ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ގިނަބަޔަކު ރީ-ރަޖިސްޓަރ ކުރަމުންދަނީ، ޕްރޮގްރެސިވް ކޯލިޝަންގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުއަށް ވެރިކަން ލިބިވަޑައިގެންފާނެތީ އެކަމާ ބިރުންކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
މެމްބަރު ރޮޒައިނާ މިފަދައިން ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރީ-ރަޖިސްޓްރީކުރަން ހުޅުވާލި ފުރުސަތުގައި މިހާތަނަށް ޖުމްލަ 25،493 ފޯމު ހުށައަޅާފައިވާކަން އިލެކްޝަންސް ކޮމިޝަނުން ހާމަކުރުމާއި ގުޅިގެން، އިދިކޮޅު ޕާޓީތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.
އެގޮތުން ކަންބޮޑުވުން ފާޅުކުރެއްވި އެއް ސިޔާސީ ޝަހުސިއްޔަތަކީ ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ. އީވާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިންތިޚާބުގެ ފުރަތަމަ ބުރުގައި އެތައް ބަޔަކު ވޯޓުލުމުގެ ހައްގުގެ ބޭނުން ނުހިފައި ވަނިކޮށް، ކުއްލިއަކަށް ގިނަބަޔަކު ވޯޓުލާން ރީ-ރަޖިސްޓްރީވުން އެއީ ސުވާލުއުފެދޭ ކަމެއް ކަމަށެވެ. ރިޔާސީ ކެމްޕެއިންގައި ރައީސް ޞާލިޙާއި އެމްޑީޕީން ރިޝްވަތުދީ، ކޮރަޕްޝަންގެ އަމަލުތައް ހިންގައި، ދައުލަތުގެ މުދާ ނަހަމަގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުކުރައްވައި އީވާ ވިދާޅުވީ، އިންތިޚާބު ގަޑުބަޑު ކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދެވޭކަން އިލެކްޝަންސް ކޮމިޝަނުން ކަށަވަރުކުރަން ޖެހޭ ކަމަށެވެ.
މި ޓުވީޓަށް ރައްދުދެއްވައި މެމްބަރު ރޮޒައިނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދެވަނަ ބުރުގައި ވޯޓުލުމަށް ގިނަ ބަޔަކު ރީ-ރަޖިސްޓަރ ވުން އެއީ ކަންބޮޑުވެ، ސުވާލު އުފައްދަންޖެހޭ ކަމެއް ނޫން ކަމަށެވެ. ފުރަތަމަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ އެތައް ބަޔަކު އެ ހައްގުގެ ބޭނުންނުކުރީ، އެއްބުރުން ރައީސް ޞާލިޙް އިންތިޚާބު ކާމިޔާބުކުރައްވާނެކަމަށް ގަބޫލުކުރެވޭތީ ކަމަށާއި، އެއާ ޚިލާފަށް މިފަހަރު ގިނަބަޔަކު ރީ-ރަޖިސްޓަރކޮށް އިންތިޚާބުގައި ވޯޓުލުމަށް ތައްޔާރުވަމުން ދަނީ، އަނިޔާވެރިއެއްގެ އަތްދަށަށް މި ގައުމުގެ ވެރިކަން ހިނގައިދާނެކަމުގެ ބިރު ހީވުމުން ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް ޞާލިޙާ ދެކޮޅަށް ނުކުންނަވަނީ، ފުރަތަމަ ބުރުގައި 45.07 އިންސައްތައާއެކު އެއްވަނަ ހޯއްދެވި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުއެވެ.
ދެވަނަ ބުރުގައި ވޯޓުލުމަށް ގިނަބަޔަކު ރީ-ރަޖިސްޓަރ ވުމަށް ހުށަހަޅާފައިވާތީ ސިޔާސީ ޕާޓީތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން ވަނީ، އޮޅުވާލައިގެން މި އިންތިޚާބުގެ އެއްވެސް ކަމެއް އީސީން ނުކުރާނެކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް ދީފައެވެ.