލަނޑުން އިރާދަކުރެއްވިއްޔާ މި މެޗު ކާމިޔާބުކުރާނަން. ހާފް ޓައިމުގައި އަޅުގަނޑުމެން ޗޭންޖިންގ ރޫމަށް ވަދެ ރާވާލައިފިން. ދެވަނަ ބުރު އަޅުގަނޑުމެން ކުޅޭނެގޮތް އިންތިޒާމުކޮށްލައިފިން. ބައެއް މަގާމުތަކަށް ކުޅޭ ބައެއް މީހުން ބަދަލުވެސް ކޮށްލައިފިން. ބުންވަރު ހުރި މީހުން އަޅުގަނޑުމެން ކުރިއަށް ނެރެފިން. މިހާރު މިދަނީ އެޓޭކް މޫޑުގައި".
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިޙް

މެޗުގެ ފުރަތަމަ ހާފުގައި ކުރިމަތިވެވަޑައިގަތް ނާކާމިޔާބީގެ ސަބަބުން، އެކަން ބަދަލުކޮށް ދެވަނަ ބުރުގައި ކުރިމަތިލާނެގޮތް ރާވާފައިވާކަން ރައީސް ޞާލިޙް ހާމަކުރެއްވިއިރު، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް ޞާލިޙަށް ލިބިވަޑައިގަތީ ދެވަނައެވެ. ޖުމްލަ އަށް ކެންޑިޑޭޓަކު ވާދަކުރި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް ޞާލިޙަށް ދެވަނަ ލިބިވަޑައިގަތީ، ވޯޓުލީ 225،486 މީހުންގެ ތެރެއިން، 86،161 މީހުންގެ ވޯޓާއެކުއެވެ. ފުރަތަމަ ބުރުގައި އެންމެ ގިނައިން ވޯޓު ހޯއްދެވީ ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، ޑރ. މުހައްމަދު މުއިއްޒުއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.