ޤަބުރުތައް މަތީ ޒިޔާރަތް ހެދުމަކީ ޝިރުކަށް ހުޅުވޭ މަގެއްކަމަށާއި އެއީ ކަނޑައެޅިގެން ޙަރާމްކަމެއްކަމަށް އައްޝައިޚް އާދަމް ނިޝާން ވިދާޅުވެއްޖެއެވެ.
ޝައިޚް މިފަދައިން ވިދާޅުވީ، ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް އަރިއަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އދ. ހަންޏާމީދޫއަށް ވަޑައިގެން، އެރަށުގައި ބޭއްވި ޖަލްސާއެއްގައި، އެރަށުގައި ހުންނަ ބޮޑުތަކުރުފާނުގެ ދަރިކަލުން ކަލާފާނުގެ ޒިޔާރަތް، ޓޫރިޒަމް ކުރިއެރުވުމަށާއި އާމްދަނީ އިތުރުކުރެވޭގޮތަށް ތަރައްގީކުރުމަށް ވެވަޑައިގަތް ވައުދާއި ގުޅިގެން ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައެވެ.
އެރަށުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ހަންޏާމީދޫއަކީ ތާރީހީ މުހިންމު ބިނާއެއް ހުންނަ ރަށަކަށްވުމާއެކު އެތަން ހިމާޔަތް ކުރެވޭގޮތަށް އެތަން ތަރައްގީކުރަންޖެހޭކަމަށެވެ. މި މަޝްރޫއުއަކީ ޓޫރިޒަމްގެ ކުރިއެރުމާއެކު ރަށަށް އާމްދަނީ އިތުރުކުރެވޭނެ ގޮތަކަށް ބައްޓަންކުރެވިގެން ކުރިއަށް ގެންދެވޭނެ މަޝްރޫއަކަށް ވެއްޖެނަމަ ޒުވާނުންނާއި ރަށުގެ ރަށްޔިތުންނަށް އާމްދަނީ އިތުރުވުމުގެ އިތުރުން ތާރީހީ މުހިންމު ބިނާއެއްވެސް ސަލާމަތްކުރެވިގެންދަނީކަން މުއިއްޒުގެ ވާހަކަފުޅުގައިވަނީ ފާހަގަކުރައްވާފައެވެ.
މިކަމާ ގުޅިގެން ޝައިޚް ނިޝާން ވިދާޅުވީ، ޓުއަރިމް ކުރިއެރުވުމުގެ މަޤްޞަދުގައި ކަމަށްވިޔަސް ޤަބުރުތައް މަތީ ޒިޔާރަތް ހެދުމަކީ ހަރާމްކަމެއްކަމަށެވެ.
ގަބުރުތައްމަތީ މިސްކިތް ބިނާކޮށް އަޅުކަންކުރުމާއި، ޒިޔާރަތްތައް ހަދައި ނަދުރުބުނުމާއި ގުރުބާންކުރުމާއި ބަރަކާތަށް އެދި ދުއާކުރުންފަދަ އަޅުކަންތައް ކުރުމަކީ ﷲ އާއި އެއިލާހުގެ ނަބިއްޔާ ނަހީކުރައްވާފައިވާކަމެކެވެ. އަދި އެފަދަ ތަންތަން އާބާދުނުކޮށް އެފަދަ އިމާރާތްތައް ތަޅާ ބިމާހަމަކުރުމަށް ނަބިއްޔާ އަންގަވާފައިވާކަން ވެސް ޝައިޚްވަނީ ޝަރުއީ ނައްސުން ބަޔާންކޮށްދެއްވާފައެވެ.